ހަބަރު

3989 ސިވިލް ސާވެންޓުން މެޓާނިޓީ ލީވް ނަގައިފި

ސިވިލް ސާވެންޓުންނަށް މުސާރަ ހިނގާހެން މެޓާނިޓީ ލީވް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަތް ރިޔާސީ ވައުދުގެ ދަށުން 3989 ފަރާތެއް އެ ޗުއްޓީ ނަގާފައިވާ ކަމަށް ހާމަކޮށްފި އެވެ.

މާބަނޑުވާ ސަރުކާރު މުވައްޒަފުންނަށް މުސާރަ ހިނގާ ގޮތަށް ހަމަސް ދުވަހުގެ ޗުއްޓީއެއް ދިނުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ. އަދި ޕެޓާނިޓީ ލީވްގެ ގޮތުގައި ފިރިހެން ސަރުކާރު މުވައްޒަފުންނަށް ވެސް މުސާރަ ހިނގާ ގޮތަށް މަސް ދުވަހުގެ ޗުއްޓީއެއް ލިބެ އެވެ.

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ކޮންގްރެސްގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ކުޑަދަރިފުޅަށް އެންމެ ތުއްތުއިރު މަންމަ އާއި ބައްޕަ އާއިއެކު އުފެދޭ ގުޅުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް މި ސަރުކާރުން މަންމައަށް ދޭން ފެށި މެޓާނިޓީ ލީވް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 2847 ސިވިލް ސާވެންޓުން ނަގާފައިވާ ކަމަށެވެ. އަދި 1142 ފިރިހެން ސަރުކާރު މުވައްޒަފުން ޕެޓާނިޓީ ލީވް ނަގާފައިވާ ކަމަށެވެ.

ސިވިލް ސާވިސްގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި ދައުލަތުގެ ބައެއް އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި ޗުއްޓީ މިހާރު ލިބެ އެވެ. ދާދިފަހުން ކޯޓުތަކުގެ ފަނޑިޔާރުންނަށް ވެސް މި ޗުއްޓީ ލިބޭ ގޮތަށް މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

މި ޗުއްޓީ ސަރުކާރުން ދޭން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުން ފެށިގެންނެވެ.