އޮޑިޓާ ޖެނެރަލް އޮފީސް

ބައިނަލްއަގްވާމީ މިންގަނޑަށް މާލީ ރިޕޯޓްތައް ތައްޔާރުކުރުމަށް އެދިވަޑައިގެންފި

Aug 20, 2022

ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް މާލީ ރިޕޯޓްތައް ތައްޔާރުކުރުމަށް އޮޑިޓާ ޖެނަރަލް ހުސައިން ނިޔާޒީ އެދިވަޑައިގެންފި އެވެ.

އޮޑިޓާ ޖެނަރަލް މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން އިންތިޒާމްކުރި އައިއެފްއާރްއެސް އަދި އައިއެސްއޭއެސް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

މަގާމުގެ ހައިސިއްޔަތުން ސީއޭ މޯލްޑިވްސްގެ ރައީސް އަކީ ވެސް އޮޑިޓާ ޖެނަރަލް އެވެ.

ނިޔާޒީ ވިދާޅުވީ މާލީ ރިޕޯޓްތަކަކީ އޭގެ ބޭނުން ގިނަ ބަޔަކު ކުރާ ރިޕޯޓްތަކެއް ކަމަށެވެ. އެހެންކަމުން އެފަދަ ރިޕޯޓްތައް ހުންނަންވާނީ ބައިނަލްއަގްވާމީ މިންގަނޑުގައި އަދި ގިނަ ބަޔަކަށް ބޭނުންވެސް ހިފޭ ގޮތަށް ކަމަށެވެ.

"އެހެން ނޫން ނަމަ ގިނަ ޑިސްކްލޯޝާތަކާއި އެމެންޑުމަންޓްސްތަކެއް ހުންނާނީ ގެންނަން ޖެހިފައި،" ނިޔާޒީ ވިދާޅުވި އެވެ.

ސީއޭ މޯލްޑިވްސް އިން ކުރިއަށް ގެންދާ ޕްރޮގްރާމުތަކަށާއި އެ އިންސްޓިޓިއުޝަން ތަަރައްގީކުރުމަށް މެލޭޝިއާގެ އިންސްޓިޓިއުޓް އޮފް ޗާޓަޑް ޕްރޮފެޝަނަލް އެކައުންޓެންޓްސްގެ އެހީތެރިކަން ލިބޭތީ އެކަން ފާހަގަކުރައްވާ ނިޔާޒީ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ ދެ ދުވަހުގެ ފޯރަމުގައި ސީއޭ މޯލްޑިވްސްގެ ކައުންސިލް މެންބަރުންނާއި ޓެކްނިކަލް އެންޑް ސްޓޭންޑަޑް ކޮމިޓީގެ މެމްބަރުންނާއި އަދި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރު ބޭފުޅުން ދަނީ ބައިވެރިވަމުންނެވެ.