ރަތަފަންދޫ

ގޭސް ފުޅިއެއް ގޮވައި ފިހުނު މީހާ މަރުވެއްޖެ

Aug 21, 2022

ގދ. ރަތަފަންދޫގައި ގޭސް ފުޅިއެެއް ގޮވައި ފިހުނު މީހާއަށް ފަރުވާ ދެނިކޮށް މަރުވެއްޖެ އެވެ.

އުމުރުން 55 އަހަރުގެ އަންހެން މީހާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހު 6:00 ޖަހާ އެހާއިރު އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މިހާދިސާ ހިނގީ ގޭސް ލީކުވެފައި ހުއްޓާ އުނދުން ރޯކުރި ވަގުތު ގޭސް ފުޅި ގޮވުމުންނެވެ.

މިހާދިސާގައި އޭނާގެ ހަށިގަނޑުގެ 50 ޕަސަންޓަށް ވުރެ ބޮޑު ބައެއް ފިހުނުއިރު އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ މޫނަށެވެ.

މި މީހާ އަށް ފުރަތަމަ ފަރުވާ ދިނީ ރަތަފަންދޫ ސިއްހީ މަރުކަޒުގަ އެވެ. އޭގެފަހުން ބުރާސްފަތި ދުވަހު ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެތަނުގައިވެސް ފަރުވާ ދީފައިވެ އެވެ.

އަންހެން މީހާ އިތުރު ފަރުވާއަށް ތިނަދޫ އިން މާލެ ގެނައީ އެމްއެމްޑީއެފްގެ ހެލިކޮޕްޓަރުގަ އެވެ.

އާއިލާ އިން މައުލޫމާތުދޭ ގޮތުގައި އަންހެން މީހާގެ ކަށުނަމާދު ބާއްވަން ނިންމާފައިވަނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.