މޯލްޑިވްސް ޕޮލިސް ސާވިސް

ޕްރައިމަރީގެ ހަމަނުޖެހުންތަކުގައި ރަށްތަކުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަމަނުޖެހުން ހިންގައިގެން ދެ ރަށަކުން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

ޕްރައިމަރީގައި ވޯޓުލުމަށް ރަށްތަކުގައި ބަހައްޓާފައިހުރި ވޯޓުފޮށިތައް ފަޅާލައި ހަމަނުޖެހުން ހިންގި މައްސަލައިގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ގދ. ރަތަފަންދޫއިން ހައްޔަރުކުރި ދެ މީހުންނާއި ގދ. ތިނަދޫއިން ހައްޔަރުކުރި މީހެކެވެ.

ފުލުހުން ބުނި ގޮތުގައި މި ތިން މީހުންވެސް މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް މާލެ އިސްކަންދަރު ސުކޫލުގައި ބެހެއްޓި ޅ. ހިންނަވަރު ދާއިރާގެ ވޯޓުފޮށީގެ ކައިރީގެ ވެސް ވަނީ ހަމަނުޖެހުން ހިންގާ ވޯޓު ކަރުދާސްތައް އިރާލަން މަސައްކަތް ކޮށްފައެވެ. މި މައްސަލައާއި ގުޅިގެން ދެ މީހުން ހައްޔަރުކުރި އެވެ.

ނަމަވެސް މާލެއިން ހައްޔަރުކުރި މީހުންގެ ބަންދާއިގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

އިއްޔެ އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ޕްރައިމަރީ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ ތެރެއިން 24،572 ވޯޓު ހޯއްދަވައިގެންނެވެ. މިއީ 61 އިންސަތަ އެވެ.

ރައީސް ސޯލިހްގެ ވާދަވެރި ކެންޑިޑޭޓް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގަތީ 15،631 ވޯޓެވެ. މިއީ 39 އިންސައްތަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ބޮޑު ނާކާމިޔާބެއް ލިބިވަޑައިގެންނެވި ނަމަވެސް އަދި ބަލި ގަބޫލުކުރައްވާފައެއް ނުވެ އެވެ.