އޮޑިޓާ ޖެނެރަލް އޮފީސް

ގދ. ތިނަދޫ ކައުންސިލްގައި ފައިސާގެ މައްސަލަތަކެއް

ގދ. ތިނަދޫ ކައުންސިލްގެ އޮޑިޓް ރިޕޯޓުގައި ފައިސާގެ ގިނަ މައްސަލަތަކެއް ފެންމަތިކޮށްފި އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ތިނަދޫގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ފައިސާގެ މައްސަލަތަކުގެ ތެރޭގައި ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ހޯދާފައިނުވުމާއި ލިބެން ޖެހޭ ފައިސާގެ ރިކޯޑް ބަލަހައްޓާފައި ނުވުމާއި ބިލްތަކަށް ފައިސާ ދެއްކުން ލަސްވެ ޖޫރިމަނާ ފައިސާ ދައްކަން ޖެހުން ހިމެނެ އެވެ.

މީގެ އިތުރުން ތިނަދޫ ކައުންސިލުގެ މުވައްޒަފުންނަށް ގަވައިދާ ހިލާފަށް ފިކްސްޑް އޯވަޓައިމް ދިނުމާއި ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބައްދަލުވުންތައް ބާއްވާފައި ވާކަން ކަށަވަރު ނުވުމާއި ކައުންސިލްގެ ހަފްތާ ބައްދަލުވުންތައް ގަވާއިދުން ބާއްވާފައި ނުވުމާއި ކައުންސިލްގެ އިދާރާ އިން ހިންގި ހަރަކާތްތަކުގެ ހަ މަސްދުވަހުގެ ރިޕޯރޓު އަތޮޅު ކައުންސިލަށް ހުށަހަޅާފައި ނުވުންވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ގަވައިދާ ހިލާފަށް ދީފައިވާ ފިކްސްޑް އޯވަޓައިމްގެ އަދަދު 47،000 ރުފިޔާއަށް އަރަ އެވެ. އޮޑިޓް އޮފީހުން ވަނީ މި ފައިސާ ހޯދުމަށް ތިނަދޫ ކައުންސިލަށް އަންގާފަ އެވެ.

ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް 52،000 ރުފިޔާއަށް އަރަ އެވެ. މީގެ ތެރޭގައި ފެން ބިލާއި ކަރަންޓު ބިލާއި ކައުންސިލުގެ އުޅަނދެއްގެ އަހަރީ ފީ ނުދެއްކުމުން އަރާފައިވާ ޖޫރިމަނާ ހިމެނެ އެވެ. އޮޑިޓް އޮފީހުން ބުނީ ގަވައިދާ އެއްގޮތައް 30 ދުވަހުގެ ތެރޭގައި ބިލުތަކަށް ފައިސާ ދެއްކުމަށް ތިނަދޫ ކައުންސިލަށް އަންގާ ކަމަށެވެ.

ތިނަދޫ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި ލިބެން ޖެހޭ 7.5 މިލިއަން ރުފިޔާ ނުލިބޭ ކަންވެސް އޮޑިޓް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކާއި އެއްބަސްވުމާއި ހިލާފުވާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށް އޮޑިޓް އޮފީހުން ވަނީ އަންގާފަ އެވެ.

ތިނަދޫގެ އޮޑިޓް ރިޕޯޓުގައި ފައިސާގެ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައި މިވަނީ ތިނަދޫ ސިޓީއަކަށް ހަދައިދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނިކޮށެވެ.