ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ހުވަދޫ އަތޮޅަށް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ހުވަދޫ އަތޮޅަށް ވަޑައިގެންފި އެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ހުވަދޫ އަތޮޅަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހް މިއަދު ވަނީ ގދ. ތިނަދޫއަށް ވަޑައިގެންފަ އެވެ.

ހުވަދޫ ކެމްޕޭންގައި ގދ. ތިނަދޫގެ އުތުރު އަދި ދެކުނު އެމްޑީޕީ މެމްބަރުންނާއި ރައީސް ސޯލިހް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ގއ. ވިލިނގިލީގައި ކެމްޕޭން ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެމްޑީޕީ މެމްބަރުންނާ ރައީސް ސޯލިހް ބައްދަލުކުރައްވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހްގެ އިތުރުން ކެމްޕޭންގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ޕްރައިމަރީގެ ކެމްޕޭން ރައީސް ސޯލިހް ފެއްޓެވީ ރ. އަލިފުށިންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް ބައިވެރި ވެވަޑައިގެންނެވި ފުރަތަމަ ކެމްޕޭން ޖަލްސާ އޮތީ ޖެނުއަރީ ހަތަރު ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ މައި ހަރުގޭގަ އެވެ.

ކެމްޕޭންގައި ރައީސް ސޯލިހް ވަނީ ރ. އަތޮޅާއި ނ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ބ. އަތޮޅަށް ޒިޔާރަތް ކުރައްވާފަ އެވެ. އޭގެ އިތުރުން ހދ. އަތޮޅާއި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަށްވެސް ރައީސް ސޯލިހް ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސް ސޯލިހް މާލޭގައި "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތް ފެއްޓެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28ވަނަ ދުވަހު އެވެ.