މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށަން ތައްޔާރުވުމުގެ ގޮތުން ތަޖުރިބާކޮށްލުމުގެ ނުރަސްމީ ދަތުރުތަކެއް ކުރިއަށް ގެންގޮސްފި އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާއިރު ބަސް ދަތުރުކުރާނީ މައިގަނޑު ދެ މަގަކުންނެވެ. އެއީ މަޖީދީ މަގާއި އަމީނީ މަގެވެ.
މި ދެ މަގުގައި ވެހިކަލް ޕާކް ކުރުން މަނާކޮށް، ކުރިން އެ މަގުގައި ވެހިކަލް ޕާކް ކުރި މީހުންނަށް މާލެ ސިޓީ ކައުންސިލުން ދަނީ ބައެއް ޕާކިން ޒޯންތައް ހަދައިދެމުންނެވެ. އަދި މިނީ ބަހުގެ ހިދުމަތް ފެށެންވާއިރު މަގުމަތީގެ ނިޝާންތައް އަލުން އާކޮށް ޓްރެފިކް ބޯޑުތައް ވެސް މާލެ ސިޓީ ކައުންސިލުން ދަނީ ހަރުކުރަމުންނެވެ.
އެމްޓީސީސީން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މިނީ ބަހުގެ ހިދުމަތް ފެށުމުގެ ގޮތުން ތަޖުރިބާގެ ދަތުރުތައް ރޭ ކުރިއަށް ގެންދިޔައީ އަމީނީ މަގާއި މަޖީދީ މަގުގަ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ދިޔަ ނަމަވެސް ހިދުމަތް ރަސްމީކޮށް ފަށާނެ ދުވަހެއް އަދި މިނީ ބަސް ދަތުރުގައި ނަގާނެ އަގެއްވެސް އެމްޓީސީސީން އަދި ހާމައެއް ނުކުރެ އެވެ.
މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ 36 މިނީ ބަސް އެމްޓީސީސީން ރާއްޖެ ގެނައީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އިތުރު ފަސް މިނީ ބަސް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގަ އެވެ.
މިނީ ބަހުގެ ހިދުމަތް ފެށުމަށް ގެނެސްފައިވާ މިނީ ބަސް ތަކަކީ 18 ނުވަތަ 20 މީހުންގެ ޖާގައިގެ ބަސްތަކެކެވެ. މާލޭގައި ހިދުމަތް ދިނުމަށް 12 މިނީ ބަސް ބޭނުންކުރަން ނިންމާފައިވެ އެވެ.
އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އާރްޓީއެލް ފެރީގެ ހިދުމަތާއި އާރްޓީއެލް ބަހުގެ ހިދުމަތެވެ. މިގޮތުން ހދ. އަދި ހއ. އަތޮޅަށް އާރްޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވާއިރު ށ. އަތޮޅަށް ފެރީގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 100 ދުވަހުގެ ތެރޭގައި ކުރަން ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނޭ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.