ހިންމަފުށީ

ހިންމަފުށީގައި ހަމަނުޖެހުން ހިންގި ބަޔަކު ހައްޔަރުކޮށްފި

Aug 21, 2022

ކ. ހިންމަފުށީގެ ގެސްޓްހައުސްއެއްގައި ހަމަނުޖެހުން ހިންގާ އެތަނަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރުމުން ހަމަނުޖެހުން ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހަމަނުޖެހުމުގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ މެންދުރު ފަހު 3:45 ގައި ކަމަށެވެ.

ގެސްޓްހައުސްއަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ 32 އަހަރުގެ މީހެކެވެ. ނަމަވެސް އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކެއް ކުރުމަށްފަހު ވަނީ ދޫކޮށްލާފަ އެވެ.

ރޭ ދަންވަރު ފުލުހުން ހައްޔަރުކުރީ 20 އަހަރާއި 27 އަހަރާއި 29 އަހަރާއި އަދި 37 އަހަރުގެ ފިރިހެނެކެވެ.

މިހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ދީފަ އެވެ. އަދި އަނެއް ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އިތުރު މައުލޫމާތު ހިއްސާއެއް ނުކުރެ އެވެ.