އެމްޑީޕީ

އެމްޑީޕީގެ އިސްލާމީ މަޖިލީހުގެ ޝަރުތުތައް ލުއިކުރަނީ

Aug 21, 2022
1

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ލުއި ދިނުމަށް އަސާސީ ގަވައިދަށް އިސްލާހު ހުށަހަޅައިފި އެވެ.

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލިސް އެކުލަވާލާފައި ނުވާތާ އެތައް އަހަރެއް ވެއްޖެ އެވެ. އެހެންވެ ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ކުރައްވާނެ ކަމަކީ އިސްލާމީ މަޝްވަރާ މަޖިލިސް އަލުން އެކުލަވާލުން ކަމަށް އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކެމްޕޭންގައި ވިދާޅުވެފައި އެވެ.

އެމްޑީޕީން މިހާރު ކުރިއަށް ގެންދާ އެޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން އެމްޑީޕީގެ އިސްތިއުނާފް މަޖިލީހުގެ އިސް ފަނޑިޔާރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ އިސްލާމީ މަޝްވަރާ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުރި ޝަރުތުތައް ހަރުކަށި ކަމަށާއި އެކަމާ ގުޅިގެން އެ މަޖިލީހަށް މީހުން ހޯދަން ދަތިވެފައިވާ ކަމަށެވެ. އައްޔަންކުރާ މީހުންގެ ޝަރުތު ވަރަށް ހަރުކަށި ކަމަށާއި އެހެންވެ މީހަކު ހޯދަން ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

އިސްލާމީ މަޝްވަރާ މަޖިލީހުގެ މެމްބަރުންގެ ޝަރުތުތައް:

އިސްލާމިކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކޮށްފައިވުން.
އިމާމު ކޯހުން ނުވަތަ ގާޒީ ކޯހުން ފާސްވުން.
ދީން ކިޔަވައި ދިނުމުގެ ހުއްދަ އޮތުން.
ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އޮތުން.
ހާފިޒް ކަމުގެ ސަނަދު އޮތުން

އިސްލާމީ މަޝްވަރާ މަޖިލީހަށް މެންބަރުން ހޮވުމަށް ޝަރުތުތަކަށް ލުއިދިނުމުގެ ގޮތުން އަސާސީ ގަވައިދަށް ވަނީ މިހާރު އިސްލާހު ހުށަހަޅާފަ އެވެ. ކޮންގްރެސްއަށް ހުށަހަޅާފައިވާ އިސްލާހުގައި ޝަރުތުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމަނަން ހުށަހަޅާފައިވަނީ އިސްލާމިކް ޔުނިވާސިޓީން މަތީ ތައުލީމް ހާސިލް ކޮށްފައިވުމާއި، ދީނީ ތަގުރީރު ކުރުމުގެ ހުއްދަ އޮތުން އެކަނި ޝަރުތުތަކުގެ ތެރޭގައި ބޭއްވުމަށެވެ.

ކޮންގްރެސްގައި މިއަދު ވާހަކަދެއްކެވި ބައެއް ބޭފުޅުން ވެސް ވިދާޅުވީ އިސްލާމީ މަޝްވަރާ މަޖިލީހަށް މެންބަރުން ހޮވުމަށް ކަނޑައާފައިވާ ޝަރުތުތަކަށް ލުއިދޭންޖެހޭ ކަމަށެވެ.