( 19 އޯގަސްޓް 2022 އާ ގުޅޭ )
މާޔަލް ހަލުވިކޮށް އައިސް ދޮރު ހުޅުވާލިއެވެ. އޭރު އައިރިކް ހުރީ ކޮޓަރީ ދޮރުމަތީއެވެ. ދޮރުގައި ޓަކި ދެމުން ދިޔައީ އޭނާއެވެ. މާޔަލްއަށް ރިކްއޭ ބުނެވުނެވެ. އައިރިކް ކުރިޔަށް ފިޔަވަޅު އަޅާލި ގޮތަށް ދޮރުފަތުގައި ހިފައި ބޮޑަށް ހުޅުވާލައި މާޔަލްގެ ކޮޓަރިއަށް ވަނެވެ. އަދި އޭނާގެ ފަހަތުން ކޮޓަރީގެ ދޮރު ލައްޕައިފިއެވެ.
"ވަޓް." މާޔަލްއަށް އުނދަގޫވެގެން ބުނެލެވުނެވެ. އައިރިކް ބަލަން ހުރި ގޮތުން އޭނާއަށް މާޔަލް ހުރި ގޮތް ފެންނަނީއޭ ހީވާ ކަހަލައެވެ. ހިތް އަވަސްވެގެން އައުމާއެކު މާޔަލް ކުރިން ރޭ ނިދަންލީ ޓީޝާޓާއި ހަރުވާޅު ހިފައިގެން ފާޚާނާއާ ދިމާއަށް ހިނގައިގަތެވެ. އޭނާ ފެންވަރައިގެން ނުކުތީ ފާޚާނައިގަ ހުރި ރޯބްއިން ހަށިގަނޑު ނިވާކޮށްލައިގެން ވިއްޔާއެވެ.
"ކޮންތާކަށް؟." އައިރިކް އަހާލިއެވެ.
"އެބަ އަންނަން." މާޔަލް ބުންޏެވެ.
"އަހަރެން އައިއިރު ފެންވަރަންތަ ހުރީ." އައިރިކް އަހާލިއެވެ.
މާޔަލްގެ މޫނުން ފާޅުވީ ހައިރާންކަމެވެ. އޭނާއަށް ނޭނގެނީ އައިރިކްގެ ލޮލަށް ނުފެނުމުގެ ސަބަބުން އެހެން ޚިއްޞުތައް ކަންކަން ދެނެގަތުމަށް ކުޅަދާނެވެއްޖެކަމެވެ. ކޮޓަރީގެ ދޮރު ހުޅުވުނު ވަގުތު އޭނާއަށް މާޔަލްގެ ވަސް ދުވިއެވެ. ސިކުނޑިއާއި ނަފްސު ތާޒާކުރުވާ ފަދަ ލުއިލުއި މީރު ވަހެއް އޭނާގެ ނޭފަތުގައި ހަރުލިއެވެ. ފެންވެރީކަން އައިރިކްއަށް ބުނާން އެނގެނީ އެހެންވެއެވެ.
"މަޑުކުރޭ." މާޔަލް ބުންޏެވެ. އަދި އޭނާ ފާޚާނާއަށް ވަދެ ނިކަން ހަލުވިކޮށް ޓީޝާޓާއި ހަރުވާޅު ލައިގެން ނުކުތެވެ. ތެތްކޮށް އޮތް އިސްތަށިގަނޑު ވައަތް ފަރާތުން ކުރިމައްޗަށް ގެނެސްފައި އޮތްއިރު ފެންތިކިތައް އޮބެމުންދިޔައީ ކޮނޑުމަތީ އަޅުވާލާފައި އޮތް ތުވާއްޔަށެވެ.
"ކީއްކުރަން ތިއައީ؟." މާޔަލް ހަރުކަށިވެލިއެވެ. ހިތްހަމަނުޖެހިފައި ހުރި ގޮތް ދައްކާލަން ބޭނުންވީއެވެ.
"އިށީނދެ ތިބެ ވާހަކަދައްކަމާ." އައިރިކް މިހެންބުނެ އޭނާގެ އަތް ދަމާލިއެވެ.
ތުންފިއްތާލާފައި ވެސް މާޔަލް އައިސް އައިރިކްގެ އަތުގައި ހިފިއެވެ. ކޮޓަރީގައި ހުރި މޭޒުދޮށުގެ ދޮށުގައި އައިރިކް ގޮވައިގެން އައިސް އިށީނެވެ. ކަނާތުފައި ވައަތުފައިގަ އަޅުވާލައި ހުރަސްކޮށްލުމުގެ އިތުރުން މާޔަލް އިނީ ދެއަތް އުރާލައިގެންނެވެ. އޭނާގެ ހަރަކާތުން ވެސް ގަޔާނުވާކަން ދައްކަން އުޅޭ ކަހަލައެވެ. ފުންނޭވާއެއް އައިރިކް ދޫކޮށްލާފައި މާޔާގެ ނަމުން ގޮވާލިއެވެ. މަޑުމައިތިރިކަމެއް އެ އަޑުގައި ހުއްޓެވެ.
"އަހަންނާ ސަމާސާނުކޮށްފާނަންތަ؟." އައިރިކް މަޑުމަޑުން ބުންޏެވެ.
"އަހަރެން... އަހަރެން ކޮންއިރަކު ރިކްއާ ސަމާސާކުރީ." ހައިރާންކަމާއެކު މާޔަލް ބުނެލިއެވެ.
"ވައި އިޒް ޔޯ ނޭމް މާޔާ." އައިރިކް ސުވާލުކުރިއެވެ. މާޔަލްގެ ދެބުމަ ކައިރިވެލިއެވެ. ކުއްލިއަކަށް ޖަވާބެއް ދޭން ނޭނގުނެވެ. މާޔާއަކީ އޭނާގެ ހަޤީޤީ ނަމެއްނޫނެވެ. އަނެއްކާ އެކަން އައިރިކްއަށް އެނގުނީބާއެވެ. އިރުކޮޅަކު ވިސްނަން އިނދެފައި މާޔަލް ވާހަކަދެއްކިއެވެ.
"ދެން ކޮންނަމެއް ކިޔަންވީ؟. އުފަންވުމާއެކު ނަންކިޔަނީ އެމީހަކު އަމިއްލައަކަށް ނޫން." މާޔަލް ބުންޏެވެ.
"މިރޭ މާޔާ ލައިގެން ހުރި ހެދުން އަހަންނަށް ސިފަކޮށްދީބަލަ." އައިރިކް ބުންޏެވެ.
"ކީއްކުރަން؟. ޝާހާއާ އެއްކުލައެއް ޗޫޒް ކޮށްފާނެތީތަ ރަތްކުލަ ލާށޭ ބުނީ." މާޔަލްގެ ތުންކޮޅު ދެމުނެވެ. އެ އަޑު އަހަން އިން އައިރިކްއަށް ހީނލެވުނެވެ.
"މައި ސިލީ ސިލީ ގާލް... އިފް އޮންލީ ޔޫ ކުޑް ސީ ހައު ސްޓުޕިޑް ޔޫ ސައުންޑް ރައިޓް ނައު." ހެވިފައި އައިރިކް ބުންޏެވެ.
"އަހަރެންތަ މޮޔައީ. ޔޫ އާ ސްޓުޕިޑް." ގޮތްދޫނުކުރާ ރާގެއްގައި މާޔަލް ބުނެލިއެވެ.
"އަހަރެން ފެނިފަ ހަމަ ނޭނގުނުތަ؟. ނައު ޕްލީޒް. އަހަރެންގެ ސުވާލަށް އިހަށް ޖަވާބު ދީބަލަ. މިރޭ ލައިގެން ހުރި ހެދުން ސިފަކޮށްދީބަލަ. އެ ހެދުން ލައިގެން އަންނަންވީނު. ޕްލީޒް މާޔާ." އައިރިކް ބުންޏެވެ.
"އަނެއްކާ ނުލެވޭނެ އެ ހެދުމެއް. ނިދަން މިއުޅެނީ." މާޔާ ބުންޏެވެ.
އައިރިކް އާދޭސް ކުރަން ފެށުމުން މާޔަލްއަށް މާގިނައިރަކު ދެކޮޅެއް ނުހެދުނެވެ. އޭނާ މިރޭ ލައިގެން ހުރި ހެދުން އައިރިކްއަށް ސިފަކޮށްދޭންފެށިއެވެ. އައިރިކްގެ ތުންފަތުގައިވީ ހިނިތުންވުން ފުޅާވެލި ހިނދު އޭނާ އިސްއޮބާލައިފިއެވެ. އޭރު އޭނާގެ ޚިޔާލުގައި ކުރަހަމުން ދިޔައީ މާޔަލްގެ ސޫރައެވެ.
"ކައިރިޔަށް އާދެބަލަ." އައިރިކް ގޮނޑިން ތެދުވެ އަތްދިއްކޮށްލަމުން ބުންޏެވެ. އޭނާގެ ހިތުގައިވީ ޖަޒުބާތުތައް ހިފަހައްޓަން ދަތިވެއްޖެއެވެ.
"ރިކް..." މާޔަލް ގޮވާލިއިރު އެ އަޑުގައި ޖެހިލުންވުމުގެ އަސަރު ހުއްޓެވެ. ނަމަވެސް އައިރިކް އަތް ދިއްކޮށްލައިގެން ހުރީއެވެ. މާޔަލްއަށް ވެސް އައިރިކްގެ އެދުންތަކަށް ގަދައެއް ނުހެދެއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އޭނާގެ މުޅި ނަފްސު އޭނާގެ ހިތުގެ މުށުގައިވާ ފަދައެވެ. އެ ނަފްސުގެ ލަގަން އެ ހިތް އަތުލައިފި ކަހަލައެވެ. މަޑުމަޑުން މާޔަލް ކޮޅަށް ތެދުވިއެވެ. އައިރިކްގެ ގާތުގައި މަޑުކޮށްލިއެވެ. އޭނާގެ ހުޅުވާލެވިފައިވާ އަތްތިލައިގެ ތެރޭ މާޔަލްގެ އަތްތިލަ ބާއްވާލިއެވެ.
"އައި ވޯންޓް ޓު ސީ ޔޫ... އަތްލިޔަސް ހެޔޮތަ. ތި މޫނުގައި." މާޔަލްގެ އަތްތިލައިގަ ހިފައި ނުހަނު ގާތަށް ދަމާލުމާއެކު އައިރިކް ބުންޏެވެ. މާޔަލް ބޯޖަހާލީއެވެ. އޭނާގެ އެ ހަރަކާތް އައިރިކްއަށް ނުފެންނާނޭކަމަށް އެވަގުތު ނުވިސްނެއެވެ. އެކަން ރެއަކާލީ އައިރިކް ގޮވާލީމައެވެ. ބަހެއްކިޔަން އުނދަގޫވެފައި ހުރި މާޔަލް ހޫން ލައްވާލިއެވެ. އައިރިކްގެ އަތްތިލައިގެ ބީހުން މާޔަލްގެ ކަނާއަތުގެ މުލައްދަނޑިން ފެށިގެން މައްޗަށް އައިސް އޭނާގެ ކޮނޑާއި ކަރުދޮށުން ދަތްދޮޅި ދަށަށް އިޙްސާސް ކުރެވުނެވެ. އައިރިކްގެ ދެ އަތްތިލައިގެ ތެރޭ މާޔަލްގެ މޫނު ހިފަހައްޓާލިއެވެ. ދެ އަތުގެ ބޮޑުވައި އިނގިލިން ކޯތާފަތުގައި އައިރިކް ފިރުމާލިއެވެ. ދެން މާޔަލްގެ މޫނުގެ ވަނާތައް ދަސްކުރާން އުޅޭ މީހަކުހެން ހަރަކާތްކުރަންފެށިއެވެ. މާޔަލްގެ ބުމައާއި ލޮލާއި އެސްފިޔަތަކާއި ނޭފަތުގެ ބައްޓަން ވެސް އައިރިކްގެ އަތްތިލަ ދެނެގަތެވެ.
"ސޮރީ..." އައިރިކްގެ މޫނުގައި މާޔަލް ޖެހި ފަޅީގައި އޭނާ ފިރުމާލަމުން ބުނެލިއެވެ. މާޔަލްގެ އެ ބީހުލުން އިޙްސާސް ކުރެވި އެ ފަރާތަށް އައިރިކް ބޯ އަރިކޮށްލިއެވެ.
"ފޯ ވަޓް." އައިރިކް އަހާލިއެވެ.
"ޖެހުނީމަ. ތަދުވާނެކަން އެނގޭ." މާޔަލް ބުންޏެވެ. އެހިނދު އައިރިކްގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.
"ޖަހަން ތައްޔާރަށް ހުރޭ. އައި ވޯންޓް ސްޓޮޕް." ލާނެތް ރާގެއްގައި މަސްތީ ހުނުމަކާއެކު އައިރިކް ބުނެލީ މާޔަލްގެ ކަންފަތް ދޮށުގައެވެ.
"ވައި އާ ޔޫ ޕްލޭއިން ސިލީ ގޭމްސް ވިތް މީ. އަހަރެންނަށް ނުފެންނާތީތަ؟. ތީ ކާކުކަން އޮޅުވާލަންވެގެންތަ؟. ޔޫ ކޭން ސްޓޮޕް ނައު... މާޔާ... މާޔާ..."
އައިރިކްގެ ތުންފަތް މާޔަލްގެ ކަންފަތް ކައިރިން ކޯތާފަތުގައި ބީހިލިއެވެ. އައިރިކްގެ އަތުގެތެރެއަށް ނަފްސު ދޫކޮށްލަން މާޔަލް ބޭނުންވިއެވެ. ހޫނުކަން އެކުލެވިގެންވީ ތެތްކަމަކުން މާޔަލްގެ ތުންފަތް ގައިދުވެއްޖެއެވެ. އޭނާގެ ދެ ލޯ ވަނީ މެރިފައެވެ. އައިރިކްގެ ކޯޓުގެ ދެ ފަރާތުން މާޔަލްގެ އަތުގެތެރެއަށް ބޮނޑިވަމުންދިޔައެވެ.
"އައި... އައި ލަވް ޔޫ މާޔަލް." ނޭވާކޮޅުން ބޭރުވެލި އާހެއްފަދަ މަޑު އަޑަކުން އައިރިކްއަށް ބުނެލެވުނެވެ.
މާޔަލްއަށް ސިހުން ލިބުނީ ދެނެވެ. އޭނާއަށް އިވުނީ ރަނގަޅަށް ބާއެވެ. އައިރިކްއަށް މާޔަލްއޭ ބުނަން އެނގުނީ ކިހިނެއް ހެއްޔެވެ. ކުއްލިއަކަށް އޭނާ އައިރިކްގެ މޭގައި ދެއަތް ވިއްދާލުމާއެކު ދުރުވެލައިފިއެވެ.
"ކީކޭ ތިބުނީ..." މާޔަލްއަށް އަހާލެވުނެވެ.
"އައި އޭމް އިން ލަވް ވިތް ޔޫ. އެކަން އެނގެއެއްނު." އައިރިކްގެ އަޑުގައި ބޭގަރާރުކަން އެކުލެވިފައި ވިއެވެ. އޭނާގެ ކެތްތެރިކަން މާޔަލް އިމްތިހާނު ކުރާން ގަސްދުކުރަނީ ކިހާ ވަރަކަށް ބާއެވެ.
"ނޮޓް ދެޓް... އޭގެ ފަހުން... ކޮންނަމެއް ތިކީ." މާޔަލް ސުވާލުކުރިއެވެ.
"ކޮންނަމެއް. މާޔާއަށް އަޑުއިވުނީ ކިހިނެއް؟." އައިރިކް ބުންޏެވެ. އޭނާ ގަސްދުގައި ނޭނގޭކަމަށް ހެދުނީ މާޔަލް ލައްވާ ބުނުވަން ބޭނުންވެގެންނެވެ. ނަމަވެސް މާޔަލްއަކަށް ތެދު ހާމަކުރާކަށް ނުކެރުނެވެ. އައިރިކް ވެސް އެ ހުރީ މާޔާ ނަން މާޔަލް ބޭނުންކުރަންވީ ސަބަބެއް އެނގެން ބޭނުންވެފައެވެ. އޭނާގެ ހިތާއި ޟަމީރު ވެސް އެއީ މާޔަލްކަން ޔަގީންކުރެއެވެ. އެހެންވީރު މާޔާގެ ނަމުގައި އޭނާއަށް އޮޅުވާލަންވީ ކީއްވެހެއްޔެވެ.
"ޔޫ ޝުޑް ލީވް." ހާސްކަން ވެރިވެގެން ދިޔަ ހިނދު މާޔަލްއަށް ބުނެވުނެވެ.
"ޔަގީންތަ؟." އައިރިކް އަހާލިއެވެ.
"ޔަގީން. މިވަގުތު ދެން ދޭ." މާޔަލް ބުންޏެވެ.
"މާޔާ އަހަންނަށް ކަމެއް ސިއްރުކުރަނީތަ؟." އައިރިކް ކުރި ސުވާލާއެކު މާޔަލް އިހުނަށްވުރެ ބޮޑަށް ސިހުނެވެ. އައިރިކްގެ ލޮލަށް ނުފެނުމަކީ ނަސީބެކޭ އެވަގުތު މާޔަލް ހިތަށް އެރިއެވެ. އެހެންނޫންނަމަ އޭނާގެ މޫނުމަތިން ހުރިހާ ކަމެއް ބޭޒާރުވީހެވެ.
"ޕްލީޒް ރިކް. މިތަނުން ދޭ." މާޔަލް އާދޭސްކޮށްލިއެވެ.
އައިރިކް އެނބުރިލިއެވެ. އޭނާ ދޮރާ ހަމައަށް ގެންގޮސް ނުދޭނަންތޯ އަހާލިއެވެ. އެއާއެކު މާޔަލް އޭނާއަށް އެހީވިއެވެ. އަތުގައި ހިފާކަށް މާޔަލް ބޭނުމެއްނުވިއެވެ. ދާންވީ މިސްރާބު އައިރިކްއަށް މާޔަލް ކިޔާދިނެވެ. އަދި ކުރިޔަށް ހުރެ އޭނާ އައިސް ދޮރު ހުޅުވިއެވެ.
"ގުޑްނައިޓް." ދޮރުމަތީ މަޑުކޮށްލާފައި އައިރިކް ބުންޏެވެ. އޭނާއަށް ޖަވާބުދީފައި މާޔަލް ނިކަން އަވަހަށް ކޮޓަރީގެ ދޮރު ލައްޕާލިއެވެ.
"ގޯޑް... ވަޓް ހޭވް އައި ޑަން..." ދޮރުގައި ލެނގިލެވުމާއެކު މާޔަލްއަށް ދެއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
މާޔަލްގެ ފިކުރުތައް އިން ފަހަނައަޅައި ދާން ފެށުމުން އޭނާ މައިތިރި ބެހެއްޓިއެވެ. ސިކުނޑިއަށް ބަރުނުކުރަން އޭނާގެ ދަބަސް ތެރެއިން ދަޅުނެގިއެވެ. ފެންފޮދަކާއެކު އެއިން ބޭސްގުޅައެއް ކާލައިގެން އައިސް އޮށޯތީއެވެ. އޭގެ އިރުކޮޅެއްފަހުން މީހާ ހަމަޖެހިއްޖެއެވެ. ހަށިހިމޭންކަން އިޙްސާސްވަމުން ދިޔަވަރަކަށް އޭނާގެ ތުންފަތަށް މާނަވީ ލުއި ހިނިތުންވުމެއް ވެރިވަމުންދިޔައެވެ.
ރިންގުވަމުން ދިޔަ ފޯނުގެ އަޑާއެކު އައިރިކް ލޯ ހުޅުވާލިއެވެ. ރަނގަޅަށް ނިދިން އޭނާއަށް ހޭނުލެވެއެވެ. ކުރުއަތް މައްޗަށް ތެދުވެ އޭނާ ފޯނު ނެގިއެވެ. ނިދިބަރު އަޑަކުން ކަންނެތް ގޮތަކަށް ހެލޯއޭ އައިރިކް ބުނެލިއެވެ. އެހިނދު އޭނާގެ ކަންފަތުގައި ޖެހުނީ ޑަކްޓަރ ފައިރޫޒުގެ އަޑެވެ.
"ނިދާފަތަ؟. ސޮރީ ޑިސްޓާބް ކުރެވުނީމަ." ފައިރޫޒު ބުންޏެވެ.
"ކިޔާބަލަ." އައިރިކް ފޯނު ހިފައިގެން އިނދެ އެނދުން ތެދުވިއެވެ.
"އައި ހޭވް ނިއުސް. ގުޑް އެންޑް ބޭޑް... ތިކޮޅަށް ދަންތަ." ފައިރޫޒު ބުންޏެވެ.
"އަހަރެން މާލެއަކުނޫން. ކިހާ އިރެއްވެގެން އެއުޅެނީ؟... މިއަދު މެންދުރުފަހު މާލެ އެރޭނީ. އަހަރެން ގުޅާނަން." އައިރިކް ބުންޏެވެ.
"ގަޑިތަކުން ހެނދުނު ނުވައެއް ޖަހަނީ... ރިކް ޓައިމެއް ހޯދާފަ ގުޅާ. މިއަދު އަހަރެން ވެސް އޯފް." ފައިރޫޒު ބުންޏެވެ.
* * * * *
މެންދުރުގެ ވަގުތެވެ. ލާންޗަށް އެންމެން އެރިއިރު މާޔަލްއަށް ފާހަގަވީ ޝަހާ ނާރާކަމެވެ. މިފަހަރު އައިރިކް އޭނާ ބޭންދީ ކައިރީގައެވެ. އައިރިކްއާ ޖެހިގެންނެވެ. އައިތަން އިނީ އެމީހުންގެ ކުރިމަތީގައެވެ. މާލެއަށް އާދެވުނުއިރު ވެސް އައިރިކް އެއްވެސް ވާހަކައެއް މާޔަލްއާ ނުދައްކައެވެ. ބަލާ އަންނަން ގޭ މީހެއް ކައިރީ މާޔަލް ނުބުނީ އައިރިކް އޭނާ ގެއަށް ލައިދޭން ބޭނުންވާކަން ބުނެފައި އޮތީމައެވެ.
ހުޅުމާލެއަށް އައިތަންގެ ކާރުގައި މާޔަލް އައެވެ. ކާރުގެ ކުރީ ސީޓުގައި އައިތަންއާއެކު އައިރިކް އިނެވެ. މާޔަލް އުޅެނީ ހުޅުމާލޭގައި ކަން އައިރިކް ގާތު އައިތަން ބުންޏެވެ. އައިރިކް ގެއަށްލާފައި މާޔަލް ގޮވައިގެން އައިތަން ހިނގައިދާނެކަން ބުނީމާ ވެސް އެގޮތް އައިރިކްއަށް ކަމުނުދިޔައީއެވެ. މާޔަލް ދިރިއުޅޭ އިމާރާތުގެ ކައިރިއަށް ކާރު މަޑުކޮށްލިއެވެ. ދަތުރު ދަބަސް ހިފައިގެން މާޔަލް ކާރުން ފޭބިއެވެ. އައިތަންއާއި އައިރިކް ކައިރީ ދަނީއޭ އޭނާ ބުނެލިއެވެ. މާޔަލް ގޮސް އިމާރާތުގެ ތެރެއަށް ވަންނަންދެން އައިތަން ދުވަހަކުވެސް މަޑެއް ނުކުރެއެވެ. އެކަމަކު މިއަދު އޭނާއަށް މަޑުކުރަން ޖެހުނީ އައިރިކް އެކަމަށް އެދުނީމައެވެ.
އިމާރާތުގެ އަސްކަނިދޮށުގައި ހުރި ޒުވާނާއާ މާޔަލްގެ ނަޒަރު ސީދާވެލިއެވެ. މާޔަލް ހައިރާންވީ އެ ޒުވާނާގެ މޫނުން ފާޅުވި ސިހުމުގެ އަސަރުންނެވެ. މާޔަލް ފެނިގެން މީހަކު ސިހެންވީ ކީއްވެބާއޭ އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. ފަރުވާތެރިކަމާއެކު އެ ޒުވާނާއަށް މާޔަލް ބަލާލިއެވެ. އިސްކޮޅުން ދިގުވެފައި ފުޅާ ދެކޮނޑު ލިބިފައިވާއިރު ކަސްރަތުކޮށް ބަރުހިފާމީހުންގެ ހުންނަ ފަދަ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އެ މޫނަށް ބެލި ވަރަކަށް ދަންނަގޮތެއް ހުރިކަން ފާހަގަވިއެވެ. ކުރީން ބައްދަލުވެފައި ހުރިހެން މާޔަލްއަށް ހީވާންވީ ސަބަބެއް ނޭނގުނެވެ. އެ ޒުވާނާ ގޮސް ދުވާރު ކައިރީ ޕާކުކޮށްފައި ހުރި ސައިކަލަށް އަރާ ދުއްވާލީއެވެ. އޭނާގެ ހަރަކާތްތައް ހުރި ގޮތުން ހީވީ މާޔަލްގެ ކުރިމަތިން ފިލަން ދުވީ ހެންނެވެ. މަޑުމަޑުން މާޔަލްއަށް ބޯހޫރާލެވުނެވެ. އޭނާ އެތެރެއަށް ވަދެގެން އައިސް ލިފްޓުގެ ކައިރީ މަޑުކޮށްލިއެވެ.
"ކުޑޫ... ރަނގަޅު މީހެއްތީ. މަންމަ އެބައުޅޭ ކުޑޫ ނުގުޅައިގެން." ހުޅުވުނު ލިފްޓުގެ ތެރެއިން ނުކުތް މަލަކްއަށް މާޔަލް ފެނުމާއެކު ލިބުނީ ހައިރާންކަމެވެ.
"ބޮސް ބުނީ ގެއަށް ދާ މަގުމަތީ ކުޑޫ ގެއަށް ލައިދޭނަމޭ. އެހެންވެ ބައްޕައަށް ނުގުޅީ. ކޮންތާކަށް މަލް ތިދަނީ." މާޔަލް ބުންޏެވެ.
"ޑޭޓަކަށް." ހިނިއައިސްފަ ހުރެ މަލަކް އެއްލޯ މަރާލިއެވެ.
"ސީރިއަސްލީ. އާ ބޯއި ފްރެންޑެއް ނެގީތަ؟." މާޔަލްއަށް އަހާލެވުނެވެ.
"ނޫން... އެއީ މަޖާ. ފްރެންޑަކާ އެކީ ލަންޗަށް ދާން މިދަނީ." ހީނލާފައި މަލަކް ބުންޏެވެ.
މާޔަލް ލިފްޓަށް އެރިއެވެ. މަލަކް ނުކުތީ ބޭރަށެވެ. އޭނާ މަގުގެ ދެ ފަރާތް ހޯދާލިއެވެ. ދައްޔާނު އައިސް ހުރި ވާހަކަ ބުންޏެއް ކަމަކު އޭނާއެއް ނުފެނުނެވެ. ފޯނު ނަގައި ދައްޔާނުގެ ނަންބަރަށް މާޔަލް ގުޅިއެވެ. (ނުނިމޭ)