ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސްއަށް ހުށަހެޅުއްވި ގަރާރު އަނބުރާ ގެންދިއުމަށް އެމަނިކުފާނު ނިންމަވައިފި އެވެ.
ބަރުލަމާނީ ގަރާރު އަނބުރާ ގެންދަވާފައި މިވަނީ އެމްޑީޕީގެ ކޮންގްރެސްގެ އެންމެ ފަހު އައިޓަމެއްގެ ގޮތުގައި ބަރުލަމާނީ ގަރާރު އެޖެންޑާކޮށް، އެ ގަރާރުގެ ބަހުސް ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ބަރުލަމާނީ ގަރާރު އަނބުރާ ގެންދިއުމަށް ނަޝީދު ނިންމެވި ނަމަވެސް އެމަނިކުފާނުގެ ޓީމުން އެކަން އަދި ޔަގީންކޮށްދީފައެއް ނުވެ އެވެ.
ގަރާރު ގެންދިއުމަށް ރައީސް ނަޝީދު ނިންމަވާފައި މިވަނީ އެ ގަރާރު ފާސްކުރުމާ ދެކޮޅު ކަމަށް އެމްޑީޕީގެ ކޮންގްރެސްގެ ބައެއް ބައިވެރިންނާއި އެމްޑީޕީގެ ލީޑަޝިޕްގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ހާމަކުރައްވާފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ބަރުލަމާނީ ގަރާރު ފާސްކުރުމަށް ދެކޮޅު ހައްދަވާ، އެ ގަރާރު އަނބުރާ ގެންދިއުމަށް ރައީސް ނަޝީދަށް މީގެކުރިން ގޮވާލައްވާފަ އެވެ.
އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އަށް ހުށަހެޅި ގަރާރަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އެކަމާ ގުޅިގެން އެ ގަރާރަށް ތާއީދު ހޯއްދެވުމަށް ފަހު ވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެގޮތުން ކޮންގްރެސްގައި ވާހަކަދައްކަވަން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ބަރުލަމާނީ ގަރާރު ޕްރޮމޯޓް ކުރައްވާ އެ ގަރާރު ފާސްކޮށްދެއްވުމަށް ކޮންގްރެސްގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވަމުން ގެންދެވި އެވެ. ކޮންގްރެސްގެ ބައިވެރިން އިއްޔެ ފަރިއްކުޅުއްވަން ތިއްބަވަނިކޮށް އެތަނަށް ވަޑައިގެންވެސް އެ ގަރާރު ފާސްކޮށްދެއްވުމަށް ރައީސް ނަޝީދު އާދޭސް ދެންނެވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ބަރުލަމާނީ ގަރާރު ފާސްނުކޮށްފިނަމަ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށް ވަޑައިގަތުމަށް ދަތިފުޅުވާނެ ކަމުގެ އިޝާރާތެއް ވެސް ރައީސް ނަޝީދަށް ވަނީ ކޮންގްރެސްގައި ދެއްވާފަ އެވެ.
ރައީސް ނަޝީދުގެ ބަރުލަމާނީ ގަރާރު ޕްރޮމޯޓް ކުރުމަށްޓަކައި މިމަހުގެ 15 ވަނަ ދުވަހު އެމަނިކުފާނު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާ ގަރާރުގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ.
ގަރާރުގައިވާ ގޮތުން ބަރުލަމާނީ ނިޒާމު ބައްޓަންކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރެއް ހުންނަވާ ގޮތަށެވެ. ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަކީ ސަރުކާރުގެ އެންމެ އިސްފަރާތެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ ދައުލަތުގެ އެންމެ އިސް ފަރާތެވެ. ބޮޑުވަޒީރު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާ ޕާޓީ އަކުންނެވެ. އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތު ނުލިބިއްޖެނަމަ މަޖިލީހުން ގޮނޑި ކާމިޔާބު ކުރާ ޕާޓީތަކާ ގުޅިގެން ސަރުކާރު އެކުލަވާލެވިދާނެ ކަމަށް ގަރާރުގައިވެ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ހޮވާނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.
ގަރާރުގައިވާ ގޮތުން ބޮޑުވަޒީރަށް ވަޒީރުންގެ މަޖިލިސް އެކުލަވާލުމަށް ބާރު ލިބިވަޑައިގެންނެވި ނަމަވެސް ޑިފެންސް މިނިސްޓަރާއި ފޮރިން މިނިސްޓަރު އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ލަފާ ބޮޑުވަޒީރު ހޯއްދަވާ ޖެހިވަޑައިގަންނަވަ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ގަރާރުގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތާއި ޖުޑިޝަލް ސާވިސް އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށާއި އަދި ސުޕްރީމް ކޯޓުގައި ތިއްބަވަންޖެހޭ ފަނޑިޔާރުންގެ އަދަދު ގާނޫނުއަސާސީގައި ހިމެނުމަށްވެސް ހުށަހަޅުއްވާފައިވެ އެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް އާންމު ވޯޓަކަށް ދާން ނަޝީދު ބާރު އަޅުއްވާއިރު އެ މަސައްކަތް 2007 ވަނަ އަހަރު ވަނީ ކޮށްފަ އެވެ. ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ރައްޔިތުންގެ ނިންމީ ރިޔާސީ ނިޒާމަށް ގައުމު ހިންގުމަށެވެ.