ބަރުލަމާނީ ނިޒާމާ ދެކޮޅު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން މިގޮތަށް ނިންމީ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނަގައިދިނުމަށް ދަ ޑިމޮކްރެޓްސް އިން އެމްޑީޕީގައި އެދިފައިވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ދެކޭ ގޮތް ބެލުމަށް މިރޭ ވޯޓަކަށް އެހުމުންނެވެ.
ވޯޓުގައި ބައިވެރިވި އަދި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އެވަގުތު ތިއްބެވި 90 މެންބަރުން ވަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ.
ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މިރޭ ވާހަކަދެއްކެވި ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ފިޔަވާ ހުރިހާ ބޭފުޅުންވެސް ވާހަކަދެއްކެވީ ބަރުލަމާނީ ނިޒާމާ ދެކޮޅަށެވެ.
ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބެއް ބާއްވާ ރައްޔިތުން ގޮތެއް ނިންމައިގެން ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފައިވާތީ ރައްޔިތުންގެ ނިންމުމަށް އެމްޑީޕީ އިހްތިރާމު ކުރަންޖެހޭނެ އެވެ. އެމްޑީޕީން އަބަދު ވަކާލާތު ކުރި ޑިމޮކްރަސީގެ ހަމަތަކަކީ އެއީ ކަމުގައިވެސް ވިދާޅުވި އެވެ.
ގައުމީ މަޖިލީހުގައި ވާހަކަދެއްކެވި ބައެއް ބޭފުޅުން ވަނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާ ދެކޮޅަށް ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ "ނަޝީދު ނޫން ގޮތެއް" ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.