އެމްޑީޕީ އަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް މެންބަރުން ކުރައްވަމުން ގެންދަވާ ބަހުސްގެ ތެރެއިންނެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ ދަ ޑިމޮކްރެޓްސް އެވެ. އަދި އެ މަސައްކަތަށް ތާއީދުކުރައްވާ ހަމައެކަނި ލީޑަރެއްގެ ގޮތުގައި ފެންނަނީ ރައީސް ނަޝީދު އެކަންޏެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހެޅީވެސް ޑިމޮކްރެޓުންނެވެ. އަދި މިމަހުގެ 30ގެ ވަނަ ދުވަހު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ވޯޓެއް ނެގުމަށް ވަނީ މަޖިލީހުން މިހާރު ވަނީ ފާސްކޮށްފަ އެވެ.
މިގަރާރު ފާސްކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ކުރިން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތާއީދާ އެކު އެވެ. އޭރު އެމްޑީޕީން މި ގަރާރަށް ތާއީދުކުރީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓުންގެ ތާއީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދަކާ އެކު ކަމަށް އެ ޕާޓީގެ ބައެއް މެންބަރުން އޭރު ވިދާޅުވެފައިވެ އެވެ. ނަމަވެސް ޑިމޮކްރެޓުން ނިންމީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ނުދިނުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރީ އެއީ އެމްޑީޕީން އެގޮތަށް އެދިގެން ކަމަށެވެ. ޑިމޮކްރެޓުން އެ މަގަށް ކަންކުރާނެ ކަމުގެ ޔަގީންކަން ހޯދުމަށް ޑިމޮކްރެޓުންގެ އަތުން އެމްޑީޕީން ސިޓީއެއް ހޯދި ކަމަށާއި ނަމަވެސް އެ ސިޓީއަށް އެމްޑީޕީން މިއަދާ ހަމައަށްވެސް ޖަވާބެއް ނުދޭ ކަމަށެވެ. ޑިމޮކްރެޓުން އެފަދަ ސިޓީއެއް ދިނީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމުގެ ވޯޓުގައި އެމްޑީޕީގެ ތާއީދު ލިބޭނެ ކަމަށް ބަލައިގެން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ނުދަންނަވަން އެމްޑީޕީ އަކީ ބަހުގެ އިތުބާރު މިވަގުތު ހިފޭ ބާވަތުގެ ޕާޓީއެއް ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު ބޭނުންވި ނަމަވެސް އެމްޑީޕީ މިވަގުތު ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެވެސް ވިދާޅުވީ އެމަނިކުފާނު ތާއީދުކުރައްވަނީ ރިޔާސީ ނިޒާމަކަށް ކަމަށެވެ.
އެމްޑީޕީ އަކީ ބަހުގައި އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއިރު އެމަނިކުފާނު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ހުށަހަޅުއްވާފަ އެވެ.