ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނޫނީ ކާމިޔާބުވާ ތަނެއް ނުފެނޭ: ރައީސް

އެމްޑީޕީގެ ކޮންގްރެސް ނިންމުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބު ކުރެވޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަަމަށް އެ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ފެށި ކޮންގްރެސް ނިންމުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ގައުމީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ނެންގެވުމުން އެކަމަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ އެއީ ނަޝީދު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ފެށިގެން ދިޔައީވެސް ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކާއެކު ކަމަށާ ހާއްސަކޮށް ނަޝީދުގެ ގަރާރާމެދު އޮތް ހިޔާލުތަފާތުވުން ބޮޑު ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެވި ހިޔާލު އެއްގޮތް ކުރެވި ކޮންގްރެސް ނިމިގެން ދިޔައީ 1،200 ވުރެ ގިނަ ކޮންގްރެސްމަނުންނަށް އުފާވެރިކަން ލިބިދިނުމަށް ފަހު ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތެވެ. އެ މަސައްކަތަށް މުޅި ޕާޓީ އެކުގައި ނިކުންނަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނެ ގޮތް އަސާސީ ގަވާއިދުގައިވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާ އަދި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮންނަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ފެނިވަޑައެއް ނުގަންނަވައެވެ.

"ޕާޓީން ކަނޑައަޅާ ކެންޑިޑޭޓް ގޮވައިގެން އަޅުގަނޑުމެން އެންމެން އެކުގައި ނިކުންނަން ވާނެ. މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910