އެމްޑީޕީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން އިތުރަށް ސާބިތުކޮށް ދީފި ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެ ގޮތުން ދެއްކެވި ވާހަކަފުޅު ގައެވެ. ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ގައުމީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ނެންގެވުމުން އެ ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް މިވަގުތަށް ވަނީ ހައްލުވެފައެވެ.
ކުރީން ބެލެވިފައި އޮތީ ނަޝީދުގެ ގަރާރާއެކު ކޮންގްރެސް ވަރަށް ބޮޑަށް ހޫނުވާނެ ކަމަށެވެ. އެ ހޫނުކަން ނެތި ކޮންގްރެސް ނިންމާލުމުގެ ފުރުސަތު ލިބުމުން ފައްޔާޒް ވިދާޅުވީ އެމްޑީޕީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން އިތުރަށް ސާބިތުކޮށް ދީފި ކަމަށެވެ. އަދި އެމްޑީޕީގައި އަދިވެސް ހިޔާލު ތަފާތުވުން އޮންނާނެ ކަމަށާ ނަމަވެސް އެކަންކަން ހައްލު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެން މި ޕާޓީއަކީ ވަރުގަދަ ޕާޓީއެއް. ބޮޑު ޕާޓީއެއް. އަދި އަޅުގަނޑުމެން ޕާޓީއަކީ ތަސައްރަފު ފުދިފައިވާ ޕާޓީއެއްކަން އަނެއްކާވެސް އަޅުގަނޑުމެން މި ދައްކައިދިނީ. އަދިވެސް އަޅުގަނޑުމެންގެ ތެރޭގައި ހަމަ ކަަށަވަރު ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށް އޮންނާނެ. ނަމަވެސް އެެ ހިޔާލުތަފާތުވުންތަކުގެ ތެރެއިން އަޅުގަނޑުމެންނަށް ނަތީޖާ ހޯދޭކަން އަޅުގަނޑުމެން މިދަނީ އަބަދުގެ އަބަދަށް ދައްކަމުން. އަދި ކުުރިއަށް އޮތްތާވެސް އަޅުގަނޑުމެންގެ އަމަލުތައް ހުންނާނީ އެހެން،" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒު ވަނީ އޭނާގެ ޗެއާޕާސަން ކަމުގައި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް ހޯދައިދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮންގްރެސް ނިންމުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ކޮންގްރެސް ފެށިގެން ދިޔައީވެސް ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކާއެކު ކަމަށާ ހާއްސަކޮށް ނަޝީދުގެ ގަރާރާމެދު އޮތް ހިޔާލުތަފާތުވުން ބޮޑު ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެވި ހިޔާލު އެއްގޮތް ކުރެވި ކޮންގްރެސް ނިމިގެން ދިޔައީ 1،200 ވުރެ ގިނަ ކޮންގްރެސްމަނުންނަށް އުފާވެރިކަން ލިބިދިނުމަށް ފަހު ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތެވެ. އެ މަސައްކަތަށް މުޅި ޕާޓީ އެކުގައި ނިކުންނަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނެ ގޮތް އަސާސީ ގަވާއިދުގައިވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާ އަދި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮންނަން ޖެހޭ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ފެނިވަޑައެއް ނުގަންނަވައެވެ.
"ޕާޓީން ކަނޑައަޅާ ކެންޑިޑޭޓް ގޮވައިގެން އަޅުގަނޑުމެން އެންމެން އެކުގައި ނިކުންނަން ވާނެ. މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.