ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކޮންގްރެސް މިރޭ ރަސްމީކޮށް ނިންމާލައިިފި އެވެ.
ކޮންގްރެސް ނިންމާލުމުގެ ގޮތުން މިރޭ ވަނީ ކޮންގްރެސް ހޯލް -- ސޯޝަލް ސެންޓަރު ހޯލް -- ގައި ޖަލްސާއެއް ބާއްވާފައެވެ. އެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީގެ އިސް ބޭފުޅުންނާއި ކޮންގްރެސްގެ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ނިންމުމުގެ ޖަލްސާއަށް ފަހު ހާއްސަ ފަރިއްކޮޅެއް އޮތެވެ.
ތިން ދުވަހަށް ކުރިއަށް ދިޔަ ކޮންގްރެސްގައި އެމްޑީޕީގެ އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތައް މިއަދު ވަނީ ފާސްކޮށްފައެވެ. އެމްޑީޕީގެ އަސާސީ ގަވައިދަށް 11 އިސްލާހެއް ހުށަހަޅާފައި ވަނިކޮށް ކޮންގްރެސްގެ ބަހުސްގައި ވެސް ބައެއް އިސްލާހުތައް ހުށަހަޅާފައިވެ އެވެ.
އަސާސީ ގަވައިދަށް ހުށަހެޅި އިސްލާހުތަކަށް ވޯޓަށް އެހީ ކޮންގްރެސްގެ މިއަދު ހަވީރުގެ ދަންފަޅީގަ އެވެ. މިއަދު ވޯޓަށް އެހި އިސްލާހުތަކުގެ ތެރޭގައި ރައީސް ނަޝީދާއި ރައީސް ސޯލިހް ހުށަހެޅުއްވި އިސްލާހު ވެސް ހިމެނެ އެވެ.
ރައީސް ނަޝީދު ހުށަހެޅުއްވީ އެމްޑީޕީގެ ތެރޭގައި ހަރަކާތްތެރިވާނެ ތިންކް ޓޭންކެއް އުފެއްދުމަށެވެ. މި އިސްލާހު ފާސްކުރުމަށް 915 ބޭފުޅުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން ބޭފުޅުންނެވެ.
ރައީސް ސޯލިހް ހުށަހެޅުއްވީ ކޮންގްރެސްގެ ގޮފިތައް އައްޔަން ކުރުމުގައި މިހާރު ވެސް އަމަލު ކުރާ އުސޫލު އެގޮތުގައި ބޭއްވުމަށެވެ. މިއިސްލާހު ފާސްކުރަން 901 މެމްބަރުން ވޯޓު ދިން އިރު ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.
މީގެ އިތުރުން އެމްޑީޕީގެ ނައިބް ރައީސްގެ މަގާމާއި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުންނަކީ ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރާ ބަޔަކަށް ހެދުމަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރަކު ކޮންގްރެސްގައި ހިމަނަން ވެސް ހުށަހެޅި އެވެ. މިއިސްލާހުތައް ވެސް ވަނީ ކޮންގްރެސްގެ އަގުލަބިއްޔަތުން ފާސްކޮށްފަ އެވެ.
އަސާސީ ގަވައިދަށް ހުށަހެޅުނު އިސްލާހުތަކާ އެކު އެމްޑީޕީގެ އަސާސީ ގަވައިދު ފާސްކުރުމާ މެދު ކޮންގްރެސްގެ ބައިވެރިންނަށް ފެންނަ ގޮތަކަށް ވޯޓު ދޭން ހުޅުވާލުމުން އަސާސީ ގަވައިދު ފާސްވީ 857 މެމްބަރުންގެ ތާއީދާ އެކު އެވެ.
ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައީސް ނަޝީދު ހުށަހެޅުއްވި ގަރާރު ފަހު ވަގުތު އަނބުރާ ގެންދެވުމާ ގުޅިގެން އެ ގަރާރަށް ކޮންގްރެސްގައި ވޯޓަށް އަހާފައެއް ނުވެ އެވެ.