ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީ ކުރިއަށް ވުރެ އެއްބައިވަންތަވެއްޖެ: ރައީސް

މިރޭ ނިމުނު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް އާއެކު އެ ޕާޓީ ކުރިއަށް ވުރެ އެއްބައިވަންތަ ވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮންގްރެސްގެ ކާމިޔާބަށް މަރުހަބާ ވިދާޅުވެ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ ނިމިގެން ދިޔައީ ކާމިޔާބު ކޮންގްރެސް އެއް ކަމަށެވެ. އަދި މިއީ އެމްޑީޕީއަށްޓަކައި މަޝްވަރާ ކުރެވި ހިޔާލުތައް އެއްގޮތް ކުރެވުނު ކޮންގްރެސް އެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބާ ކުރިމަތިލާއިރު އެމްޑީޕީ އޮތީ ކުރިއަށް ވުރެ އެއްބައިވަންތަ ކޮށެވެ. އަދި އެ ޕާޓީގެ މިޝަންގައި ވަރުގަދަ އަޒުމެއް އޮތީ ކަނޑައަޅައިގެން ކަމަށް ވިދާޅުވިއެވެ.

ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބު ކުރެވޭ މަންޒަރު ފެނިވަޑައިނުގަންނަވާ ކަަމަށް ވެސް ރައީސް ވަނީ ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ރޭ ފެށި ކޮންގްރެސް ނިންމުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ގައުމީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރު ނެންގެވުމުން އެކަމަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ އެއީ ނަޝީދު ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންގްރެސް ފެށިގެން ދިޔައީވެސް ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކާއެކު ކަމަށާ ހާއްސަކޮށް ނަޝީދުގެ ގަރާރާމެދު އޮތް ހިޔާލުތަފާތުވުން ބޮޑު ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރެވި ހިޔާލު އެއްގޮތް ކުރެވި ކޮންގްރެސް ނިމިގެން ދިޔައީ 1،200 ވުރެ ގިނަ ކޮންގްރެސްމަނުންނަށް އުފާވެރިކަން ލިބިދިނުމަށް ފަހު ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތީ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތެވެ. އެ މަސައްކަތަށް މުޅި ޕާޓީ އެކުގައި ނިކުންނަން ޖެހޭ ކަަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައަޅާނެ ގޮތް އަސާސީ ގަވާއިދުގައިވާ ކަމަށެވެ. އެ ގޮތަށް އަމަލު ކުރަން ޖެހޭ ކަމަށާ އަދި މޮޅުވާ ކެންޑިޑޭޓެއްގެ ފަހަތުގައި މުޅި އެމްޑީޕީ އޮންނަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް ފެނިވަޑައެއް ނުގަންނަވައެވެ.

"ޕާޓީން ކަނޑައަޅާ ކެންޑިޑޭޓް ގޮވައިގެން އަޅުގަނޑުމެން އެންމެން އެކުގައި ނިކުންނަން ވާނެ. މިއީ ބޮޑު ޕާޓީއެއް. މިއީ ތާއީދު ބޮޑު ޕާޓީއެއް. މިއީ ސިޔާސަތުތައް ފުރިހަމަ ޕާޓީއެއް. އަޅުގަނޑު ހިތުން ކުރިއަށް އޮތް 2023 ގެ ރިޔާސީ އިންތިހާބުވެސް އެމްޑީޕީ ނޫން ބަޔަކަށް ކާމިޔާބުވާ ތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ،" ރައީސް ވިދާޅުވިއެވެ.