އަމީން އިބްރާހިމް

ހަތް އަހަރަށް ފަހު އަމީން ރާއްޖެ ވަޑައިގެންފި

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ކުރީގެ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް މިއަދު ރާއްޖެ ވަޑައިގެންފި އެވެ. އަމީން ރާއްޖެ ވަޑައިގެންފައި މި ވަނީ ހަތް އަހަރު ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އެވެ.

މެއި 1، 2015 ގައި އޮތް މޭޑޭގެ ބޮޑު މުޒާހަރާގައި އަމީން ހައްޔަރު ކުރިއެވެ. މަހަކަށް ވުރެ ގިނަ ދުވަހު ޖަލުގައި ގެންގުޅުމަށް ފަހު އަމީން ދޫކޮށްލުމުން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. ފަހުން އާއިލާވެސް ވަނީ އިނގިރޭސިވިލާތަށް ބަދަލު ކުރައްވާފައެވެ.

އަމީން ވަޑައިގަތުމުން ވީއައިއޭ އިން މަރުހަބާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ އިސް ބޭފުޅުންނެވެ. އަމީންގެ މަންމަ އާއި އާއިލާގެ ގިނަ ބަޔަކުވެސް އަމީން އާއި އާއިލާއަށް މަރުހަބާ ކިޔަން އެއާޕޯޓަށް ދިޔައެވެ.

އެއާޕޯޓްގައި ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ރާއްޖެ އާދެވުމުން ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންފައިވާ ކަަމަށެވެ. މިހާ ދިގު މުއްދަތެއް ވަންދެން ރާއްޖެއިން ބޭރުގައި ހުންނެވީ ކީއްވެގެންތޯ ދެންނެވުމުން އަމީން ވިދާޅުވީ ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވަކި ތަނެއްގައި ހުރުން ލާޒިމް ނޫން ކަމަށެވެ. ކޮންމެ ތަނެއްގައި ހުންނެވި ނަމަވެސް ގައުމާއި ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އަމީންއާއެކު ބޭރަށް ވަޑައިގެންނެވި ބޭފުޅުން ރައީސް ޔާމީންގެ ސަރުކާރު ބަދަލުވުމާއެކު ރާއްޖެ ވަޑައިގަތެވެ. މޭޑޭގެ ބިޔަ އެއްވުން ލީޑުކުރެއްވި ބޭފުޅުންގެ ތެރެއިން އަމީން ފިޔަވައި އެހެން ބޭފުޅުން ތިއްބެވީ ސަރުކާރުގެ އިސް މަގާމުތަކުގައެވެ.

އަމީން ވިދާޅުވީ ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ ޓީމާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ.

ސަރުކާރާމެދު ދެކެނީ ކިހިނެތްތޯ ސުވާލު ކުރުމުން އަމީން ވިދާޅުވީ ކޮންމެ ސަރުކާރަކާމެދުވެސް ރައްޔިތުންގެ ކަންބޮޑުވާ ކަންކަން ހުންނާނެ ކަމަށެވެ. މިހާރު އޮތީ ޖުމްހޫރީ ޕާޓީވެސް ބައިވެރިވާ ސަރުކާރަކަށް ވާތީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދާ ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުުރުމުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ ކަންބޮޑުވުމަކީ އަބަދުވެސް ޖުމްހޫރީ ޕާޓީގެ ކަންބޮޑުވުން. ރައްޔިތުންނަށް އުފަލެއް ލިބޭ ކަމަށް ވަންޏާ އަޅުގަނޑުމެން އުފާވޭ. އެ މީހުން ކަންބޮޑުވާ ކަމަށް ވަންޏާ އަޅުގަނޑުމެންވެސް ކަންބޮޑުވޭ. އަދި އެކަންބޮޑުވުންތައް ޓްވީޓްތަކުގެ ސިފައި ތިޔަ ފެނިވަޑައިގަންނަވަނީވެސް. އެހެން ނަމަވެސް އަޅުގަނޑުމެންގެ ކޮންސާން ކަންބޮޑުވުން އަބަދަކުއެއް ހުށައަޅަނީ އާންމު ޕްލެޓްފޯމްތަކުގައެއް ނޫން،" އަމީން ވިދާޅުވިއެވެ.

އަމީންއަކީ ރައީސް މައުމޫން ސަރުކާރުން ފެށިގެން އެކި މަގާމުތަކުގައި ގައުމަށް ހިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޓްރާސްޕޯޓް މިނިސްޓަރު ކަންވެސް ކުރެއްވިއެވެ. އެ މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަތީ ޖުމްހޫރީ ޕާޓީ އާއި ސަރުކާރާއި އޮތް ގުޅުން ކެނޑުމުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީ ދޫކުރައްވާ ރައީސް ޔާމީން އަރިހަށް ވަޑައިގެން މަގާމުގައި ހުންނެވުމުގެ ފުރުސަތު އަމީނަށް ލިބިވަޑައިގަތެވެ. އެކަން ގަބޫލު ނުކުރެއްވީ އެވެ.