އުރީދޫ

އައްޑޫގައި އުރީދޫ އެކްސްޕީރިއަންސް ސެންޓަރާއި ކްލަބް ޕްރިމިއާ ލައުންޖް އަޕްގްރޭޑްކޮށް ހުޅުވައިފި

Aug 23, 2022
1

އުރީދޫ މޯލްޑިވްސް އިން ސ. ހިތަދޫގައި ގާއިމުކޮށްފައިވާ އެކްސްޕީރިއަންސް ސެންޓަރު އަދި ކްލަބް ޕްރީމިއާ ލައުންޖް އަލުން އަޕްގްރޭޑްކޮށް ކަސްޓަމަރުންނަށް މިއަދު ހުޅުވާލައިފި އެވެ.

އުރީދޫގެ އާ ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް"ގެ ދަށުން އުރީދޫ އެކްސްޕީރިއަންސް ސެންޓަރަށް މި ބަދަލު ގެނެވިފައިވަނީ އައްޑު އަތޮޅުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އުރީދޫ ކަސްޓަމާ ބޭސްއަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިތަދޫ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ އުރީދޫ އެކްސްޕީރިއަންސް ސެންޓަރު (އޯއީސީ) ފަރުމާކޮށްފައިވަނީ، އުރީދޫއިން ފޯރުކޮށްދޭ ތަފާތު ހިދުމަތްތައް، ހިތަދޫގައި އިތުރުވަމުންދާ އެކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ހިތްހަމަޖެހޭ ފެންވަރުގައި ފޯރުކޮށްދެވޭނެ މާހައުލެއް ފަހިވާނެ ގޮތަށެވެ.

މިރަސްމިއްޔާތެއްގައި ހިތަދޫ އޯއީސީ އާއި ކްލަބް ޕްރިމިއާ ލައުންޖް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީގެ އިތުރުން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް އަދި ހެޑް އޮފް ކަސްޓަމާ ކެއާގެ ދިޔާނާ އަފީފް އެވެ.

"ކަސްޓަމަރުންގެ އިތުރުވަމުން އަންނަ ބޭނުންތަކާއި އެއްގޮތަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހިތަދޫ އެކްސްޕީރިއަންސް ސެންޓަރު އަދި ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ ލައުންޖަކާއެކު، އަޕްގްރޭޑްކޮށް އަލުން ހުޅުވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޑިޖިޓަލް ސެލްފް ސާވިސް ޕޯޓަލްތަކުގެ އިތުރުން، އަޅުގަނޑުމެންގެ ހުރިހާ ޓަޗްޕޮއިންޓްތަކެއްގައި ވެސް ކަސްޓަމަރުންގެ ތަޖުރިބާ އިތުރު ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން އަބަދުވެސް ހާއްސަ އަހައްމިޔަތުކަމެއް ދެން،" އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިގެނެވުނު ބަދަލާއެކު އުއްމީދަކީ އުރީދޫގެ ހިދުމަތްތައް ލިބިގަތުމުގައި އައްޑޫ ސިޓީގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބިގެން ދިއުން ކަމަށެވެ. އުރީދޫގައި ބްރޭންޑް ޓެގްލައިން "އަޕްގްރޭޑް ޔޯ ވޯލްޑް" އާއި އެއްގޮތަށް ކަސްޓަމަރުންނާ އެކު ކުރެވޭ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ވެސް ހާލިދު ދެއްވާފައިވެ އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ މާލެއެކޭ އެއްގޮތަށް ހިތަދޫގައި ހުޅުވި އާ އޯއީސީ އަކީ ކަސްޓަމަރުންނަށް ހޫނު މަރުހަބާއެއް ކިޔޭ ފަދަ މާހައުލެއްގައި، ތަފާތު އެކި އުފެއްދުންތަކާއި ހިދުމަތްތައް، އަވަސް އަދި ފަސޭހަ ގޮތެއްގައި ފޯރުކޮށްދޭނެ ތަނެއް ކަމަށެވެ. ހިތަދޫ އޯއީސީގައިވެސް އުރީދޫ ލޮކޭޓް، އުރީދޫ މައިފައި، އަދި އުރީދޫ ސެޓަލައިޓް ފޯނުފަދަ އުރީދޫ އިން ފޯރުކޮށްދޭ އުފެއްދުންތެރި ޑިވައިސްތައް ބޭނުންކޮށް، ތަޖުރިބާ ކުރުމުގެ ފުރުސަތު ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށްވެސް ބުންޏެވެ.

ހިތަދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ހާއްސަ ޕްރީމިއަމް ލައުންޖެއްވެސް ގާއިމުކޮށްފައިވެ އެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރުން ލިބޭ ހުރިހާ ހިދުމަތްތަކުގެ އިތުރުން، ކްލަބް ޕްރިމިއާ ލައުންޖަށް ވަދެވުމާ އެކު ހިތްގައިމު މާހައުލެއްގައި އުރީދޫގެ ޕްރީމިއަމް ކަސްޓަމަރުންނަށް ބޭނުންވާ ހިދުމަތް ފަސޭހަކަމާއި އެކު ފޯރުކޮދޭނެ ކަމަށްވެސް ބުންޏެވެ.

އުރީދޫ މޯލްޑިވްސް އިން ބުނީ އެހެނިހެން އޯއީސީތަކާއި އެއްފަދައިން ހޮނިހިރު ދުވަހާއި ބުރާސްފަތި ދުވަހާއި ދެމެދު، ހެނދުނު 9:00 އިން ފެށިގެން، ހަވީރު 4:00ގެ ނިޔަލަށް ހިދުމަތް ލިބޭނެ އެވެ. އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުގެ އިތުރުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައިވާ އުރީދޫގެ ބިޒްނަސް ޕާޓްނާ ފިހާރަތަކުންނާއި، ސޭލްސް ޕާޓްނާ ފިހާރަ ތަކުންވެސް އުރީދޫގެ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އެވެ.