ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި ދަރިވަރަކަށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވުމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބަލަން ފަށައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ގުރޫޕް ހަދައިގެން ކުދިންތަކެއް އެހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާތީ މައްސަލަ ބަލަމުންދާ ކަމަށެވެ.
މައްސަލައާއި ގުޅޭ ތަފްސީލެއް އަދި އެއްވެސް ފަރާތަކަށް ފިޔަވަޅު އެޅި ކަމުގެ މައުލޫމާތެއް ވެސް މިނިސްޓްރީން ނުދެ އެވެ.
އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ގޮނޑިއެއްގައި އިން ކުއްޖެއްގެ އަތުގައި އޮތް ފޮތެއް އެހެން ކުއްޖަކު އަތުލަން އުޅޭ ތަނެވެ. އަދި އޭގެފަހުން އިށީނދެ އިން ކުއްޖާގެ ގައިގައި ފޮތާއި ދަބަހުން ތަޅައި ގަންނަ މަންޒަރު ފެނެ އެވެ.
މިކަމުގެ ތެރޭގައި ބައެއް ކުދިން މައްސަލަ ޖެހިގެން އުޅޭ ދެކުދިން ދުުރުކުރަން ވެސް މަސައްކަތް ކުރެ އެވެ.
އާންމުވެގެން އުޅޭ ވީޑިއޯގައި ފެންނަނީ ކޮން އިރަކު ހިނގި ކަމެއް ކަމެއް އެނގިފައެއް ނުވެ އެވެ.