ގދ. ތިނަދޫ

ކަރުދާސް ގަނޑެއްގެ މަތީގައީ ނާސްތާ ދިން މައްސަލައެއް

ގދ. ތިނަދޫ އަބޫބަކުރު ސްކޫލުގައި މިއަދު ހެނދުނުގެ ނާސްތާ ކަރުދާސް ގަނޑެއްގެ މަތީގައި ދިން މައްސަލައެއް ފެން މަތިވެއްޖެ އެވެ.

މިމިމައްސަލައާއި ގުޅިގެން ފޭސްބުކުގައި ހިތްހަމަނުޖެހުން ފާޅުކުރި މީހަކު ބުނެފައިވަނީ، ކަރުދާސް ގަނޑެއްގެ މަތީ ކާއެއްޗެހި ބަހައްޓައިގެން ކުދިންނަށް ކާން ޖެއްސުމަކީ ވަރަށް ދެރަވަރު ކަމެއް ކަމަށާއި، ތައުލީމު ހާސިލް ކުރަން ސްކޫލްއަށް ދާ ދަރިވަރުންނަކީ ސަލަން ޖަހާ ބައެެއް ނޫން ކަމަށެވެ. އަދި ނާސްތާ ދިނުމުގެ އިންތިޒާމު އެއަށްވުރެ ފުރިހަމަ ގޮތެއްގައި އިންތިޒާމު ކުރަން ޖެހޭ ކަމަށެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އަސްއަދު ވިދާޅުވީ، ސަރުކާރުން ކުރާ އެފަދަ ރަނގަޅު ކަމެއްގައި ސްކޫލުން އެފަދަ ގޮތަކަށް ކަންތައް ކުރީ ކީއްވެތޯ ބަލަން ޕްރިންސިޕަލާ ބައްދަލުކުރަން ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް ސްކޫލުން އެކަން ދޮގު ކުރެ އެވެ. އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲ އަވަސްއަށް ވިދާޅުވީ، އެ ސްކޫލުގައި އެއްވެސް ދަރިވަރަކަށް ކަރުދާސްގަނޑެއްގެ މަތީ ކާ އެއްޗެހި ބަހައްޓައިގެން ނާސްތާ ދީފައި ނުވާނެ ކަމަށެވެ. އިތުރު މައުލޫމާތު އޭނާ ދީފައެއް ނުވެ އެވެ.