ކުޅުދުއްފުށި

މުޒާހަރާގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސަށް ހަމަލާދީފި

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިދުމަތްތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެ ހޮސްޕިޓަލްގައި މުޒާހަރާ ކުރަމުން ދިޔަ ބަޔަކު އެ ރަށު ކައުންސިލްގެ ރައީސް އަލީ މުހައްމަދަށް ހަމަލާދީފި އެެވެ. އޭނާއަށް ހަމަލާދީފައިވަނީ މުޒާހަރާގެ ތެރެއިންނެވެ.

ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އައިމަން ވިދާޅުވީ، އަލީ މުހައްމަދަށް ހަމަލާދީފައިވަނީ، ހޮސްޕިޓަލްގެ މެނޭޖްމެންޓާ ބައްދަލުކުރެއްވުމަށްފަހު ހޮސްޕިޓަލުން ބޭރަށް ނިކުންނެވި ގަޑީގައި ކަމަށެވެ.

"ބޭރަށް ނިކުންނަވަނިކޮށް [މުޒާހަރާގެ ތެެރެއަށް] ކައުންސިލްގެ ރައީސް ދަމައިގަތީ، އެމީހުންގެ ތެރެއަށް ގެންގޮސް އަތުން ބުރަކަށީގައި ތެޅީ، ދެ މީހަކު ވެގެން ތެޅީ،"

އައިމަން ވިދާޅުވީ، ހަމަލާތަކުން އަލީ މުހައްމަދު ސަލާމަތްކުރީ މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް މަސައްކަތްކުރަމުން ދިޔަ ފުލުހުން ކަމަށެވެ. އަލީ މުހައްމަދު މިހާރު ހުންނެވީ ހޮސްޕިޓަލްގައި ކަމަށެވެ.

"ކައުންސިލްގެ ރައީސްއަށް ވަނީ އަނިޔާވެފައި، ވަރަށް ބޮޑަށް ތަޅާފައި ހުރީ... މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބައެއް ހޮވާލައި ހޮސްޕިޓަލްގެ މެނޭޖްމެންޓާ ބައްދަލުކުރުވާފައި މިހާރު ވަނީ، އެމީހުން ކުރި ސުވާލުތަކަށް ހޮސްޕިޓަލުގެ މެނޭޖުމެންޓުން ޖަވާބުދީފައިވަނީ. މުޒާހަރާގެ ބައިވެރިން މިހާރު ވަނީ މަދުވެފައި ނަމަވެސް އަދިވެސް ބޭރުގައި ބައެއް ބައިވެރިން އެބަތިބި،" އައިމަން ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލަށް މިއަދު ހަވީރު ގިނަ އަދަދެއްގެ ރައްޔިތުން އެއްވެފައިވަނީ އެ ހޮސްޕިޓަލުން ސިޒޭރިއަން ހެދި އައިޝަތު ފަރިޔާލު ލޭ މަނާ ނުވެގެން ރޭގެ ވަގުތެއްގައި މަރުވުމާ ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ހޮސްޕިޓަލްގެ މެނޭޖުމެންޓް އިސްތިއުފާ ދިނުމަށް ގޮވާފައެވެ. އަދި ސިޒޭރިއަން ހެދި ޑރ. ލުއިސް ރަށުން ބޭލުމަށް ވެސް ވަނީ ގޮވާފައެވެ.

ޑރ. ލުއިސް މިހާރު ވަނީ މަސައްކަތުން އެކަހެރި ކޮށްފައެވެ. ފަރިޔާލުގެ މައްސަލަ ހެލްތް މިނިސްޓްރީން މިހާރު ތަހުގީގުކުރަމުންދާއިރު މައްސަލާގެ ތަހުގީގަށް ޑރ. ލުއިސް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ލުއިސް މިހާރު ހުރީ ސަސްޕެންޑް ކޮށްފައެވެ.