ވާހަކަ

އިޙްސާސްވޭ

( 21 އޯގަސްޓް 2022 އާ ގުޅޭ )

މާޔަލް ލިފްޓަށް އެރިއެވެ. މަލަކް ނުކުތީ ބޭރަށެވެ. އޭނާ މަގުގެ ދެ ފަރާތް ހޯދާލިއެވެ. ދައްޔާނު އައިސް ހުރި ވާހަކަ ބުންޏެއް ކަމަކު އޭނާއެއް ނުފެނުނެވެ. ފޯނު ނަގައި ދައްޔާނުގެ ނަންބަރަށް މަލަކް ގުޅިއެވެ.

ގެއަށް ވަދެގެން އައިގޮތަށް ދައްޔާނު ހަލުވިކޮށް އައިސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ދޮރުފަތުގައި ލެނގިލެވުމާއެކު އޭނާ ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އެންމެ ނޭވާއެއް ނޫނެވެ. ކައިރިކައިރީ ތިން ހަތަރު ނޭވާއިން މޭފުރާލިއެވެ. މީގެ އިރުކޮޅެއް ކުރީން އޭނާއަށް އިޙްސާސް ކުރެވެމުންދިޔައީ މޭފިތި ނޭވާލާން ދަތިވަމުން އައިކަމެވެ. ނަމަވެސް އެ އުނދަގުލުން އޭނާ މިހާރު ސަލާމަތްވެއްޖެއެވެ. ގަބުވެފައި ހުއްޓާ ޖީންސުގެ ޖީބުގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ކާކުކަން އޭނާއަށް ގުޅަނީ އެނގެއެވެ. މެދު ކެނޑުމެއްނެތި އިރުއިރުކޮޅާ އޭނާގެ ފޯނަށް އެ މީހަކު އެ ގުޅަނީ ކީއްވެކަން ވެސް ދައްޔާނަށް އެނގެއެވެ. ޖީބުން ފޯނު ނަގައި ދައްޔާނު ބަލާލިއެވެ. ކޯލު ކެނޑެންދެން އޭނާ މަޑުކުރިއެވެ. ކޯލު ކެނޑުމުން ފޯނު ސައިލެންޓަށް ލާފައި އަލުން ޖީންސުގެ އަރިމަތީ ޖީބަށް ކޮށްޕާލިއެވެ.

"ޔާން... ޔާނު... ދޮރުހުޅުވަބަލަ." ދޮރުގައި ޓަކި ދެމުން އެ މީހަކު ގޮވިއެވެ.

"މާނުބެ." މަޑުމަޑުން ދައްޔާނަށް ބުނެވުނެވެ.

ދައްޔާނު ދޮރުގެ ތަޅު ހުޅުވާފައި އައިސް އެނދުގައި އިށީނެވެ. މަޑުމަޑުން ހުޅުވުނު ދޮރުން އެ ކޮޓަރިއަށް ވަނީ އޭނާގެ އެއްބަނޑު ބޭބެއެވެ. އެއީ ޢާއިލާގެ އެންމެ ދޮށީ ކުއްޖާއެވެ. ޢާއިލާގެ އެހެން ކުދީންނަށްވުރެ އެ ބޭބެއާ ދައްޔާނު ގާތެވެ. ދައްޔާނުގެ ދިރިއުޅުމުގެ ކަންކަން ޚިއްޞާކުރާ ހަމައެކަނި މީހާއެވެ. ހަޔާތުގެ ހުރަސްތައް ގިރާކުރުމަށް ލަފާދޭ ފަރާތެވެ. އޭނާގެ އެންމެ ބޮޑު ހިތްވަރެވެ.

"ކިހިނެއްވީ؟. ކަމަކާ ހާސްވެފަހެން ހީވޭ... ދުވަމުން ގޮސް ވިއްޔާ ކޮޓަރިއަށް ވަނީ." ދޮރު ލައްޕާލާފައި އައިސް ދައްޔާނުގެ ކައިރީ ހުއްޓެމުން އޭނާ ބުނެލީ ފެނުނު ގޮތަށްވުރެ އިތުރަށް ކަންބޮޑުކޮށްފައެވެ.

"މާނުބެއަށް ކިހިނެއް އެނގުނީ." ދައްޔާނުގެ ނަފްސު ހަމައަކަށް އަޅުވާން މަސައްކަތް ކުރަމުން އޭނާ ބޭބެއަށް ބަލާލިއެވެ.

"އަހަރެން ސޯފާގަ އޭ އިނީ. ޔާނުއަށް ގޮވާލީމަ އަޑުއިވުނުކަމަކަށްނުވި." އޭނާ ބުންޏެވެ.

"ކަޑައެއްޗެއް ވެގެން މިއައީ. އޭނާ ފެނުނީ... އޭނާއަށް އަހަރެން ފެނުނީމަ އެނގުނީހެން ހީވަނީ. ވާހަކަ ދައްކަފާނެތީ އަވަހަށް ސައިކުގަ ނައްޓާލީ. މަލްއާ މީޓު ވެސް ނުކޮށް މިއައީ. މާނުބެ... އަހަރެން ވަރަށް ގިލްޓީވޭ. އެހެންވެ ބިރުގަތީ. އެހިސާބަށް އެރިޔަސް ދިމާނުވޭތޯ ސަމާލުވެ ހުންނަނީ. އެކަމަކު މިއަދު ހަމަ ކުއްލިއަކަށް... ހާސްވީވަރުން ހަދާނޭގޮތެއް ވެސް ނޭނގުނީ. ހަމަޖެހިގެން ހުންނަން ބޭނުންވިޔަސް އެކަމެއްނުވި." ދައްޔާނު އިސްއޮބާލައިގެން އިނދެ ވާހަކަދެއްކިއެވެ.

"އެކަން ހަނދާންނައްތާލާށޭ ބުނީމެންނު. ޔާނު އެއްވެސް ކަމެއް ނުކުރޭ. ބިރުނުގަނޭ. އަހަރެން ހުއްޓާ ޔާނުއަށް އެއްވެސް ކަމެއްނުވާނެ. ދެން އަދި ބުނަން... އެ ގޭ ދޮށަށް ދަންޏާ ދިމާވެސް ވާނެ. އެކަމަކު އަހަންނަށް އެނގޭ ގޮތުގަ އެކްސިޑެންޓްގެ ސަބަބުން އޭނާ ވަނީ ހަޔާތުގެ ބޮޑުބައެއް ހަނދާންނެތިފަ. އިތުރު ޝޮކެއް އޭނާއަށް ލިބިއްޖެނަމަ ކުރީން ފަހަރުހެން ސަލާމަތެއް މިފަހަރު ނުވާނޭ ޑަކްޓަރުން ބުނޭ. ބޯ ސަކަރާތްވެފަ އޭނާ މިހާރު ހުންނަނީ. އެހެންވީމަ ޔާނު ހާސްވެގެން ތިއުޅެނީ ކީއްވެ. އޭނާއަށް ޔާނު އެނގުނަސް ހަޤީޤަތެއް ނޭނގޭނެ. ބަޓް ސްޓިލް... ސަމާލުވާތި. ގިނަގިނައިން ދިމާވުން ރަނގަޅެއްނުވާނެ." ދައްޔާނު އިސްއުފުލައި ބޭބެއަށް ބަލަން އިނދެ ބޯޖަހާލީ ބޭބެގެ ވާހަކަތައް އޭނާ ޤަބޫލުކުރާކަމުގެ އިޝާރާތެއްގެ ގޮތުންނެވެ. އެހެންވިޔަސް ބައެއް ފަހަރު... ހަމަ ބައެއްފަހަރު އޭނާގެ ޟަމީރު ބޭބެއާ އެއްބައިނުވެއެވެ. ނަމަވެސް އެކަމެއް ދައްޔާނު ނުދައްކައެވެ. އުފެދޭ ސުވާލުތައް ހިތުގެ އެންމެ އަނދިރި ކަނުގައި އޭނާ ފޮރުވާލަނީއެވެ. އޭނާގެ ބޭބެއަކީ ކިހާ ޖެހިލުންކުޑަ މީހެއްކަން އެނގޭތީއެވެ. ނަފްސާނީ ގޮތުން އޭނާ ބަލިކަށިނުވެ ހުރީ ބޭބެގެ ސަބަބުންނެވެ. ވީއިރު ބޭބެގެ ޢަމަލުތަކާމެދު އޭނާ ސުވާލުކުރުމަކީ ކޮށްގެންވާނޭކަމެއް ނޫނޭ ދައްޔާނަށް ޤަބޫލުކުރެވެނީއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު މީހަކު ހުޅުވީތީ ދެ ޒުވާނުންނަށް އެއްފަހަރާ އެ ދިމާއަށް ބަލާލެވުނެވެ. ކޮޓަރިއަށް ވަންނަން އުޅުނީ އަނީސާއެވެ. ކުދީންގެ މަންމައެވެ. އަނީސާގެ މޫނުން ނުތަނަވަސްކަން ވަގުތުން ފާޅުވެލިއެވެ.

"ދައްޔާނު ކައިރީ ކޮންވާހަކައެއް ދައްކަނީ." ހިތްހަމަނުޖެހިފައި ހުރި ފަދައަކުން އަނީސާ ބުނެލިއެވެ.

"ދަނީ..." މަންމައާއި އެނދުގައި އިން ކޮއްކޮއަށް ބަލާލާފައި އޭނާ ބުނެލިއެވެ. ދެން ހަރުކޮށް ހިނގާފައި ގޮސް ކޮޓަރިން ނުކުތެވެ.

"ޔާނު ކައިރީ މަންމަ ބުނަމެންނު އޭނާއާ ވާހަކަނުދައްކާށޭ. މަންމައަށް އެނގޭ އޭނާ އެހާ ކައިރިވެގެން އުޅެންޏާ ޔާނު ވެސް ސަހަލު މަގަކުން ނުދާނެކަން. އެކަހަލަ ވިޔާނުދާ މީހަކަށްވާންތަ ޔާނު ވިސްނަނީ." އަނީސާ ބުންޏެވެ.

"މިގޭ މީހުން މާނުބެ ބާކީ ކޮށްލާފަ ބަހައްޓަނީ. އަހަންނާއި ދާނިއު ކޮއްކޮ ނޫނީ މާނުބެއާ އަނގައިން ބުނެލާ މީހަކު ނޫޅޭ." ދައްޔާނު ވަގުތުން ބޭބެ ދިފާއުކުރިއެވެ.

"ރަނގަޅު މީހެއްނަމަ ވިޔާނުދާވެގެން ޖަލުގައި ހުންނާކަށް ނުޖެހޭނެ. ވަޒީފާއެއްގައި ހަރުލަނީއެއްނޫން. މިހާރު އެ އުޅޭ ވަޒީފާއަށް ވެސް ހަމައަށް ނުކުންނަނީއެއްނޫން. ލިބޭހާ ލާރި ޚަރަދުކުރަނީ ކިހިނެއްކަމެއް ނޭނގެ. އަތައް ލާރި ލިބޭންފެށީމަ ގެއިން ނުކުމެގެން ދިޔައީ. އެކަމަކު އުޅޭކަށް ނޭނގުނު. ކުޑަމިނުން ބިރެއް ލަދެއް ގަންނަނީއެއްނޫން. މިހާރު ދެން މަގޭ އެހެން ދަރީން ހަލާކު ނުކުރެވިގެން އުޅޭ ކަހަލަ." އަނީސާ އެއްޗެހި ކިއެވެ.

"މަންމަ ވެސް މާނުބެއާ އަހަރެމެން ތަފާތު ނުކުރާނަމަ." ދައްޔާނު ބުންޏެވެ.

"ތީ މަންމަ މިބުނާ ވާހަކަ. އަހަރެންގެ ކުރިމަތީ ޖަދަލުކުރާން ދަސްކޮށްދިނީ އޭނާއެއްނު. އޭނާ ކޮންމެ އެއްޗެއް ކިޔަސް ކަލޭމެންގެ ބައްޕަ އޭނާ ބެލީ. އިދުރީސް ޚަރަދުކޮށްގެން އެވަރުވެފަ އެހުރީ." އަނީސާ ބުންޏެވެ. ދައްޔާނު ހަށިފުރާ ފުންނޭވާއެއް ދޫކޮށްލިއެވެ. މަންމައާ ޒުވާބު ކުރާން އޭނާ ބޭނުމެއްނޫނެވެ.

"މަންމަ ކަމަކުތަ އައީ." ދައްޔާނު ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

"އެއްޗެހި ދޮންނާތީ. ޔާނުގެ އެއްޗެހި ބަލާ ވަނީ." އަނީސާ އައި ބޭނުން ހާމަކުރިއެވެ. އަދި އޭނާ އެ ކޮޓަރީގައި ހުރި ދާވަށިގަނޑާ ދިމާއަށް އައެވެ. ދައްޔާނު ވެސް ދާވެފައި ހުރި އެއްޗެއްވިއްޔާ މަންމައަށް ދޭން އަވަސްވިއެވެ.

* * * * *

އަތުގައި އޮތް ފޯނަށް ބަލާލާފައި މަލަކް ތުންފިއްތާލިއެވެ. އޭނާގެ ޠަބީޢަތް މުޅީން ޚަރާބުވެއްޖެއެވެ. ދައްޔާނަށް ގުޅުނު އަދަދެއް ނޭނގެއެވެ. ވީގޮތެއް ބުނެލިނަމަ ރަނގަޅުތާއެވެ. މަގުމަތީގައި ނުހުންނަން ވެގެން މަލަކް އެނބުރި އައީ އެޕާޓްމެންޓަށެވެ. އެނދުގައި އޮވެގެން ބާލީސްތަކަށް ހުރިހާ ރުޅިއެއް އޭނާ ބޭލިއެވެ. އެނދުމަތި ދޫކޮށް ތަޅުންމަތީން އެ ބާލީސްތަކަށް ޖާގަ ހޯދާން ޖެހުނީ އެހެންވެއެވެ. ދެ އަތް ކުރުކޮށްލައި އެއް އަތްމަތީ އަނެއްއަތް ބާއްވާލައި އަތް މަތީ ނިތްކުރި ޖައްސާލައިގެން މަލަކް އޮތީ ބަންޑުންނެވެ. ހަވީރުވެގެން އައިއިރު ސައިބޯކަށް ވެސް އޭނާ ކޮޓަރިން ނުނިކުތެވެ. ބަނޑުހައި ނުވަނީކީ ނޫނެވެ. އެހެންއޮއްވާ ފޯނު ރިންގުވެއްޖެއެވެ. ތެޅިގަނެއްފައި އެނދުމަތިން ފޯނު ހޯދައިފިއެވެ. ނަމަވެސް އޭނާއަށް ގުޅީ ދައްޔާނެއްނޫނެވެ.

"ހެލޯ..." މަލަކް ފޯނުކޯލު ނެގިއެވެ.

"ހާދަ ފޫހިކޮށް. ނިދަނީތަ؟." ފޯނުގެ އަނެއްކޮޅުން އިވުނީ މަލަކްގެ ހިތާ ކުޅެލާފައިވާ އަޑެވެ.

"ކޮންއިރަކުން މީޓުވާނީ. މިހާރު މަންތެއް ވެސް ވީ." މަލަކް ބުންޏެވެ. އޭނާގެ ޚިޔާލަށް އައީ އެހެން މީހަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލަނިކޮށް ދައްޔާނު ކަންތައް އެކުރި ގޮތުން ލިބުނު މާޔޫސްކަން ފިލައިފާނެކަމެވެ.

"އެހާވެސް ބޭނުންތަ؟... އައި މީން މީޓުކުރަން." އެ ޒުވާނާގެ އަޑުން އޭނާ ހިނިއައިސްފަކަން އެހުރީ އެނގެއެވެ.

"ޕްރޮމިސް އުވާލަންތަ ތިއުޅެނީ. ކީއްވެތަ މީޓު ނުކުރަން ތިއުޅެނީ. ހަޤީޤީ ސިފަ ފެނިދާނެތީ ބިރުން ދޯ." މަލަކް ބުންޏެވެ. އެއާއެކު އެކޮޅުން އެ ޒުވާނާ ނިކަން ބާރަށް ހީނގަތެވެ.

"އަހަންނަކީ ހުތުރު މީހެކޭ އެއްވެސް އަންހެންކުއްޖެއް އަދި ނުބުނޭ. މިރޭ... ނައިންއަށް އަހަރެން ބުނާ ތަނަކަށް އައިސްދެވިދާނެތަ. ނޫނީ ބަލާ ދާންވީތަ. އަނެއްކާ މަލް ފްރީވާނެތަ." އެ ޒުވާނާ އަހާލިއެވެ. ވަގުތުން މަލަކްގެ ތުންފަތް ދެމިލައިފިއެވެ.

"ސީރިއަސްކޮށްތަ؟. ތިހެންބުނެފަ މަށަށް ލަނޑެއްދޭނީއެއްނޫން." މަލަކް އަހާލިއެވެ.

"ވަރަށް ސީރިއަސް. މަލް ބުނެބަލަ. ކިހިނެއް އަހަރެން ހަދަންވީ. ފްރީނަމަ އަހަރެން ދާންވީތަ ބަލާ. އަހަންނަށް ބޮޑަށް ރަނގަޅީ މަލް އައީވިއްޔާ." އެ ޒުވާނާގެ އަޑުގައި މިފަހަރު ހުރީ ސިރިއަސްކަމެވެ. ކުއްލިއަކަށް ޖަވާބު ނުދީ މަލަކް މަޑުކޮށްލިއެވެ. އެ ޒުވާނާ ހުންނަ ގޮތް ދުށުމަށް ޚުދު އޭނާވަނީ ކެތްތެރިކަން ކުޑަވެފައެވެ. ނަމަވެސް އެކަން ދައްކަން ބޭނުންނުވީއެވެ. އެހެންވެ އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ވާހަކަދެއްކިއެވެ.

"ފްރީކޮށްފިން. ބުނޭ ދާންވީތަން." މަލަކް ބުނެލިއެވެ. އެއާއެކު ދެމީހުން ބައްދަލުވާން ކަނޑައަޅާފައިވާ މަންޒިލް އޭނާ ކިޔައިދީފިއެވެ. އަދި އޭނާ ހުންނާނީ ކަޅުކުލައިގެ ގަމީހަކާއި ކަޅުފަޓުލޫނެއްގައިކަން ބުންޏެވެ. އަތުގައި މާބޮނޑިއެއް އޮންނާނޭކަން އޭނާ އިތުރުކޮށްލިއެވެ. ފޯނުކޯލު ނިންމާލަމުން، މިވަގުތުން ފެށިގެން ދެމީހުން ބައްދަލުވާނޭ އިރަކަށް އިންތިޒާރުކުރާނޭކަން ބުނެލިއެވެ. މަލަކްގެ ހިނިތުންވުން ފުޅާވެލިއެވެ. އޭނާގެ މޫޑު ވެސް ރަނގަޅުވެއްޖެއެވެ. އެނދުން ފުންމާލި ގޮތަށް ތަޅުންމަތިން ބާލީސްތައް ނަގައި އެނދުމަތީ އަތުރަންފެށިއެވެ.

"ކޮންހެދުމެއް ލާނީ." މަލަކްގެ ޚިޔާލުގައި ދައުރުވަމުން ދިޔައީ އެންމެ ފުރިހަމައަށް ޒީނަތްތެރިވެގެން މިރޭ ދިއުމަށެވެ. އޭނާ އައިސް އަލަމާރި ހުޅުވާލިއެވެ. އޭގަ ހެދުން އަޅުވާފައިބާ ހުރީ ފުރިބާރުވެފައެވެ. އަޅައިގަންނާނޭ ގޮތެއް ހުރި ކޮންމެ ހެދުމެއް އޭނާ ނެގިއެވެ. އަދި ހެދުންތައް ގެނެސް އެނދުމަތީ އަތުރާލިއެވެ. ގޮހޮރު ކުކުރާލީ އެކަމުގައި އުޅެނިކޮށެވެ. ބަނޑުގައި މަލަކްއަށް ފިރުމާލެވުނެވެ. މޫޑު ބަދަލުވުމުން އޭނާ މާބޮޑަށް ބަނޑުހައި ވެސް ވެއްޖެއެވެ. ކޮޓަރިން ނުކުތީ ހަވީރު ސައިބޯށެވެ. އަދި މާޔަލް ހޯދާށެވެ. އޭނާއަށް ހެދުމެއް އިޚްތިޔާރު ކުރުމުގައި މާޔަލްގެ އެހީ ބޭނުންވާނެތީއެވެ.

* * * * *

އައިރކްއާއެކު އޭނާ ދިރިއުޅޭ ބައިގަ ފައިރޫޒު އިނެވެ. އެއް ސޯފާއެއްގައި ދެ މީހުން ތިބިއިރު ފައިރޫޒު ދައްކަމުން ދިޔަ ވާހަކަތައް އައިރިކް އިނީ އަޑު އަހާށެވެ. ބައެއް މެޑިކަލް ޓާމްތައް އޭނާ ބޭނުންކުރިއިރު އެކަންކަން އޭނާ އައިރިކް ތަފްސީލުކޮށްދިނެވެ. މަޑުމަޑުން އައިރިކްއަށް ކަނދުރާގައި ކަނާއަތުން ފިރުމާލެވުނެވެ. ފަހަތަށް ގޮނޑީގެ ލެނގޭ ބައިގަ ކަނދުރާ ޖެހޭނެ ފަދައިން އައިރިކް ހަށިގަނޑު ދަމާލިއެވެ. އޭނާގެ ދެފައި ވެސް ކުރިޔަށް ދަމާލިއެވެ.

"ހައު ޑިޑް ދިސް ހެޕެން." އައިރިކްއަށް އަހާލެވުނެވެ.

ފައިރޫޒު ވަކި އެއްޗެއް ނުބުންޏެވެ. އައިރިކްގެ އެ ސުވާލުގެ ޖަވާބު ފައިރޫޒު ދީފިއެވެ. ނަމަވެސް އެ ނިންމުން ޤަބޫލުކުރާން އައިރިކްއަށް ދަތިވީއެވެ.

"އަދި ވަގުތު ފާއިތެއްނުވޭ. ޗާންސަސް ވަރަށް ހައި. ސޯ ބީ ޕޭޝަންޓް. މާދަން އަންނާތި. އަހަރެންގެ ހިތް ބުނަނީ މިފަހަރު ރަނގަޅަށޭ ހުރިހާކަމެއްވާން މިއުޅެނީ. މާދަން އައިސްފަ ގުޅާ. އަހަރެން ނުކުންނާނަން." އައިރިކްގެ ކޮނޑުގައި ފައިރޫޒު މަޑުމަޑުން ޖަހާލިއެވެ.

"ފައި... އަހަރެން ވެސް ވާހަކައެއް ބުނަން އެބައޮތް. އެކަމަކު އެއްވެސް މީހެއް ކައިރީ ބުނެގެންނުވާނެ. ވަޢުދުވޭ މި ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވަދޭނަންކަން." އައިރިކް ބުންޏެވެ. އޭނާ އިހު އިންހެން ހަށިގަނޑު ސީދާކޮށްލައިފިއެވެ. އަދި ފައިރޫޒު އިން ދިމާއަށް އެނބުރިލިއެވެ.

"މިހާރު ވެސް އަހަރެން މިހުންނަނީ ރިކްގެ ކަންކަން ސިއްރުކޮށްގެން ދޯ." ފައިރޫޒު ހީނލިއެވެ.

"އެނގޭ. އެހެންވިޔަސް އަހަންނަށް ވަޢުދުވޭ." އައިރިކް ބުންޏެވެ. އެއާއެކު އައިރިކްގެ އަތުގައި ހިފައި އުފުލާލާފައި އެއަތުގައި ފައިރޫޒު ހިފާލިއެވެ. އަދި އެކުވެރިޔާގެ ކޮންމެ ސިއްރެއް އޭނާގެ ކައްވަޅާ ހަމައަށް ސިއްރުކޮށްދޭނެކަމުގެ ޔަގީންކަން ދިނެވެ.

* * * * *

އިމާރާތުގައި ހަމަ ބިމެއްވުރެ ތިރިއަށް ހަދާފައިވާ ޕާކިން ސަރަހައްދުގައި މަލަކް ސައިކަލު ޕާކުކޮށްލިއެވެ. ސައިކަލުގެ ލޯގަނޑުން ފަހުފަހަރަށް އޭނާގެ މޫނު ބަލާލިއެވެ. ކޮށްފައިވާ މޭކަޕަށް ބަދަލެއް އައިސްފަ ހުރިތޯއެވެ. ހެލްމެޓް ނެގުމުން އިސްތަށިގަނޑުގެ ތަރުތީބު ގެއްލުނީތީ އަތުން އޮމާންކުރާން ފެށިއެވެ. އޭނާގެ ފަން އިސްތަށިގަނޑު އޮތީ ދޫކޮށްލާފައެވެ. އޭނާ ވެސް މިރެޔެއަށް ޚިޔާރުކުރީ ކަޅުކުލައެވެ. ދެކޮނޑާއި ދިގު ދެއަތްވަނީ ހުދު މާތަކުގައި ކަޅު ބޯޑަރެއް ހުރި ލޭސްފޮތިންނެވެ. ކަކުލަށްވުރެ މައްޗަށް ހުރި އެ ހެދުމުގައި ޖަރީކަމެއް ހުއްޓެވެ. އަލިއެޅޭ ގޮތުން ވިދުން ގަދަވެލައެވެ. މަލަކްގެ އަތުގައި އޮތީ އެފަދަ ދަޅައަޅައި "ކްލަޗް"އެކެވެ. މެދުމިނުގެ ކައްޓަކަށް އަރާފައި ހުރިއިރު ފަޔަށް ހުރީ ކަޅު އިސްޓޮކިން ލައްވާފައެވެ. އުނަގަނޑަށް ހެދުން ހިފާލާފައި ހުރީ އަޅާފައިވާ ބެލްޓުންނެވެ. ޕާކިން ސަރަހައްދުން ނުކުމެގެން އައިސް ހޮޓެލްގެ ދޮރުމަތީ މާޔަލް މަޑުކޮށްލިއެވެ. އޭނާ ތަންކޮޅެއް ކުރިޔަށް ޖެހިލައި ފޯނުގެ ކެމެރާ އަމާޒުކޮށްލިއެވެ. ހޮޓެލްގެ ނަން އަރާނޭހެން "ސެލްފީ"އެއް މަލަކް ނެގީ ނިކަން ތުއިވެ ހުރެއެވެ. އިންސްޓަގްރާމަށް ފޮޓޯލާން އުޅެފައި ޚިޔާލު ބަދަލުވިއެވެ. ގެއިން ނުކުންނަމުން ވެސް ލޯގަނޑު ކުރިމަތީ ހުރެ އޭނާ ނެގި ފޮޓޯ ވަނީ އިންސްޓަގްރާމަށް ލާފައެވެ. އަދި ފޮޓޯގެ ތަފްސީލަށް އޭނާ ޖެހީ ޚާއްޞަ މީހަކާ ބައްދަލުކުރާން ދަނީ ކަމުގައެވެ. މިނޫނީ މީހަކަށް ދައްކާން މަލަކް ފޮޓޯއެއް ނުލައެވެ. އޭނާގެ ސޯޝަލްމީޑިއާ އެކައުންޓްތައް ދައްޔާނު ބަލާކަން މަލަކްއަށް އެނގެއެވެ. މިފަހަރު އޭނާއާ ފޮޓޯލީ ދައްޔާނަށް ދައްކާށެވެ.

ހޮޓެލްގެ ރެސްޓޯރެންޓް ހުރި ފަންގިލާއަށް ހުޅުވުނު ލިފްޓުން މަލަކް ނުކުތެވެ. ކުއްލިއަކަށް އޭނާގެ ހިތް އަވަސްވާން ފަށައިފިއެވެ. ބައްދަލުކުރާން އައިއިރު އެއީ ކިހިނެއް ހުންނަ މީހެއްކަމެއް މަލަކްގެ ހިތަށް ސިފަ ވެސް ކޮށްނުލެވެއެވެ. އޭނާއަށްވުރެ އުމުރުން ދޮށްޓޭ ބުނެފައި އޮތުމުން އެކަން ހަނދާންވެ މަލަކްއަށް ވިސްނާލެވުނެވެ. ބައްޕަމެން އުމުރުގެ މީހަކަށް އެމީހާ ވެއްޖެއްޔާ ދުވަސްދިޔައީއޭ މަލަކްގެ ހިތަށް އަރަމުން ދިޔައެވެ. އޭނާ އައިސް ރެސްޓޯރެންޓްގެ ދޮރާ ހަމަވީއިރަށް ދޮރުވާނު ހިތްހެޔޮ ހިނިތުންވުމަކާއެކު ދޮރު ހުޅުވާލަދީފިއެވެ. އެ މާޙައުލަށް މަލަކް ވަރަށް އަލެވެ. އެކަމަކު އެ ހޮޓެލްގެ ނަން އޭނާ ވެސް އަޑު އެހިއެވެ. ހޮޓެލްގެ ފުރިހަމަކަން މަލަކްއަށް އިޙްސާސް ކުރެވުނީ އޭނާގެ ލޮލަށް ފެނުމުންނެވެ. އެތަނުގެ ކޮޓަރިތައް އަދި ކިހާ ފުރިހަމަވާނެ ހެއްޔެވެ. މަލަކްއަށް ހެވުނެވެ. އޭނާ އެ އައީ އެ ހޮޓެލްގެ ކޮޓަރިއަކަށް ވަންނާކަށް ނޫނެވެ.

ހުސްކޮށް ހުރި މޭޒެއް އެ ބޮޑު ހޯލުގެ ތެރޭނެތެވެ. ވަގުތުން ކާއެއްޗެހި ތައްޔާރުކޮށްދިނުމުގައި ޝެފުން ހަރަކާތްތެރިވާތީ ފެނެއެވެ. އެމީހުންގެ ކުޅަދާނަކަން ބަލަން އެ ހިސާބުގައި ބައެއް މީހުން މަޑުކޮށްލައިގެން ތިއްބެވެ. މަލަކްގެ ނަޒަރު އެއްކޮޅުން އަނެއްކޮޅަށް ހިންގާލިއެވެ. މޭޒެއްގެ ދޮށުގައި އެކަނި އިން މީހަކު ފެނުނެވެ. ކައިރިއަށް ދިއުމުގެ ކުރީން އޭނާގެ ކުޑަ ދަބަހުން ފޯނު ނަގައި ގުޅާލައިފިއެވެ. މަލަކްގެ ތުންފަތް ދެމިލީ އޭނާއަށް ފާހަގަވީ މީހާ ފޯނު ނަގައި ކަންފަތުގައި ޖަހާލުމުންނެވެ. ހަލުވި ހިނގުމުގައި އޭނާ އައިސް މޭޒުދޮށުގައި މަޑުކޮށްލިއެވެ.

"ހެލޯ... މިއުވާން..." މޭޒުދޮށުން ތެދުވެލި ޒުވާނާ މަލަކްއާ ބަދަލުކޮށްލީ ޖާދުވީ ހިނިތުންވުމެކެވެ. މަލަކްގެ ހިތް އަވަސްވިއެވެ. މިއުވާނުގެ ރީތީ ހަމައެކަނި އަޑެއްނޫންކަން މަލަކްއަށް ޔަގީންވެއްޖެއެވެ. ލަދުރަކި ގޮތަކަށް ހެލޯއޭ މަލަކް ބުނެލިއެވެ. މޭޒުމަތީ އޮތް މާބޮނޑި ނެގުމާއެކު މިއުވާނު އެ ދިއްކޮށްލީ މަލަކްއަށެވެ.

"އިޓްސް ފޯ ޔޫ... ޔޫ ލުކް ގޯޖަސް." މިއުވާނު ތަޢުރީފުކޮށްލިއެވެ. މާބޮނޑީގައި މަލަކް ހިފުމުން މޭޒުދޮށުގައި އިށީނުމަށް މިއުވާނު އެއް އަތުން އިޝާރާތްކޮށްލިއެވެ. (ނުނިމޭ)