މިނިސްޓްރީ އޮފް އެޑިއުކޭޝަން

ދެ ސްކޫލަކަށް ޖާގަ އިތުރުކުރަން ހަވާލުކޮށްފި

Aug 23, 2022

އަތޮޅު ތެރޭގެ ދެ ސްކޫލަކަށް ޖާގަ އިތުރުކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކުގައި ޖާގަ އިތުރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން އެންމެ ފަހުން މަސައްކަތް ހަވާލުކުރީ ށ. ބިލަތްފަހި ސްކޫލާއި ހއ. އިހަވަންދޫ ސްކޫލުގެ މަސައްކަތެވެ.

ބިލަތްފަހި ސްކޫލުގެ ހަތަރު ކުލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކުރީ އިވޯސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމަންޖެހޭއިރު މަސައްކަތުގެ އަގަކީ 17.4 މިލިއަން ރުފިޔާ އެވެ.

އިހަވަންދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލް އިމާރާތުގެ ނުނިމިހުރި މަސައްކަތް ނިންމަން ހަވާލުކުރީ އެމްޓީސީސީ އަށެވެ.

މި މަސައްކަތް ހަވާލުކުރީ 240 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 7.6 މިލިއަން ރުފިޔާ އެވެ.