ބޮލީވުޑް

ސަލްމާންގެ "ސުލްތާން"ގެ ހަމަ އެކަނި ބަތަލާއަކީ އަނުޝްކާ

Jan 11, 2016

ސަލްމާން ޚާން މިހާރު ކުޅެމުން އަންނަ "ސުލްތާން" އަށް ބަތަލާއަކު ހަމަނުޖެހެ ދިގުލައިގެން ގޮސްފައިވާއިރު، މިފިލްމުގެ ބަތަލާއަކަށް އަނުޝްކާ ޝަރްމާ ހަމަޖައްސާފައިވާކަން ހާމަކޮށްފައިވަނީ ފިލްމުގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ފެށުނު ފަހުންނެވެ.

މިފިލްމުގެ ބަތަލާގެ ރޯލު، ބޮލީވުޑްގެ ނަން މަޝްހޫރު ގިނަ ތަރިންނަށް ހުށަހަޅާފައިވީ ނަމަވެސް މިހުރިހާ ބަތަލާއިންނާއި ވާދަކޮށް މިރޯލު ލިބިފައިވަނީ އަނުޝްކާ އަށެވެ.

މިއަހަރު ނުކުންނަ ފިލްމުތަކުގެ ތެރެއިން އެންމެ އުންމީދީ ފިލްމު "ސުލްތާން"ގެ ބަތަލާއަކަށް ހަމަޖެހުމުގެ އުފަލުގައި ހުރި އަނުޝްކާ ވަނީ ސަލްމާނާއެކު މިފިލްމު ކުޅެން ފުރުސަތެއް ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އަދި ސަލްމާން އޭނާއަށް ކަމުދަނީ އޭނާގެ ކިބައިގައިވާ ރަނގަޅު ޝަހުސިއްޔަތުގެ ސަބަބުން ކަމަށާއި މިފިލްމާއި، މިފިލްމުގައި ކުޅެން ހަމަޖެހިފައިވާ ރޯލަކީ އަބަދުވެސް ވަރަށް ކުޅެން ބޭނުންވާ ރޯލެއް ކަމަށް ވެސް އަނުޝްކާ ވަނީ ބުނެފަ އެވެ.

މީގެއިތުރުން ވެސް އަނުޝްކާ ވަނީ މިފިލްމުގައި ސަލްމާނާއެކު ދެބަތަލާއިން ފެނިގެންދާ ކަމަށް ދެކެވެމުން އަންނަ ވާހަކަތައް ދޮގުކޮށްފަ އެވެ. އަނުޝްކާ ވަނީ މިފިލްމުގައި ފެނިގެންދާނީ އެންމެ ބަތަލާއެއް ކަމަށާއި އެއީ އޭނާ ކަމަށެވެ.

މިފިލްމާ އެއްދުވަހެއްގައި ޝާހްރުކް ޚާންގެ "ރައީސް" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، މިދެފިލްމުގެ ކުރިމަތިލުމަކީ އަހަރުގެ އެންމެ ބޮޑުު ކުރިމަތިލުމަށްވެގެންދާނެ ކަމަށް ގިނަ ފަރާތްތަކަކުންދަނީ ބުނަމުންނެވެ. ނަމަވެސް ޝާހްރުކް ސަލްމާނާއެކު ކުރިމަތިލުމަކަށް ނުދާންވެގެންް އޭނާގެ ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރަން ވިސްނަމުން އަންނައިރު، އަނުޝްކާ ވަނީ މިދެފިލްމުގެ ތެރެއިން ކޮންމެ ފިލްމެއް ވެސް ބަލާނެ އޯޑިއެންސް ލިބޭނެ ކަމަށާއި ބެލުންތެރިން ގަޔާވަނީ ރީތި ފިލްމުތަކަށް ކަމަށާއި އެގޮތުން ފިލްމުތައް ރީތިނަމަ، އެއްވެސް ކަމަކާއި ހާސްވާކަށް ނުޖެހޭނެ ކަމަށެވެ.

ސަލްމާނާއެކު މިފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އަނުޝްކާ ވަނީ ބުނެފަ އެވެ. މިފިލްމުގައި އަނުޝްކާ ވެސް ކުޅެން ހަމަޖެހިފައިވަނީ ރެސްލިންތަޅާ މީހެއްގެ ރޯލަކަށްވީއިރު، މިހާރު އަނުޝްކާ އަންނަނީ މިކަމުގެ ތަމްރީނުތައް ހަދަމުން ކަމަށްވެ އެވެ.

ސަލްމާން ރެސްލިންތަޅާ މީހެއްގެ ރޯލުން ފެނިގެންދާ މިފިލްމުގެ ޑައިރެކްޓަރަކީ އަލީ އައްބާސް ޒަފަރް އެވެ. އަދި މިފިލްމު ޕްރޮޑިއުސްކުރަނީ އިންޑިއާގެ އެންމެ ބޮޑު ފިލްމު އުފައްދާ ކުންފުނި ޔާޝް ރާޖް ފިލްމްސް އިންނެވެ.