ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް

އާރްއޭސީއެލްގެ އޭވިއޭޝަން އެކަޑަމީ އިފްތިތާހްކޮށްފި

Aug 24, 2022

ރާއްޖޭގެ ފުރަތަމަ އޮޓޮމެޓިކް ފަޔާ ސިމިއުލޭޓަރު ހިމެނޭ ގޮތަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އިން އޭވިއޭޝަން އެކަޑަމީއެއް އިފްތިތާހްކޮށްފި ކޮށްފި އެވެ.

މި އެކަޑަމީގެ ފަޔާ ޓްރެއިނިން ހިންގުމުގައި ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ ފަޔާ ސިމިއުލޭޓަރު ވުޖޫދަށް ގެނައުމަށްޓަކައި، ސިމިއުލޭޓަރުގެ ބޭސަލް މަސައްކަތް އިސްނަންގަވައިގެން ކުރެއްވީ އާރްއޭސީއެލްގެ ކުރީގެ ފަޔާ އެންޑް ސޭފްޓީ ޑިރެކްޓަރު، އަލްމަރުހޫމް އަހްމަދު ފަޔާޒެވެ.

ފަޔާ ސިމިއުލޭޓަރު އުފެއްދުމުގެ އަމަލީ މަސައްކަތް ފެށީ ސީދާ ފަޔާޒުގެ ބެލުމުގެ ދަށުން މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. މަސައްކަތަށް ބޭނުންވާ އިރުޝާދު އާރްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވަނީ ދެއްވާފަ އެވެ.

މި މަޝްރޫއު ފެށުމުގައި ފަޔާޒު ކުރެއްވި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އާރްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުންނާއި މެނޭޖިން ޑިރެކްޓަރުގެ ނިންމެވުމުގެ މަތީން ފަޔާ ސިމިއުލޭޓަރަށް ނަން ދީފައިވަނީ "އަހްމަދު ފަޔާޒް ފަޔާ ސިމިއުލޭޓަރު"ގެ ނަމުންނެވެ.

އާރްއޭސީއެލް އޭވިއޭޝަން އެކަޑަމީ އަކީ އޭވިއޭޝަން ރެގިއުލޭޓަރީ އޮތޯރިޓީން ލާޒިމުކުރާ ހުރިހާ އޭވިއޭޝަންއާއި ގުޅުންހުރި ޕްރޮގްރާމްތަކެއް ހިންގުމުގެ ގާބިލުކަން ލިބިގެންވާ އެކަޑެމީ އެކެވެ. އެކަޑަމީގެ މަސައްކަތްތައް ނިންމުމަށްފަހު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އާރްއޭސީއެލް ޓްރެއިނިން އެކަޑަމީ

އާރްއޭސީއެލް ޓްރެއިނިން އެކަޑަމީ އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އިންހައުސް އަދި ރާއްޖޭގެ އެކިއެކި މުއައްސަސާތަކަށް، އޭވިއޭޝަންގެ ދާއިރާއިން ބޭނުންވާ ސިވިލް އޭވިއޭޝަން އެޕްރޫވްޑް ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިންގޭނެ ފެންވަރުގެ އެކަޑަމީ އެކެވެ. މިގޮތުން މި އެކަޑަމީގައި ސިވިލް އޭވިއޭޝަން އެޕްރޫވަލް ލިބިފައިވާ ގާބިލް އަދި ތަޖުރިބާ ހުރި 20 ޓްރޭނަރުން މަސައްކަތް ކުރާނެ އެވެ.

އެކަޑަމީގެ މައިގަނޑު މަގުސަދަކީ ސްޓާފުންނާއި އޭވިއޭޝަންގެ އެކިއެކި ދާއިރާތަކުން ގާބިލް އަދި ހަރުދަނާ ބަޔަކު ރާއްޖޭގައި އުފެއްދުމެވެ. މި އެކަޑަމީގައި އެކިއެކި ފެންވަރުގެ ފަޔާ ޓްރެއިނިންގެ އިތުރުން އޭރޯޑްރޯމް އޮޕަރޭޝަންގެ އެކިއެކި ތަމްރީނުތައް ހިންގާނެ އެވެ.

ފަޔާ ސިމިއުލޭޓަރު

ފަޔާ ސިމިއުލޭޓަރުން ފަޔާ ފައިޓަރުންނަށް ނުވަތަ ދަރިވަރުންނަށް އެހީތެރިވެ ދޭނީ އަލިފާން ފެތުރޭ ސްކޭލް، ތާމަލް ސްޓްރެސް، ފެންނަ ފެނުމާއި، ބާރުމިން، އަނދަމުންދާ ޖާގައިގެ ހާލަތަށް އަސަރު ކުރާ ފިނިހޫނުމިން ފަދަ އަލިފާނުގެ މިންވަރު ވަޒަން ކުރުމަށެވެ.

މި އެކަޑަމީ ބިނާކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިޔަ މުއްދަތުގެ ތެރޭގައި އެކަޑަމީގެ ފެންވަރު ރަނގަޅުކުރުމަށް އެތައް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި ފަޔާ ޕިޓްގެ ކުރިމަގަކީ އޭޝިއާ ސަރަހައްދުގައި ހުރި އެންމެ ފެންވަރު ރަނގަޅު އެއް ފަޔާ ސިމިއުލޭޓަރުގެ ގޮތުގައި ރޭންކް ކުރެވުމެވެ.
މިގޮތިން ޖުމްލަ 23 ދަރިވަރުންނާއެކު މިދިޔަ ޖުލައި 26 ވަނަ ދުވަހު ބޭސިކް ފަޔަމަން ކޯހުގެ ތަމްރީން ވަނީ ފަށާފަ އެވެ. ކައިރި މުސްތަގުބަލެއްގައި މި ދާއިރާއިން ވަޒީފާ އަދާކުރަން ބޭނުންވާ މުވައްޒަފުންނަށާއި ފަރުދުންނަށް އެއާކްރާފްޓް ރެސްކިއު އެންޑް ފަޔާ ފައިޓިން (އޭއާރްއެފްއެފް) އާއި އިމަޖެންސީ މެޑިކަލް ޓްރެއިނިން (އީއެމްޓީ) ޓްރެއިނިންތައް ފެށިގެންދާނެ އެވެ.

އާރްއޭސީއެލްގެ ތައާރަފް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ގަރާރަކުން ސެޕްޓެމްބަރު 30، 2020 ވަނަ އަހަރު އުފެއްދެވި، 100 ޕަސަންޓް ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނި އުފައްދާފައިވަނީ ދިވެހިރާއްޖޭގެ ސަރަހައްދީ ވައިގެ ބަނދަރުތަކުންދޭ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މަގުސަދުގަ އެވެ. މިވަގުތު އާރްއޭސީއެލް އިން ހިންގަމުން އަންނަނީ ހަ އެއާޕޯޓެކެވެ. އެއީ ހޯރަފުށި އެއާޕޯޓް، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ކުޅުދުއްފުށި އެއާޕޯޓް، ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް އަދި ފުވައްމުލައް އެއާޕޯޓެވެ.

އާރްއޭސީއެލް އުފެދުމުގެ ކުރިން ސަރަހައްދީ ވައިގެ ބަނދަރުތަކުގެ މަސައްކަތްތައް ބަލަހައްޓަމުން ގެންދިޔައީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ރީޖަނަލް އެއާޕޯޓްސް ސެކްޝަނުންނެވެ.