ރައްޔިތުންގެ މަޖިލިސް

ދައުލަތުން ލޯން ނަގާއިރު މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ އިސްލާހު ބޭރުކޮށްލައިފި

Aug 24, 2022

ދައުލަތުގެ ނަމުގައި ލޯން ނަގާ ނަމަ އަދި ދައުލަތުން ޒިންމާވާ ގޮތަށް އެއްވެސް ފަރާތަކަށް ސޮވެރިން ގެރެންޓީ ދޭނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ނޫނީ އެކަން ނުކުރެވޭ ގޮތް ހެދުމަށް މާލިއްޔަތު ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މާލިއްޔަތު ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) އެވެ.

މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން 41 މެންބަރުން ވަނީ ބިލް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދެއްވާފަ އެވެ. ބިލް ބަލައިގަތުމަށް ވޯޓު ދެއްވީ އިދިކޮޅު ކޯލިޝަންގެ ހަތަރު މެންބަރަކާއި އަމިއްލަ މެންބަރެއް ކަމަށްވާ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އެެވެ.

ތޯރިގު ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން އެއްވެސް ފައިސާއެއް ނަގަންވާނީ ނުވަތަ ގެރެންޓީ ދޭންވާނީ ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމުހޫރިއްޔާއަށް ހުށަހަޅުއްވާ އެކަން އެގޮތަށް ކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ނިންމަވާ ރައްޔިތުންގެ މަޖިލީހަށް އެކަމެއް ހުށަހެޅުއްވުމުން މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ކަމަށެވެ.

މާލިއްޔަތު ގާނޫނަށް އެންމެ ފުރަތަމަ އަމަލުކުރަން ފެށިއިރު ގާނޫނުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދަރަނި ނެގޭނީ އަދި ގެރެންޓީ ދެވޭނީ އެކަމުގެ ސަބަބުން ގައުމުގެ އިގްތިސޯދަށާއި މާލިއްޔަތަށް ކުރާނެ އަސަރު ދިރާސާކުރުމަށްފަހު ފިނޭންސް މިނިސްޓަރު އެކަމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހެޅުއްވުމުން ރައީސް ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ ދަރަންޏެއް ނަގާ ކޮންމެ ފަހަހަރަކު އަދި އެ ގެރެންޓީއެއް ދޭ ކޮންމެ ފަހަރަކު ދަރަންޏާ ނުވަތަ ގެރެންޓީއާ ގުޅޭ މައުލޫމާތު 30 ދުވަހުގެ ތެރޭގައި މިނސްޓަރު މަޖިލީހަށް ފޮނުވަންޖެހޭނެ އެވެ.

މާލިއްޔަތު ގާނޫނަށް އަމަލުކުރަން ފެށިއިރު ދައުލަތުގެ ނަމުގައި ލޯން ނަގަން މަޖިލީހުގެ ހުއްދަ ހޯދާކަށް ނުޖެހެ އެވެ. މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް މާލިއްޔަތު ގާނޫނު 2010 ވަނަ އަހަރު އިސްލާހުކުރީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަށާއި ދައުލަތް ޒިންމާވާ ގޮތަށް އެ ދުވަސްވަރު ލޯންތަކެއް ނަގަން އުޅުމުން އެކަން ހުއްޓުވުމުގެ ގޮތުންނެވެ. ނަމަވެސް ރައީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމަށްފަހު 2014 ވަނަ އަހަރު ވަނީ މާލިއްޔާތު ގާނޫނު އެންމެ ފުރަތަމަ އޮތް ގޮތަށް މަޖިލީހުގެ ހުއްދަ ހޯދުމަކާ ނުލައި ދައުލަތުގެ ނަމުގައި ލޯން ނެގޭ ގޮތަށް މާލިއްޔަތު ގާނޫނު އިސްލާހުކޮށްފަ އެވެ.

ދައުލަތުގެ ނަމުގައި ލޯން ނަގާއިރު މަޖިލީހުގެ ހުއްދަ ހޯދަންޖެހޭ ގޮތް ހެދުމަށް ތޯރިގު އިސްލާހު ހުށަހެޅުއްވުމާ ގުޅިގެން ރައީސް ނަޝީދު މީގެކުރިން މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕީޕީއެމް އަށް ފާޑު ވިދާޅުވެފަ އެވެ.

"މިހާރު ހުށައަޅާފައިވާ ދައުލަތުގެ މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ 2010 ވަނަ އަހަރު އެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގައިވާ ގޮތަށް ދައުލަތުގެ ނަމުގައި ދަރަންޏަށް އެއްވެސް ފައިސާއެއް ނަގަންވާނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ބުނާ އިސްލާހު. އަޅުގަނޑު މި ދެންނެވި ވާހަކަ އަކީ މި މަޖިލީހުގެ އޮތް ބާރެއް ޕީޕިއެމުން މަޖިލީހުން ނަގައި ވަޒީރުންގެ މަޖިލީހަށް ގެންދެވި ވާހަކަ. އަދި އޭގެފަހުން އަނެއްކާވެސް ޕީޕިއެމުން ހަމަ އެބާރު މަޖިލީހަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ވާހަކަ،" ރައީސް ނަޝީދު ވިދާޅުވި އެވެ.