ރައީސް ސޯލިހް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވައުދުވަޑައިގެންނެވި ވަރަށް ވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ދާނީ ކުރިއަށް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މިރޭ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ނ. ވެލިދޫ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމިފައިވާކަން ހާމަކުރައްވާ މިރޭ ކުރެއްވި ޓްވީޓެއްގައެވެ. ވިދާޅުވީ މަސައްކަތް ކޮށްކޮށް ވަރުބަލި ވެސް ވެއްޖެ ކަމަށާ ނަމަވެސް ރައީސް ސޯލިހް ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ގެނެސްދެއްވަން ވައުދުވަޑައިގެންނެވި ވަރަށް ވުރެ މާ އިތުރަށް ޕްރޮޖެކްޓުތައް ދާނީ ކުރިއަށް ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ނިމުނު ކޮންގްރެސްގައި މިނިސްޓަރު މަހުލޫފް ވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ސަރުކާރުން މިހާތަނަށް ހާސިލުކޮށްފައިވާ ކާމިޔާބީތައް ހިއްސާ ކުރައްވާފައެވެ.
- އައުޓް ޑޯ ވޮލީ ކޯޓު - 10 ރަށުގައި އަޅާފައި އަދި 38 ރަށުގައި މަސައްކަތް ކުރިއަށްދޭ
- އިންޑޯ ވޮލީ ކޯޓު - ތިން މަޝްރޫއު ކުރިއަށްދޭ
- ބެޑްމިންޓަން ކޯޓު - 11 ރަށުގައި ނިންމާ، 16 ކޯޓެއްގެ މަސައްކަތް ކުރިއަށް އެބަދޭ
- ސްވިމިން ޓްރެކް - ހަ ރަށުގެ މަސައްކަތް ނިންމާފައި
- ފުޓްސަލް ދަނޑު - 50 ރަށުގެ މަސައްކަތް ނިންމާ، 14 ރަށުގެ މަސައްކަތް ހިނގަމުން އެބަދޭ
- ފުޓްބޯޅަ ދަނޑު - 38 ދަނޑުގެ މަސައްކަތް ނިންމާ، 85 ދަނޑުގެ މަސައްކަތް ދަނީ ކުރިއަށް
- އިޖުތިމާއީ މަރުކަޒު - ތިން ރަށުގެ މަސައްކަތް ނިންމާ، 14 ރަށުގެ މަސައްކަތް ދަނީ ކުރިއަށް
ދުޅަހެޔޮ ހަށިހެޔޮ ޖީލެއް ބިނާކުރުމަކީ ރައީސް އިބްރާހީމް ސޯލިހް ވައުދެކެވެ. ރައީސްގެ ވައުދާ އެއްގޮތަށް މަސައްކަތް ކުރުމުގެ ގޮތުން 60 އައުޓް ޑޯ ޖިމެއްގެ މަސައްކަތް ނިންމާފައިވާ ކަމަށް މިނިސްޓަރު މަހްލޫފް ވިދާޅުވި އެވެ. އަދި 28 އައުޓް ޑޯ ޖިމެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ރަށްތަކުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ރައީސް ސޯލިހް އަންގަވާފައިވާތީ 130 ރަށުގައި ކުޑަކުދިންގެ ޕާކް ހެދުމަށް ބޭނުންވާ ސާމާނު މިހާރު ވާނީ ރަށްރަށަށް ފޮނުވާފައި ކަމަށެވެ.
"އަޅުގަނޑު ވަރަށް ކެރިގެން ވަރަށް ސާބިތުކަމާ އެކީ ދަންނަވަން މިދިޔަ ހަތަރު އަހަރު ދުވަހަކީ މީގެ ކުރިން ދުވަހަކުވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާއަށް ބަލާއިރު އެހެން އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް މަސައްކަތް ކޮށްފައި އޮތް އަހަރުތަކެއް. އިރާދަކުރެއްވިއްޔާ ހަމަ އެގޮތުގައި ކުރިއަށް އޮތް ތަނުގައިވެސް މަސައްކަތް ކުރަމުންދާނަން." މަހްލޫފް ވިދާޅުވި އެވެ.