މިނިސްޓްރީ އޮފް އެޑިއުކޭޝަން

އެންމެ ނަތީޖާ ރަނގަޅު އަހަރު، ގަދަ 10ގައި ރެކޯޑް އަދަދެއް

ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން ދިވެހި 54 ދަރިވަރަކު ދުނިޔޭގެ ގަދަ 10 ގައި ހިމެނިއްޖެ އެވެ.

މި ނިމުނު ދިރާސީ އަހަރަކީ ރާއްޖޭގައި މަތީ ޘާނަވީ އިމްތިހާންތަކާއި ޘާނަވީ އިމްތިހާންތަކުގެ އެންމެ ނަތީޖާ ރަނގަޅު އަހަރެވެ. ޘާނަވީ ތައުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުތަކުގައި ބައިވެރި ވިއިރު މަތީ ޘާނަވީ ތަޢުލީމު ނިންމައި ދިވެހިރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗްއެސްސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފައެވެ.

ޘާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 757 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފައެވެ. އަދި 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައެވެ. ހަ ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ހާސިލުކޮށްފައެވެ.

މީގެ އިތުރުން މަތީ ޘާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރެއިން 52 ވަނައެއް ހާސިލުކޮށްފަ އެވެ.