ވާހަކަ

އިޙްސާސްވޭ

( 24 އޯގަސްޓް 2022 އާ ގުޅޭ )

"އިޓްސް ފޯ ޔޫ... ޔޫ ލުކް ގޯޖަސް." މިއުވާނު ތަޢުރީފުކޮށްލިއެވެ. މާބޮނޑީގައި މަލަކް ހިފުމުން މޭޒުދޮށުގައި އިށީނުމަށް މިއުވާނު އެއް އަތުން އިޝާރާތްކޮށްލިއެވެ.

މަލަކް ހީކުރި ވަރަށްވުރެ ޝައުގުވެރި މީހަކަށް މިއުވާނު ވިއެވެ. އެކި ފަހަރުމަތިން ދެމެދުގައި ދައްކާފައި ހުރި ވާހަކަތައް މަލަކް ހަނދާންކުރިއެވެ. އެހެންވިޔަސް މީގެ ކުރީން މިއުވާނު ދުށް ހަނދާނެއް އޭނާ ނުވެއެވެ. އެހެންވެ މިއުވާނަށް އޭނާ އެނގުނީ ކިހިނެއްތޯ މަލަކް ސުވާލުކޮށްލިއެވެ. މިއުވާނަށް ފުރަތަމަ ފަހަރަށް މަލަކް ފެނުނީ މާވިއްކާ ފިހާރައިންކަން ބުންޏެވެ.

"މަލްއާއެކީ އެ ދުވަހު އެހެން އަންހެންކުއްޖެއް ހުރި. ފުރަތަމަ ހީކުރީ އެތާކަމަށް މަލް ވޯކް ކުރަނީ." މިއުވާން ބުންޏެވެ.

"މައި ސިސްޓަރގެ ބިޒްނަސްއެއް އެއީ. އަހަރެން ދަނީ ހަމައެކަނި ހެލްޕްވެލަން." މަލަކް ބުންޏެވެ. އޭނާއަކީ ފިހާރައަށް އަންނަ ކަސްޓަމަރުންނަށް ސަމާލުކަމެއް ދޭ މީހެއް ނޫނެވެ. ވީއިރު މިއުވާނާ ދިމާވެފައި ހުރުމަކީ ވެދާނޭކަމެވެ. އޭނާ ހަނދާންނެތީއެވެ.

ރޭގަނޑުގެ ކެއުމަށް މިއުވާނާއެކު އިންސާފުކުރަމުން ދަނިކޮށް މަލަކްގެ ދަބަހުގެ ތެރެއިން ފޯނު ވައިބްރޭޓްވާކަމުގެ ހިލަން ވިއެވެ. އޭނާ ފޯނު ދަބަސް ހުޅުވާލިއެވެ. ދިއްލިފައި އޮތް ފޯނުގެ އިސްކުރީނުން ޔާނުގެ ނަން އަރާފައި އޮތެވެ. އެ ގުޅަނީ ދައްޔާނެވެ. ނަމަވެސް މަލަކްއަށް ދަތްކުނޑިވިކާލެވުނެވެ. ފޯނުކޯލު ކަނޑާލާފައި ފޯނު ވެސް ނިއްވާލީއެވެ.

* * * * *

ހަފްތާއެއް ފަހެވެ.
ދެއަތުގެ ތެރޭ އޮތް ފޯނަށް މާޔަލްގެ ނަޒަރު ހުއްޓިފައި ވިއެވެ. ފޯނުން ފެންނަން ހުރީ ކަލަންޑަރެވެ. ދުވަސް ކައިރިވަނީ ކަމުގައި އެ ކަލަންޑަރު މާޔަލްއަށް ބުނެދިނެވެ. އައިރިކްއަށް ވަދާޢު ކިޔަންޖެހޭ ވަގުތެވެ. އެ ޚިޔާލުތަކުން ހިތަށް ނުތަނަވަސް ލިބިދާނޭ ކުރިޔަކުން މާޔަލް ނުދެނަހުއްޓެވެ. އޭނާ އައިރިކްގެ ކަންކަމާ ދެކޮޅުހަދަން މަސައްކަތް ކުރެއެވެ. ނަމަވެސް އެކަންވަނީ ބޭކާރެވެ. ދުވަހެއް ދުވަހަކަށް އޭނާގެ ހިތުގެ މައްޗަށް އައިރިކްގެ އިޙްސާސްތައް އައީ ކުރި ހޯދަމުންނެވެ. އައިރިކްގެ ގާތްކަން ވެސް ދިޔައީ އިތުރުވަމުންނެވެ. މާޔަލްއާމެދު އޭނާ ކަންތައްކުރަނީ ލޯބިވެރިޔަކާމެދު ޢަމަލުތައް ބަހައްޓާ ފަދައިންނެވެ. އެންމެ އަޖައިބުވަނީ އައިރިކް ބައެއް ފަހަރު ދައްކާ ވާހަކަތަކުންނެވެ. އޭނާއަށް މާޔަލްއަކީ ކާކުކަން އެނގެޔޭ ހިތް ބުނެއެވެ. އެހެންވިޔަސް ޔަގީންކުރާން މާޔަލްއަށް ދަތިވަނީއެވެ. އޮފީހުގެ ޙަފުލާގައި ބައިވެރިވުމަށް އައިރިކްއާއެކު ރިސޯޓަށް ދިޔަ ދަތުރު މާޔަލްއަށް ހަނދާންނައްތައެއް ނުލެވުނެވެ. އައިރިކް ލޯބިވާކަން ހާމަކުރުމުގެ އިތުރުން އެރޭ އޭނާ މާޔަލްގެ ނަންކަން ކީ ހިތް ބުނާވަރުންނެވެ.

"މާޔާ." އައިރިކްގެ އަޑު އިވިގެން މާޔަލް އިސްއުފުލާލިއެވެ. އޭރު ފޯނުކޯލު ނިންމާފައި އައިރިކް ސޯފާތަކާ ދިމާއަށް އަންނަނީއެވެ. އޭނާ އައިސް މާޔަލްގެ ކައިރީ އިށީނެވެ. މާޔަލްއާ ދިމާއަށް މޫނު އަނބުރާލައިގެން ބަލަންއިން ގޮތުން އޭނާއަކީ ލޮލަށް ނުފެންނަ މީހެއްހެން ހިޔެއްނުވެއެވެ. އެކަމަކު ސޯފާގައި އަތް ޖައްސާލާފައި މާޔަލް އިން ހިސާބު ޔަގީންކޮށް އޭނާގެ އަތުގައި އައިރިކް ހިފާލި ގޮތުން އެއީ ލޮލަށް ފެންނަ މީހަކު ހަރަކާތްކުރާނޭ ގޮތެއްނޫންކަން މާޔަލްއަށް ވެސް އެނގެއެވެ.

"އައި ލަވް ޔޫ." މާޔަލްގެ އަތްތިލައިގަ ބޮސްދެމުން އައިރިކް ބުންޏެވެ.

"ސްޓޮޕް ސެއިން ދެޓް." މާޔަލް ނިކަން އަވަހަށް ބުނެލިއެވެ.

"އެކަމަކު ނުބުނަންޏާ ކިހިނެއް އެނގޭނީ." އައިރިކް ބުންޏެވެ.

"އެއްފަހަރު ބުނެފީމެންނު." މާޔަލްއަށް އަބަދު އެ އަޑު އިވޭނަމަ ހިތް ބަދަލުވެދާނޭތީ ޖެހިލުންވަނީކަން ޔަގީނެވެ.

"ލޯބިވާކަން ހަނދާންކޮށްދޭން ބޭނުން. ކޮންމެ ދުވަހަކު ނުބުނަންޏާ މާޔާ އަހަރެން މަތިން ހަނދާންނައްތާލާނެ. ކީއްވެ މާޔާ؟. ކީއްވެ ނުބުނަން ތިއުޅެނީ؟. މާޔާއަށް ފީލްއެއްނުވޭތަ؟." އައިރިކްއަށް މާޔަލްގެ ފަސްޖެހުން އެނގޭ ކަހަލައެވެ.

"ރިކްގެ ލައިފްގަ ޝަހާ އެބަހުރި. އަހަރެންގެ ލައިފްގަ ވެސް މީހަކު އެބަހުރި. ކައިވެނި ހަމަޖެހި ރަން ވެސް ކިޔައިފިން. އަހަރެން މި ޖޮބް އެކްސެޕެޓް ކުރީ ވަގުތީ މުވައްޒަފެއްގެ ގޮތުގައި. ބާކީ އޮތީ ދޮޅުމަހެއްހާ ދުވަސް... ހަމަޖެހިފައިވާ ގޮތަށް އަހަރެންގެ ކައިވެނި ކުރިޔަށްދާނެ. މި ޖޮބު އެހާތަނުން ދޫކޮށްލާން އަހަރެން އޮންނާނީ ނިންމާފައި." މާޔަލް މަޑުމަޑުން ބުންޏެވެ.

"އޭނާދެކެ ހަމަ އެހާ ލޯބިވޭތަ؟. މާޔާ ލޯބިވާ އެހެން މީހަކު ހުރިކަން އެނގޭނަމަ ތި ކައިވެނި ކުރާނަންތަ؟." އައިރިކް ސުވާލުކުރިއެވެ.

"އޭނާ ނޫން މީހަކުނެތް." މާޔަލް ބުނެލިއެވެ. އެހިނދު އައިރިކްއަށް ދަތްކުނޑިވިކާލެވުނެވެ.

"ދެޓްސް ނޮޓް ޓްރޫ. އެމީހަކީ އަހަރެން... މާޔާގެ ހަޔާތައް އައި، މާޔާ ލޯބިވާ ދެވަނަ މީހަކީ އަހަރެން. ވީ ލަވް އީޗް އަދާ." އައިރިކްގެ އަޑުގައި ހަރުކަށިކަންވިއެވެ.

"ސްޓޮޕް އިޓް ރިކް... ޔޫ އާ ބީން ޑިލޫޝަނަލް. އަހަރެން..." މާޔަލްގެ ވާހަކަ މެދު ކަނޑާލައި އައިރިކް ވާހަކަދައްކަން ފެށިއެވެ.

"އަހަރެންތަ ޑިލޫޝަނަލްއީ... މާޔާ. އައި ވޯޒް ވެއިޓިން ފޯ ޔޫ. އައި އޭމް ހިއާ... ސްޓިލް ވެއިޓިން... ބަޓް ނައު ޔޫ އާ ފައިނަލީ ހިޔާ. ވިތް މީ... އައި ވޯންޓް ލެޓް ޔޫ ގޯ." މާޔަލްގެ އަތުގައި ހިފައިގެން އިނދެ އެއަތަށް ބާރުކޮށްލަމުން އައިރިކް ބުންޏެވެ.

"ތިދައްކަނީ ހަޤީޤަތެއްނެތް ވާހަކައެއް. ހަޤީޤަތަކީ އަހަރެމެން ދިރިއުޅުމެއް ފަށަން ނިންމާފައިވަނީ އެހެން ބަޔަކާއެކީކަން. ދެޓް ދި އޮންލީ ޓްރުތް." މާޔަލް އަޑަށް ބާރުލައި ބުންޏެވެ. އިށީނދެ އިނުން އުނދަގޫވެ އޭނާ ތެދުވިއެވެ. ސޯފާތަކާއި ދުރަށް ހިނގައިގަތެވެ. ނަމަވެސް އައިރިކް ތެދުވެގެން އައިސް މާޔަލްގެ އަތުގައި ހިފައިފިއެވެ.

"މާޔާ... ލަވް... ޕްލީޒް... ޕްލީޒް ލިސެން..." މާޔަލް ދުރަށްދާން އުޅުމުން އޭނާގެ އުނަގަނޑުގައި ހިފައި ހައްޔަރުކޮށްލަމުން އައިރިކް ބުނެލިއެވެ. އެ އަޑުގައިވީ ބޭގަރާރުކަމެވެ. އާދޭހުގެ އަސަރެވެ. މާޔަލްގެ ހަރަކާތްތައް މަޑުޖެހި އޭނާ އައިރިކްއަށް ބަލާލިއެވެ. ދުރަށްދާނޭ ފުރުޞަތު ނުދީ އޭނާ އަނެއްކާ ވެސް ވާހަކަދައްކަން ފެށިއެވެ.

"އަހަރެން މެރީ ކުރަން ބޭނުން. އެކަމަކު ޝަހާއަކާނޫން. އަހަންނާއި ޝަހާއާ ދެމެދު އެއްވެސް އިރަކު ގުޅުމެކޭ ބުނާވަރުގެ ގުޅުމެއްނެތް. މާޔާ ނޫން އަންހެންކުއްޖަކަށް އަހަރެންގެ އަތުގެތެރެއިން ފުރުޞަތެއް ދީފައެއް ނޯންނާނެ. އެންޑް ޔޫ ނޯ ވަޓް... ރިސޯޓުގަ... އެރޭ... އެފަދަކަމެއް އަހަރެން ކުރީ ފުރަތަމަ ފަހަރަށް. ވަޓް އައި އޭމް ޓްރައިން ޓު ސޭ އިޒް... ތީ އަހަރެންގެ ފުރަތަމައޭ. ހުރިހާ ގޮތަކުން.... އަސްލު ޝަހާ ކުރާން ހަމަޖެހުނު ކައިވެންޏަކީ މަންމަމެން ހަމަޖެއްސި ކަމެއް. މާޔާއާ ދިމާވީއްސުރެ އަހަރެން ނިންމައިގެން ހުރީ އެ ކައިވެނި ހުއްޓުވަން. އެކަމަށް ވަގުތު ނެގި. އެކަމަކު މިހާރު ޔަގީންކަން މިދެނީ. އިޓްސް އޯވާ. ޝަހާއަށް ވެސް އެނގޭނެ. މާޔާ... އަހަރެން މެރީކުރަންޏާ ކުރާނީ މާޔާއާ." އައިރިކް ހަޤީޤަތް ހާމަކުރިއެވެ.

"ރިކްއަށް އެއްވެސް އެއްޗެއް ނޭނގޭ." މާޔޫސްވީވަރުން މާޔަލްއަށް ބުނެލެވުނެވެ.

"ކޯއްޗެއްތަ އަހަންނަށް ނޭނގިގެން މިއުޅެނީ. މާޔާތަ؟. ލޯބިވާވަރުތަ؟." އައިރިކްގެ އަޑުން އޭނާގެ ކެތްތެރިކަން ކޮޅުންލަމުން ދާފަދަ އަސަރެއް އެކުލެވުނެވެ. އަދި އޭނާ މާޔަލް ގާތްކޮށްލީ ދެ މީހުންގެ ނޭވާ އިޙްސާސް ކުރެވޭ ވަރަށެވެ.

"ރިކް... ނޫން..." އައިރިކްގެ ހަރަކާތްތަކުން މާޔަލްއަށް ބުނެލެވުނެވެ. ނަމަވެސް އެ އަޑެއް އޭނާ ނޭހިއެވެ. ހިތުގެ އެދުން އައިރިކް ފުރިހަމަކުރުމަށްފަހު މާޔަލްގެ ކަންފަތްދޮށުގައި އޭނާ ވާހަކަދެއްކިއެވެ. ވިސްނާ ޚިޔާލުކުރަންވީ ހަމައެކަނި އައިރިކްއާ މެދުގައިކަން އޭނާ ބުންޏެވެ. އޭރުން މާޔަލްއަށް ޖަވާބު ލިބޭނެކަމުގައި ބުންޏެވެ. ހިތުގެ އަޑު އަހަން މާޔަލް ބިރުގަންނަހާ ދުވަހަކު ނަފްސަށް ހަމަޖެހުމެއްނެތްކަން އައިރިކް ބުންޏެވެ. މާޔަލްގެ ކޯތާފަތުގައި އައިރިކްގެ ތުންފަތް ބީހިލިއެވެ. އެ ހުރިހާއިރު މާޔަލްގެ ހުރީ ދެ ލޯ މަރައި ތަގުޅިކޮށްލައިގެންނެވެ. ލޯ ހުޅުވާލުމުން އައިރިކްގެ މޫނުފެނި އެ މޫނުގައިވާ އަސަރުތަކުން ހިތް ބެހިގެން ހިނގައިދާނޭ ހީވަނީއެވެ. އަމިއްލަ ނަފްސުގެ މައްޗަށް އެއްވެސް ބަރޯސާއެއް މިހާރު އޭނާއަކަށް ނެތެވެ. އިވާންގެ ކުޑަކުޑަ ބީހިލުމަކަށް އޭނާ ނޫނެކޭ ބުނެ އޭނާ ހުއްޓުވަން އުޅޭގޮތް ޚުދު މާޔަލްއަށް އެނގެއެވެ. އެކަމަކު އޭނާއަށް އައިރިކް ނުހުއްޓުވެންވީ ކީއްވެ ހެއްޔެވެ. ރުޅި ނާދެވެންވީ ކީއްވެ ހެއްޔެވެ. ގޯހެއް ހެދޭކަން އެނގި ހުރެ ވެސް ނަފްސު ދޫކޮށްލެވެނީ އިޚްތިޔާރެއް ނެތިއެވެ.

* * * * *

ދެއަތްއުރާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން މަލަކް ހުއްޓެވެ. އޭނާގެ ކުރިމަތީ ދައްޔާނު އިނެވެ. ގަޔާނުވެފައިކަން މަލަކް އިނީ ދައްޔާނު ނަގައިގަތީ އެ މޫނުންނެވެ. ފިނިނޭވާއެއް އޭނާ ދޫކޮށްލިއެވެ.

"ސޮރީ. މި ބުނީނު ވީގޮތް. ފެމެލީކަމެއްގައި ނުގޮހެއް ނުވާނެ ދޯ. އަހަރެން ލައްވާ އަދިވެސް އާދޭސްކުރުވަންތަ މަލް ބޭނުމީ." ދައްޔާނު ބުންޏެވެ.

"އިޓްސް ފައިން. ބޮޑު ވާހަކައެއް ބުނަން އެބައޮތޭ ބުނީމެންނު." މަލަކްގެ ނަޒަރު ދައްޔާނަށް އަމާޒުކޮށްލިއެވެ.

ދައްޔާނާއެކު މަލަކް ހުރީ ހުޅުމާލޭ އަތިރިމަތީގައެވެ. މީހުން އާންމުކޮށް އައިސް ނޫޅޭ ހިސާބެއްގައެވެ. ގަސްތަކުން ތެރެއިން އެމީހުން އަތިރިމައްޗަށް ފޭބީ ދައްޔާނު ދެއްކި ދިމާއިންނެވެ. ޖެހިލުންވެފައި ހުއްޓެއްކަމަކު މަލަކް އެކަމެއް ނުދެއްކިއެވެ. ހުޅުމާލޭގައި އޭނާ ދިރިއުޅުނެއްކަމަކު އޭނާއަށް ވެސް އެއީ މުޅީން އައު މާޙައުލަކަށްވިއެވެ. ދައްޔާނު މަޑުމަޑުން ކުރިޔަށް ފިޔަވަޅެއް އަޅާލިއެވެ. މަލަކްއާ ދެމެދުގައި އޮތް ދުރުކަން ކައިރިކޮށްލިއެވެ. ދެން އޭނާ މަލަކްގެ އަތުގައި އަތް ޖައްސާލިއެވެ. އެއާއެކު މަލަކް ދެ އަތް އުރާލައިގެން ހުރެފައި ތިރިކޮށްލިއެވެ. ދައްޔާނު ވާހަކަދައްކަން ފެށީ މަލަކްގެ ކަނާއަތްތިލައިގަ ހިފަހައްޓާލައިގެން ހުރެއެވެ.

"އަހަރެން އަދިވެސް މަލްދެކެ ލައިކްވޭ. އަދިވެސް ބޭނުން މަލް... އަހަންނަށް... އަހަންނަށް ދެވަނަ ފުރުޞަތެއް މަލް ދީފާނަންތަ؟." ދައްޔާނު ބުންޏެވެ. އޭނާގެ ހުށަހެޅުމާމެދު ޔަގީންނުވެފައި މަލަކްއަށް ހުރެވުނެވެ. ދައްޔާނުގެ ދެ ލޮލުން އޭނާގެ ހިތުގެ ޖަޒުބާތުތައް މަލަކް ދުށްޓެވެ.

"ތިވަރަށް ބަލަނިކޮށް އަހަރެންނަށް ކަމެއްކުރެވިދާނެ." ލާނެތް ހިނިތުންވުމަކާއެކު ދައްޔާނު ބުނެލިއެވެ. އެއާއެކު ވަގުތުން މަލަކް އިސްޖަހާލައިފިއެވެ. މަލަކްގެ އަތަށް ދަމާލަމުން ކޮންމެވެސް ޖަވާބެއް ދިނުމަށް ދައްޔާނު އެދުނެވެ.

"އޯކޭތަ ފަހުން އަހަރެން ޖަވާބެއް ދިނަސް." މަލަކް އިސްއުފުލައި ދައްޔާނަށް ބަލާލިއެވެ. އޭނާ ވިސްނަން ވަގުތު ބޭނުމީއެވެ. ދެކަފި މަގެއްގައި ހުއްޓި ހުންނަން ޖެހިދާނޭ ކުރީން އޭނާ ހިތަށް ވެސް ނާރައެވެ. ނަމަވެސް މިވަގުތު އޭނާގެ ހަޔާތް އެވަނީ ދެކަފިވެފައެވެ. އެއްކޮޅުގައި ހުރީ މިއުވާނެވެ. އަނެއްކޮޅުގައި މިހުރީ ދައްޔާނެވެ. ތިލަފަތުގައި ކިރާލުމުން އޭނާގެ ހިތް ބަރުވާނީ ކޮންކޮޅަކަށްކަން ކުއްލިއަކަށް ނިންމުމަކީ ވާނޭކަމެއްނޫނެވެ.

"އޯކޭ. އެކަމަކު އެހާ ދިގު އިންތިޒާރެއް ނުކުރުވައްޗޭ." ދައްޔާނު ބުންޏެވެ.

"ހަފްތާއެއް." މަލަކް ބުންޏެވެ. އެވަރު މާގިނައޭ ބުނަން ދައްޔާނު ބޭނުންވިއެވެ. ނަމަވެސް އޭނާ ބޯޖަހާލީ އެންމެ ރަނގަޅޭ ބުނާ ފަދައިންނެވެ. މަލަކްއަށް ޖަވާބެއްދޭން ބާރު އަޅައިފިނަމަ އޭނާ ދައްޔާނާ ދުރަށް ހިނގައިދާނޭތީ ހިރާސްއެއް ނަގަން ދައްޔާނު ބޭނުންނުވީއެވެ. މިފަހަރު އޭނާއަށް މަލަކް ލިބިދާނޭކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އަމިއްލަ ނަފްސުގެ މައްޗަށް ދައްޔާނަށް އެބައޮތެވެ. އޭނާ އެ ހުރީ މަލަކް އެދޭ ފަދަ ހުރިހާ ގޮތަކުން ފުރިހަމަ ޒުވާނަކަށް ވެފައެވެ. މިހާރު އޭނާގެ ފުށުން ކަމުނުދާ ސިފައެއް ހޯދުމަކީ މަލަކްއަށް ވާނޭކަމެއްނޫނެވެ.

* * * * *

ތުނބުން ނައްޓާލި ސިނގިރޭޓު ތިރިކޮށްލުމާއެކު އައިރިކްގެ އަނގައާއި ނޭފަތުން ދުންތައް ވައިގެތެރެއަށް ބޭރުކޮށްލައިފިއެވެ. ގޮނޑީގެ ލެނގޭ ބައިގަ އަޅުވާލައިގެން އިން ކަނާއަތުން އޭނާގެ ބުމަކައިރިން ނިތްކުރީގައި ހިފަހައްޓާލިއެވެ. އޭނާގެ ބޮލުގައި ރިއްސަނީ ކަހަލައެވެ. މޫނުގައިވަނީ ފިކުރުބޮޑުވެފައިވާ ކަމުގެ އަސަރެވެ. މާޔާ ދިއުމުން އޭނާ ނުކުތީ މަސްފެންގަނޑު ކައިރިއަށެވެ. ސިނގިރޭޓު ނުބޯނަމޭ ހިތަށް އަރުވައިގެން ހުއްޓަސް އޭނާއަށް އެ ނުބައި އާދައާ ވަތްކެއް ނުވެވުނެވެ. އެއަށްވުރެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭއެވެ. މޭގައިވީ ހިތުގައި ނުފިލާ ރިހުމެއް އުފެދިފައިވެއެވެ.

"މާޔަލް... ޔޫ އާ ލީވިން މީ ނޯ ޗޮއިސް. އެކަމަކު ކުއްލިއަކަށް އަހަރެން ކިޔާދީފިނަމަ. ނޫން. އިޓްސް ޓޫ ރިސްކީ. އައި ކާންޓް ލޫސް ޔޫ އަގައިން. ކީއްވެތަ މިހެންމިވީ. އަހަރެމެން އެކަކުއަނެކަކުގެ އަތުން ނެތިގެންދާންތަ ތަޤްދީރުގައި ލިޔެވިފައިވަނީ... އެހެންވެތަ އެރޭ އެ ހާދިސާ ހިނގީ. މުޅި އުމުރަށް އަހަރެންދެކެ ލޯބިވާން ވަޢުދުނުވަންތަ. ކިތައް ވަޢުދު އަހަންނަށްވީން. ފުރަތަމަ އޮޅުވާލާން ތި މަސައްކަތް ކުރަނީ އަހަންނަށް. ބޭވަފާތެރި ވެސް ތިވަނީ އަހަންނަށް. މާޔާއަކީ އަހަރެން ދިން ނަމެއްކަން ނޭނގޭތަ؟. ކީއްވެ އަހަރެން ތި ހަޔާތުން ބާކީކޮށްލީ. އަހަރެންވީ މާޔަލް އެހެން މީހެއްގެ ހައްޤަކަށްވާތަން ބަލަން ހުންނަންތަ؟. ކާކުތަ އެއީ؟... ކީއްވެތަ މާޔަލްގެ މައްޗަށް އޭނާގެ އެހާ ބޮޑު ނުފޫޒެއް އޮންނަންވީ." އައިރިކްއަށް ވިސްނެމުން ދިޔައީ މާޔަލްއާ މެދުއެވެ. މާޔަލްއަކީ އޭނާގެ މާޔާއެވެ. އުމުރުގައި ފުރަތަމަ ފަހަރަށް ލޯބިވީ އަންހެންކުއްޖާއެވެ. އެކުގައިވާން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އައި ބައިވެރިޔާއެވެ. އޭނާއަށް ކުރީން ނޭނގުނީ އެކްސިޑެންޓުގައި އޭނާއާ މުޑިއެރި ކާރުގައި އެރޭ އިނީ އޭނާގެ ހިތުގެ ދިރުންކަމެވެ. އެ ދެ ލޮލުގެ ފިނިކަންކަމެވެ. ފަޅިސުކުންތަކަށް އޭނާގެ ލޯ ކުރިމަތިން އޭނާގެ މާޔާ ސިފަވީހެން ހީވި ހީވުމަކީ ސިކުނޑީގެ އޮޅުވާލުމެއް ނޫނެވެ. މާޔަލްގެ ހާލަތު ފައިރޫޒު ވަނީ އޭނާއަށް ކިޔާދީފައެވެ. މާޔަލް ހުރީ ކިހާ ނާޒުކް ފައްތަރެއްގައިކަމެވެ. ހިނިތުންވެ އުޅޭއިރު އެ ހަޔާތުގެ އެންމެ ރީތި ސަފުޙާތައް އޭނާ އެވަނީ ފަރުދާކޮށްފައެވެ. ކީއްވެހެއްޔެވެ.

* * * * *

ރިންގުވަމުން ދިޔަ މައިރާގެ ފޯނަށް ރަޒާ ބަލާލިއެވެ. މާއްކޮގެ ނަން ފެނުމާއެކު އެ ގުޅަނީ މާޔަލްކަން ރަޒާއަށް އެނގުނެވެ. އޭނާ ފޯނުކޯލު ނެގީ މައިރާ ފާޚާނައިގަ ހުރިކަން ބުނާށެވެ. ނަމަވެސް ކޯލު ނެގުމާއެކު ހެލޯ އޭ ވެސް ނުބުނެ ދޮންތީއޭ މާޔަލް ގޮވާލި ގޮތުން ރަޒާއަށް ހާސްކަމެއް ލިބުނެވެ.

"މައި ފާޚާނާގައި." ރަޒާއަށް މިހެން ބުނެވެންވީއިރަށް މާޔަލް ކޯލު ކަނޑާލައިފިއެވެ. އޭނާއަށް ވިސްނާލެވުނެވެ. އެނދުން ފައިބައިގެން އައިސް ފާޚާނާ ދޮރުގައި ރަޒާ ޓަކި ޖަހާލިއެވެ.

"މައި..." ރަޒާ ގޮވާލިއެވެ.

"މި ނުކުންނަނީ." މައިރާގެ ޖަވާބު އައީ ނުހަނު އަވަހަށެވެ.

ރަޒާ އައިސް އެނދުގައި އިށީނީއެވެ. އޭރު ވެސް މައިރާގެ ފޯނު އޮތީ ރަޒާގެ އަތުގައެވެ. ޚިޔާލުގައިވީ މާޔަލްއެވެ. އެ އަޑު ކުރެހިފައި ހުރިގޮތުން ހީވަނީ ރޮނީހެންނެވެ. މާޔަލްއަށް ކަމެއްވީބާއޭ ރަޒާ ހިތަށް އެރިއެވެ.

"ކާކު ގުޅީ." ފާޚާނާ އިން ނުކުންނަމުން މައިރާ އަހާލިއެވެ.

"މާއްކޮ... އަހަންނަށް ހީވަނީ ކަމެއްވެއްޖެ. ޝީ ޑަޒަންޓް ސައުންޑް ލައިކް ހާ ސެލްފް." ރަޒާއަށް ބުނެވުނެވެ. މައިރާ ހީވީ ފާޚާނާ ކައިރީ ހުރެފައި ރަޒާގެ ކުރިމައްޗަށް ދިގު އެއްފިޔަވަޅު އަޅާލީ ހެންނެވެ. އަވަހަށް ރަޒާގެ އަތުން ފޯނުނަގައި މާޔަލްއަށް ގުޅިއެވެ.

"ދޮންތި، އައި ތިންކް ސަމްތިންގް އިޒް ރޯންގް ވިތް މީ." ރޮމުންރޮމުން މާޔަލް ބުނިއަޑު އިވުނެވެ. ކަންފަތުގައި ފޯނު ޖަހައިގެން ހުރި މައިރާއަށް ތެޅިގަނެވުނީ ހާސްވެގެންނެވެ. ރަޒާގެ ކޮނޑުގައި ޖަހާލުމާއެކު ތެދުވާށޭ މައިރާ އިޝާރާތްކުރިއެވެ.
(ނުނިމޭ)