އިސްލާމިކް މިނިސްޓްރީ

ބޭރަށް އިވޭ އަޑު މަޑުކުރަން އެންގީ ފަސް މިސްކިތެއްގެ

އަޑުބާރު ކަމަށް ބުނެ ލިބުނު ޝަކުވާތަކާއި ގުޅިގެން ފަސް މިސްކިތެއްގެ އަޑު މަޑުކުރަން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

އެ މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މާލޭގެ ފަސް މިސްކިތެއްގައި ޖަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރުން އެއީ ދީނީ ގޮތުން އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަަމުގައި ފެންނާތީ އެ މިސްކިތްތަކުގެ އިމާމުންނަށް ޖަހުރިއްޔަ ނަމާދުތައް ކުރާއިރު ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު މަޑު ކުރަން އިރުޝާދު ދީފައިވާ ކަމަށެވެ. - ޖަހުރިއްޔަ ނަމާދުތަކަކީ އަޑު ހަރުކޮށް ކިޔަވާ ނަމާދު ތަކެވެ. -

ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަށް ވެފައި އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދު ކުރާ އަޑު ބާރަށް އިވި ނަމާދު ކުރާއިރު ދަތިވާކަން ފާހަގަ ކުރެެވިފައިވާ ކަމަށާ އަދި މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން ތުއްތު ކުދީން ތިބޭ ކައިރި ގޭގެއިން ދަތިވާ ކަމަށް ފާހަގަކޮށްފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

އަދި ބުނީ މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އެ މިނިސްޓްރީން އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް ނީއްވޭ ގޮތް ހެދުމަކީ އެއްވެސް އިރަކު ގެންގުޅުނު ވިސްނުމެއްވެސް ނޫންވެސް ކަމަށްވެސް ބުންޏެވެ.

އަދި ކުރީން އަމަލު ކުރަމުން އަންނަ ގޮތަށް މިހާރުވެސް މިސްކިތްތަކުގައި ހުންނާނީ ނަމާދު ކުރާ އަޑު ބޭރަށް އިވޭ ގޮތަށް ކަމަށާ މިސްކިތްތަކުގެ އަޑުމަޑު ކުރުމާއި ގުޅޭ ސާކިއުލާއެއް އަދި ލިޔުމެއްވެސް އެ މިނިސްޓްރީން އެއްވެސް ފަރާތަކަށް ނުފޮނުވާ ކަމަށެެވެ.