ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާރީހަށް ނިންމައި ނުލެވުނީ ކަނޑު ގަދަ ވުމުގެ ސަބަބުން ކަމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބުނެފި އެވެ.
އެ ކުންފުނިން ވަނީ އިއްޔެ ނިޔަލަށް ޕްލެޓްފޯމް ފަރުމަތީން ނަގާނެ ކަމަށް ބުނެފައެވެ. އަދި ޕްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތަށް ބޭނުންވާ ވަސީލަތްތައް މޮބިލައިޒް ކޮށްފައިވާ ކަމަށާ ޓަގްތަކާއި ބާޖު އަދި ކެރޭންތައް ވަނީ ހޯދާފައި ކަމަށް މި މަހުގެ 23 ވަނަ ދުވަހު ބުންޏެވެ.
އެ ކުންފުނިން ދިން ތާރީހު ފަހަނައަޅައި ދިޔައިރުވެސް ޕްލެޓްފޯމް ފުންްކުރެވިފައި ނުވާތީ އެކަން ނުވި ސަބަބު ބަޔާންކޮށް ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ ކަނޑުގަދަ ވުމުގެ ސަބަބުން ކަނޑައަޅާފައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. އަދި މޫސުން ރަނގަޅުވެ ކަނޑު މަޑުވިހާ އަވަހަށް އަލުން މަސައްކަތް ފަށާނެ ކަމަށް ވަނީ ބުނެފައެވެ. އެކަމަށް ޓީމުތައް ތިބީ ތައްޔާރަށް ކަަމަށްވެސް ބުންޏެވެ.
އެފްކޮންސްގެ ބަޔާނުގައި މިފަހަރުވެސް ބުނީ ޕްްލެޓްފޯމް ފުން ކުުރުމުގެ މަސައްކަތް ކުރާނީ ވިލިމާލެ ފަރަށް އެންމެ ގެއްލުން ކުޑަވާނެ ގޮތަށް ވިސްނައިގެން ކަމަށެވެ. އެކަމުގެ ޔަގީންކަން ދޭ ކަަމަށް ވަނީ ބުނެފައެވެ.
ރާޅާ އެކު ޕްލެޓްފޯމް ވިލިމާލޭގެ ފުއްޓަރުފަރާތު ފަރުގައި ޖެހޭ އަޑާއެކު ރަށަށް ލޮޅުން އިހްސާސް ކުރެވޭތީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާ "ސޭވް ދަ ބީޗް މޯލްޑިވްސް" އާއި ވިލިމާލޭގެ އާންމުން ތަމްސީލް ކުރާ "ވިލިޖޯލި" ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޕްލެޓްފޯމް ނެގޭނެ ކުންފުނިތައް ރާއްޖޭގައި ތިބިއިރު ބްރިޖު ކަހަލަ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކަކީ ޕްލެޓްފޯމް ނެގޭނެ ފެންވަރުގެ ސާމާނު ހުރި ކުންފުނިތަކަކަށް ވާންޖެހޭނެ ކަމަށް އެ ދެ ޖަމިއްޔާއިން ބުނެއެވެ. އަދި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބެލުމަށްފަހު އެކުލަވާލާ ރިޕޯޓް ވިލިމާލޭގެ ރައްޔިތުންނާ ހިއްސާކުރުމަށްވެސް ގޮވާލާފައިވެ އެވެ.
ތިލަމާލެ ބްރިޖް އެޅުމަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ޕްލެޓްފޯމް ނެގުމަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ކުއްލި މައްސަލައެއް ވެސް ހުށަހެޅި އެވެ. މައްސަލަ ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް އެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ބްރިޖުގެ މަސައްކަތުގައި ބޭނުންކުރި ޕްލެޓްފޯމް ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށް އެންވަޔަންރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެ އެވެ.