އެމްޑީޕީ

ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ނުނިންމަން: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ދޭނެ ބޭފުޅަކު ކަނޑައެޅުމުގެ ގޮތުން ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ -- އެމްޑީޕީން މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް އޮކްޓޫބަރު މަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނެ ކަމަށް އެޕާޓީގެ އޮފިޝަލަކާ ހަވާލާދީ ދައުލަތުގެ މީޑިއާ އިން އާންމުކުރި ހަބަރަކާ ގުޅިގެންނެވެ.

އެމްޑީޕީގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި މުހިއްމު ބޮޑެތި ނިންމުންތައް ނިންމާނީ ޕާޓީގެ ޗެއާޕާސަން ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހަކާ ގުޅޭގޮތުން އަދި އެއްވެސް ގޮތެއް ނިންމާފައި ނުވާ ކަމަށާއި ތާރީހެއް ނިންމިހާ އަވަހަށް ވަކި ނޫހެއް އިސްތިސްނާ ނުކޮށް ހުރިގާ ނޫސްވެރިންނަށް އެއްފަހަރާ އެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

"ދައުލަތުގެ މީޑިއާގައި ތިފަދަ ހަބަރެއް ޖެހީމާ އަޅުގަނޑުވެސް ބަލައިފިން ތިކަން. ޕާޓީގެ ޗެއާޕާސަނަކަށް އަދި ޑެޕިއުޓީ ޗެއާޕާސަނުންނަކަށް ވެސް ތިކަމެއް ނޭނގޭ. ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހާ ގުޅޭގޮތުން އެއްވެސް ފަރާތަކަށް އެއްވެސް ތާރީހެއް ދީފައި ނުވާނެ ކަމަށް ޕާޓީގެ ޗެއާ އެބަ ވިދާޅުވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް މިހާތަނަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެވެ.

ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން މިހާރު ތައްޔާރުވަމުންދާއިރު ރިޔާސީ ޓިކެޓް މިހާތަނަށް ކަށަވަރުވި ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ހަވާލުކޮށްފަ އެވެ. ޖުމްހޫރީ ޕާޓީއާއި އެމްއެންޕީން ރިޔާސީ ކެންޑިޑޭޓުން ނެރޭނެ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް އެ ޕާޓީ ތަކުގެ ޓިކެޓް ހަވާލުކުރާނެ ބޭފުޅެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ.

މީގެއިތުރުން އެމްއެންޕީއާއި ޑީއާރްޕީއާއި އެމްޑީއޭ އިން ވެސް ދަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެ ޕާޓީތަކުގެ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބުނަމުންނެވެ.

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް 120 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއްުޔެ ބުނެފައިވެ އެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް އެ ކޮމިޝަނުން ވެސް އަދި އިއުލާނެއް ނުކުރެ އެވެ.