ސޮއިނުކޮށް ހުރި ނަމަވެސް ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު މި އަހަރު ވެސް ފެނުން ގާތީ މާޒިޔާއިން ކަމަށް އެ ޓީމުން ބުނެފި އެވެ.
ގައުމީ ކީޕަރު އިމްރާނަކީ މިދިޔަ ސީޒަނުގައި މާޒިޔާ އަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މިހާތަނަށް އެ ޓީމަށް ސޮއިނުކޮށް ހުރި ހަމައެކަނި ކުޅުންތެރިޔާ އެވެ.
ނިއު ރޭޑިއަންޓަށް ތިން އަހަރު ކުޅެ، ގައުމީ ތަށި އެކުލަބަށް މިލްކުކޮށްދިނުމަށް ފަހު މިދިޔަ އަހަރު މާޒިޔާ އަށް އިމްރާން ބަދަލުވީ ރާއްޖޭގެ ރެކޯޑް އަގަކަށެވެ. ނަމަވެސް ސީޒަނުގެ ކުރީކޮޅު ގައުމީ ޓީމަށް ކުޅެނިކޮށް އަނިޔާވެ އޭނާ އަށް މުޅި ސީޒަން ގެއްލުނެވެ. އޭގެ ފަހުން ނިމިދިޔަ ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު ނަމަވެސް މުޅިން ފިޓްނުވާތީވެ އޭނާ ވަނީ އަނެއްކާ ވެސް ފިޓްނަސް ޕްރޮގްރާމް ކުރިއަށް ގެންދަން ފަށާފަ އެވެ.
އަންނަ ސީޒަނަށް މާޒިޔާގެ ކޮންޓްރެކްޓް އެންމެ ފަހުން އާކުރި ކުޅުންތެރިންނަކީ ހަސަން ޝިފާޒް (ޑުންގާ) އާއި މޫސާ ޔާމީން އެވެ. މީގެ އިތުރުން ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި ސަމްދޫހު މުހައްމަދާއު އަމްދާން އަލީ (އެންޑީ) އާއި މުހައްމަދު އުމޭރާއި އަހުމަދު އިމާޒް (އާއްކޮ) އާއި މުހައްމަދު އިރުފާން އާއި އަހުމަދު ނާޝިދު (ނާއްޓޭ) އަދި އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ނުކުޅެވުނު ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ) ވެސް ވަނީ މާޒިޔާގެ ކޮންޓްރެކްޓް އާކޮށްފަ އެވެ.
އެ ޓީމަށް އަލަށް ގެންދިޔަ ކުޅުންތެރިންނަކީ ނިއުގެ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އާއި އީގަލްސްގެ ކެޕްޓަން އިސްމާއީލް އީސާ (މެސީ) އާއި އެ ޓީމުގެ ޔަސްފާދު ހަބީބާއި މާޒިޔާގެ ކުރީގެ ކެޕްޓަން އަހުމަދު ރަޝީދު (އައްމަޑޭ) އެވެ.
އަންނަ ސީޒަނުގައި ވެސް މާޒިޔާގެ ކޯޗަކަށް ހުންނާނީ މިދިޔަ ދެ ސީޒަނުގައި ވެސް ޓީމަށް އިރުޝާދުދިން ކޯޗު އަލީ ސުޒޭނެވެ.