އެޓާނީ ޖެނެރަލް

ޖީއެސްޓީ ބޮޑު ކުރަން މަޖިލީހަށް ހުށައަޅައިފި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށައަޅައިފި އެވެ.

އެޓާނީ ޖެނެރަލް އޮފީހުން ބުނީ ތިން ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާފައިވާ ކަމަށެވެ. އެއީ ޓޫރިޒަމާބެހޭ ގާނޫނަށާއި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ފޮނުވި ތިން ބިލް ކަމަށް ވަނީ ބުނެފައެވެ.

ސަރުކާރުން ކުރީން ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމާ އެކަން އިއުލާނު ކޮށްފައެވެ.

ޖުލައި ހަތްވަނަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތަ އަށް ބޮޑު ކުރުމަށްވެސް ވަނީ ނިންމާފައެވެ. ރައްޔިތުންގެ މަޖިލީސް ހުޅުވެންވާއިރަށް އެ އިސްލާހުތައް ގާނޫނަށް ގެންނަން ހުށައަޅުއްވާނެ ކަމަށް އެ ދުވަހު މިނިސްޓަރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އުންމީދަކީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ގާނޫނަށް އެ ބަދަލުތައް ގެނައުން ކަމަށެވެ.