އެފްއެޗްއޭއެމް އިންޓަނޭޝަނަލް އެގްޒިބިޝަން

ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލިޓީ އެކްސްޕޯ ހުޅުވައިފި

Aug 28, 2022

ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2022 -- މިއަދު ހެނދުނު ފަށައިފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދާ މި އެކްސްޕޯ މިއަދު ހުޅުއްވައިދެއްވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މިއެސްޕޯގައި 81 ކުންފުންޏަކު ބައިވެރިވެފައިވާއިރު 102 ސްޓޯލް ވަނީ ގާއިމުކޮށްފަ އެވެ.

އެކްސްޕޯ ކުރިއަށް ދަނީ ސެންޓްރަލް ޕާކްގައި ހަދާފައިވާ ބޮޑު އިންޑޯ އޭރިއާއެއްގަ އެވެ. އެތަން ހުރީ އޭސީ ވެސް ކޮށްފަ އެވެ.

ގިނަ ޗެލެންޖުތަކެއް ހިމެނޭ މިއެކްސްޕޯގެ ފުރަތަމަ ޗެލެންޖުގެ ގޮތުގައި ކަލިނަރީ ޗެލެންޖު މިހާރު ވަނީ ފަށާފަ އެވެ. މީގެއިތުރުން ބަރިސްތާ ޗެލެންޖަކާއި ހައުސްކީޕިން ޗެލެންޖެއް ވެސް ހިމެނެ އެވެ.

ކަލިނަރީ ޗެލެންޖުގައި ބޭރުގެ ބައެއް ޝެފުންގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ ޝެފުން ވެސް ބައިވެރިވެ އެވެ.

އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އެކްސްޕޯ ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ރޭގަނޑު 8:00 އަށެވެ.

އެކްސްޕޯ އިންތިޒާމު ކުރާ ފަރާތްތަކުން އުއްމީދު ކުރާ ގޮތުގައި މިއަހަރުގެ އެކްސްޕޯ އަކީ އާންމުންގެ ގިނަ ބަޔަކު ޒިޔާރަތްކުރާ އަދި އާންމުންގެ ތަރުހީބު ބޮޑު އެކްސްޕޯ އަކަށް ވާނެ އެވެ.