ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން މުސްއަބް އަބްދުﷲ ވަކިކުރީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޭން ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނަވަނިކޮށް މުސްއަބް މަގާމުން ވަކިކުރީ 2019 އަހަރުގެ ސެޕްޓެމްބަރުގަ އެވެ.
މަގާމުން ވަކިކުރުމުގެ ކުރިން ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައި ވެސް ބެހެއްޓި އެވެ.
ސިވިލް ސާވިސް ކޮމިޝަނާ ދެކޮޅަށް މުސްއަބް ދައުވާ ކުރީ އަނބުރާ ވަޒީފާ ހޯދުމަށާއި އޭނާ ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އަނބުރާ ލިބެންދެން ދޭންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށެވެ.
ސިވިލް ކޯޓުން މިމައްސަލައިގައި 2020 ވަނަ އަހަރު ނިންމާފައިވަނީ މުސްއަބް ވަޒީފާ އިން ވަކިކުރުމުގައި ގާނޫނާ ހިލާފަށް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.
މުސްއަބްގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ހައިކޯޓުން މިއަދު ވަނީ މުސްއަބް ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅާ އޭނާއަށް ދޭން ޖެހޭ މުސާރައާއި އިނާޔަތް 14 ދުވަސް ތެރޭގައި ދިނުމަށް ހުކުމްކޮށްފަ އެވެ.
މުސްއަބްގެ ދައުވާގައި އަލުން އެ ވަޒީފާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އެދިފައިވީ ނަމަވެސް އެ މަގާމަށް މީހަކު އައްޔަންކޮށްފައިވާތީ ކޯޓުން ހުކުމްކޮށްފައިވަނީ ހަމައެކަނި ބަދަލު ނަގައިދިނުމަށެވެ.
މައްސަލަ ބެއްލެވި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި މުސްއަބަށް ބަދަލުގެ ގޮތުގައި ދޭން ކަނޑައަޅާފައިވަނީ 1،187،666.60 ރުފިޔާ އެވެ.