ސުޕްރީމް ކޯޓް

މުސްއަބަށް ބަދަލު ދިނުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަންގައިފި

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުންނަވަނިކޮށް މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލު ދޭން ކޮށްފައިވާ ހުކުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ސުޕުރީމް ކޯޓުން އަންގައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ހައިކޯޓުގެ ހުކުމް ތަންފީޒުކޮށްފިނަމަ، ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައިގައި އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެހެންކަމުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަންގަންދެން ހައިކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކުކޮށްފައިވެ އެވެ.

މުސްއަބަށް ބަދަލުގެ ގޮތުގައި ސީއެންސީ އިން ދޭން، މިދިޔަ އޮގަސްޓް މަހު ހައިކޯޓުން ހުކުމްކޮށްފައިވަނީ 1.1 މިލިއަން ރުފިޔާ އެވެ. އެމައްސަލަ ސީއެސްސީ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.

މައްސަަލަ ނިމެންދެން ހައި ކޯޓުގެ ހުކުމަށް އަމަލުކުރުން ފަސްކުރުމުގެ އަމުރަކަށް ސީއެސްސީން އެދުމުން ސުޕްރީމް ކޯޓުން މިއަދު އެގޮތަށް އަމުރު ނެރުނީ އެ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގައި ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އެވެ.

މުސްއަބަށް ބަދަލު ދިނުން މަޑުޖައްސާލުމަށް އަމުުރު ނެރުނީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.