ސިވިލްސާވިސް ކޮމިޝަން

މުސްއަބަށް ބަދަލު ދިނުމުގެ މައްސަލަ ސީއެސްސީ އިން އަނބުރާ ގެންދަނީ

Dec 19, 2022
1

އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ ގޮތުގައި ހުންނަވަނިކޮށް މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރި މައްސަލާގައި ބަދަލު ދޭން ނިންމި ނިންމުން ތަންފީޒު ކުރުން ހުއްޓުވަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަނބުރާ ގެންދިއުމަށް ހުށަހަޅައިފި އެވެ.

މުސްއަބަށް ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދިނުމަށް ހައިކޯޓުން ސީއެސްސީއަށް އަމުރުކުރީ މިދިޔަ އޮގަސްޓް މަހު އެވެ. ސީއެއްސީ އިން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ. އިސްތިއުނާފް ކުރި މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

މައްސަލައިގައި އިއްޔެ ހައިކޯޓުގައި އޮތް އަޑުއެހުމުގައި ސީއެސްސީގެ ވަކީލް ވިދާޅުވީ ހައިކޯޓުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުނީ އޮކްޓޫބަރު 30 ވަނަ ދުވަހު ކަމަށްވާތީ މައްސަލަ އިސްތިއުނާފް ކުރުން ލަސްވި ކަމަށެވެ. އިސްތިއުނާފް ލަސްވުމުގެ ސަބަބުން މައްސަލަ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރި ކަމަށާއި އެހެންވެ މިހާރު ބޭނުންވަނީ މައްސަލަ އަނބުރާ ގެންދަން ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުން ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ސީއެސްސީގެ ވަކީލް ދެއްވީ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމުގެ ޖަވާބެވެ.

ސީއެސްސީގެ ވަކީލު މަސައްކަތް ކުރައްވަނީ ޝަރީއަތުގެ މަރުހަލާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން މައްސަލަ ލަސްކުރަން ކަމަށް މުސްއަބުގެ ވަކީލު ތަކުރާރުކޮށް ވިދާޅުވި އެވެ. އެހެންވެ ފަނޑިޔާރުން އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ވެސް ސީއެސްސީގެ ވަކީލު ސީދާ އެ ތުހުމަތަށް ޖަވާބެއް ނުދެއްވާ ވިދާޅުވީ މައްސަލަ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ.

އެކަމަކު މުސްއަބުގެ ވަކީލު ވަނީ ސީއެސްސީގެ އިސްތިއުނާފް މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމަން ހުށަހަޅުއްވާފަ އެވެ. މީގެއިތުރުން މުސްއަބް ވަނީ މަދަނީ އިޖުރައާތުގެ ގާނޫނުގެ ދަށުން އޭނާގެ ވަކީލަށް ކުރަންޖެހޭ ހަރަދު ނަގައިދިނުމަށްވެސް އެދިފައިވެ އެވެ. ނަމަވެސް މައްސަލަ ނިންމާ ގޮތް ފަހުން އަންގާނެ ކަމަށް ވިދާޅުވެ ބެންޗުން އަޑުއެހުން ނިންމާލީ އެވެ.