ސްޓެލްކޯ

ސްޓެލްކޯ އިން ތިން ރަށެއްގެ މަގުބައްތިތަކާ ހަވާލުވެއްޖެ

Aug 28, 2022

އއ. އަތޮޅުގެ ތިން ރަށެއްގައި މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމާ ސްޓެލްކޯ އިން ހަވާލުވެއްޖެ އެވެ.

އެގޮތުން ސްޓެލްކޯ އިން މިއަދު ހަވާލުވީ ތޮއްޑޫ، ރަސްދޫ އަދި އުކުޅަހުގެ މަގުބައްތިތަކާ އެވެ.

މިތިން ރަށުގެ ކައުންސިލާ އެކު ސްޓެލްކޯ އިން މިއަދު ވަނީ އެއްބަސްވުމުގައި ވެސް ސޮއިކޮށްފަ އެވެ. ސްޓެލްކޯގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެވެ. ކައުންސިލްތަކުގެ ފަރާތުން ސޮއި ކުރެއްވީ ތިން ރަށުގެ ރައީސުންނެވެ.

ސްޓެލްކޯގައި މިއަދު މިކަމަށްޓަކައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެެކްޓަރު ޝަރީފް ވިދާޅުވީ މަގުބައްތިތައް ބަލަހައްޓަނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ. ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

"ތިން ރަށުގައި ވެސް ސްޓެލްކޯ ސްޓޭޝަން މެނޭޖަރުން އެމީހުންގެ ޒިންމާއެއްގެ ގޮތުގައި ބައްތިތައް އަބަދުވެސް ދިއްލިފައި ހުރި ކަން ޔަގީންކުރާނެ،" ޝަރީފް ވިދާޅުވި އެވެ.

ސްޓެލްކޯ އިން ނިންމާފައިވަނީ ތިން ރަށުގެ ތަޖުރިބާއަށް ބެލުމަށްފަހު އެ ކުންފުނިން ހިދުމަތް ދޭ ކ. އަތޮޅާއި، އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން ވ. އަތޮޅުގެ ހުރިހާ ރަށެއްގެ މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވާށެވެ.

ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ދޭ ރަށްތަކުގައި މަގުބައްތިތައް ބަލަހައްޓަނީ ރަށު ކައުންސިލުންނެވެ. ބަޖެޓުގެ ދަތިތަކާ ހުރެ މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން ދަތިކަމަށް ކައުންސިލްތަކުން ބުނެ އެވެ. އެހެންވެ ސްޓެލްކޯ އިން މަގުބައްތިތައް ބެލެހެއްޓުމާ ހަވާލުވީތީ ރަށު ކައުންސިލްތަކުން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ.