ބޭންކް އޮފް މޯލްޑިވްސް

ފިއްލަދޫއާއި ވަށަފަރުގައި އޭޓީއެމްގެ ހިދުމަތް ފަށައިފި

Aug 28, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހއ. ފިއްލަދޫއާއި ވަށަފަރުގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ފިއްލަދޫ އަދި ވަށަފަރުގައި މިއަދު ހުޅުވި ދެ އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި، ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބެ އެވެ.

ފިއްލަދޫއާއި ވަށަފަރުގައި އޭޓީއެމްގެ ހިދުމަތް ތައާރަފްކުރުމާ ގުޅިގެން ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ބީއެމްއެލްގެ ބޭންކިން ވިއުގަ ފުޅާކުރުމަށާއި ބޭންކިން ހިދުމަތްތައް ފަސޭހަކާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ފިއްލަދޫ އަދި ވަށަފަރުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަލަށް މި ހުޅުވުނު އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް މިދެރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބިގެންދާނެ،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލްގެ ބޭންކިން ވިއުގައިގައި 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނެ އެވެ. މީގެއިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.