ދުނިޔެ

ދުނިޔޭގައި އޮތް ހަމައެކަނި ގަދަބާރަކީ އެމެރިކާއެއް ނޫން: ރަޝިއާ

ގައުމުތައް އަޅުވެތިކުރި ޒަމާން މާޒިވެ ހިނގައްޖެ ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގައި އޮތް ބާރުގަދަ ގައުމަކީ ހަމައެކަނި އެމެރިކާ ނޫން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ.

ގައުމުތައް ބާރުގަދަވެ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ އެމެރިކާއަށް ހުއްޓުވޭނެ ކަމެއް ނޫން ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާ އާއި އެމެރިކާ ބުނާހާ ގޮތެއް ހަދަން ތިބި ޔޫރަޕްގެ ގައުމުތަކުން ކިތަންމެ ވަރަކަށް ޖެއްސުންކޮށް ހުރަސްއެޅި ނަމަވެސް ދުނިޔެ ބައިނުވެ ނޯންނާނެ ކަމަށެވެ.

ހުޅަނގުގެ ޕްރެޝަރުގެ ސަބަބުން ދުވެލި މަޑުޖެހިލި ނަމަވެސް ގައުމުތައް ކުރިއަރައިގެން ދާނެ ކަމަށްވެސް ލަވްރޯފް ވިދާޅުވި އެވެ. އެމެރިކާ އަކީ ވަކި ބާރުގަދަ ގައުމެއް ކަމަށް ދެކެނީ ހަމައެކަނި އެމެރިކާ ކަމަށްވެސް ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ކޮންމެ ގައުމަކުން ވެސް ސިޔާސަތު ކަނޑައަޅާނެ އެވެ. އެ ސިޔާސަތު ތަކަކީ ކޮންމެ ކޮންމެ ވެރިޔަކަށް ތަންފީޒުކުރަން ކެރޭ ސިޔާސަތަކަށް ނުވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

އެހެން ނަމަވެސް، ލަވްރޯފް ވިދާޅުވި ގޮތުގައި ގައުމަށްޓަކައި އަދި ވާދަވެރިކަމުގައި ކުރިއަރައި ދިއުމަށްޓަކައި އެފަދަ ސިޔާސަތުތަކަށް އަމަލުކުރަންޖެހެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތައް އެމެރިކާ އާއި ބައިވެރިން ހީކުރި ވަރަށް ވުރެ ވަނީ ދިގުލާފަ އެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުންތަކާ ހެދި ހަނގުރާމައިގެ މައިދާނުގައި ރަޝިއާއަށް މާގިނަ ދުވަހު ކެތްނުކުރެވޭނެ ކަމަށް އެ މީހުން ހީކުރި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ހަނގުރާމަ ފަށަން ޖެހުނީ ޔުކްރޭންގެ އަމަލުތައް ހުރި ގޮތުންނެވެ. އެހެން ނަމަވެސް، ރަޝިއާ މިހާރު އޮތީ ޔުކްރޭން ބުނާ އެއްޗެއް އަޑުއަހާ ގޮތަށް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގަނީ ހާއްސަ ޕްރޮގްރާމެއް ކަމަށް ވިދާޅުވެ ލަވްރޯފް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ބައިވެރިން ކިތަންމެ ރުޅިގަދަވި ނަމަވެސް އެޖެންޑާ ފުރިހަމަ ކޮށްފައި ނޫނީ ރަޝިއާ ސިފައިން ޔުކްރޭނުން ނުބާލާނެ އެވެ.