ހައުސިން މިނިސްޓްރީ

ހުއްދަ ނެތި މަގުމަތީ މުދާ ބަހައްޓާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ހުއްދައާ ނުލައި މަގުމަތީގަ އާއި ހުސް ބިންތަކުގައި މުދަލާއި އެހެން ސާމާނު ބަހައްޓާނަމަ އެތަކެތި ނަގާނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނީ، ފަހަކަށް އައިސް އެ މިނިސްޓްރީގެ ހުއްދައާ ނުލައި މަގުމަތީގައި ވިޔަފާރި މުދަލާއި އިމާރާތްކުރަން ބޭނުންކުރާ ސާމާނު ފަދަ ތަކެތި ބަހައްޓާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި މަގުމަތީގައި މުދާ ފަދަ ތަކެތި ބަހައްޓައިގެން ސާފުކޮށް، ލަކުޑި ބަންޑެލި ކަނޑައި ހަދަމުން ގެންދިއުމާއި އެފަދަ ބައެއް ތަކެތި މަގުމަތީގައި ބަހައްޓައިގެން ވިއްކަމުން ގެންދާކަން ވެސް ފާހަގަވެފައިވާ ކަމަށެވެ. ނަމަވެސް އެއީ އެ މިނިސްޓްރީން މަނާކޮށްފައިވާ ކަމަކަށް ވާތީ، މީގެ ފަހުން އެގޮތަށް ހުއްދަ ނުހޯދައި މަގުތަކާއި ހުސް ބިންތަކުގައި މުދާ ބަހައްޓާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ހުއްދަ ނުހޯދައި މަގުތަކާއި ހުސް ބިންތަކުގައި ބަހައްޓާ މުދާ ހައުސިން މިނިސްޓްރީން ނެގުމަށްފަހު ދޫކުރެވޭނީ އެ ތަކެތި ނެގުމަށާއި ބެހެއްޓުމަށް މި މިނިސްޓްރީއިން ކުރި ހަރަދު ދެއްކުމުން ކަމަށް ކަމަށެވެ.

"ހިލާފަށް މަގުމަތީގައާއި ހުސް ބިންތަކުގައި ތަކެތި ބަހައްޓާނަމަ އެ ތަކެތި މި މިނިސްޓްރީ އިން ނަގަމުން ގެންދާނެކަން އެންގީމެވެ. އަދި ގަވާއިދާ ހިލާފަށް މަގުމަތީގައާއި ހުސް ބިންތަކުގައި ތަކެތި ބަހައްޓާ ފަރާތްތަކާމެދު އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގައިވާ ގޮތަށް އަމަލުކުރާނެކަން އަންގައި އިއުލާން ކުރީމެވެ،" އިއުލާނުގައި ބުނެފައިވެ އެވެ.