ސަރުކާރުގެ މައި ހޮސްޕިޓަލް -- އައިޖީއެމްއެޗްގައި އޮންކޮލޮޖީއަށް ހާއްސަ ވޯޑެއް ހެދުމަށް ބޭނުންވާ 3.5 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޭ ފައިސާގެ އެހީގެ އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއި ކުރެއްވީ ބީއެމްއެލްގެ އިންޗާޖު އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން އެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިބްރާހިމް ސަލީމެވެ.
ބީއެމްއެލްގެ އެހީގެ ފައިސާ އަކީ ކުރިއަށް އޮތް ނޮވެމްބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަަގަކުރުމަށް ތައްޔާރުވުމުގެ ގޮތުން ހަރަކާތްތައް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރުގަ އެވެ.
ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގާފައިވާ ބައެއް ހަރަކާތްތައް:
- އޯގަސްޓް 2022: އަައިޖީއެމްއެޗްގައި އޮންކޮލޮޖީ ވޯޑެއް ގާއިމްކުރަން އެހީވުން
- ޖުލައި 2020: ގައުމީ ދާރުލްއާސާރު ތަރައްގީ ކުރުމަށް އެހީވުން
- ޖޫން 2022: ބީއެމްއެލް ފެހި ޕްރޮޖެކްޓް
- މޭ 2022: އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް ކައިންޑްލީ
- އެޕްރީލް 2022: ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީކުރުމަށް އެހީވުން
- މާރިޗު 2022: ސްމޯލް ގްރާންޓްސް
- ފެބުރުވަރީ 2022: ހައުސިންގ ގްރާންޓް
- ޖަނަވަރީ 2022: ބީއެމްއެލް ސްޓާރޓަޕް ގްރާންޓް
- ޑިސެންބަރު 2021: ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
- ނޮވެންބަރު 2021: ބީއެމްއެލް ސްކޮލާޝިޕް ފަންޑު
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބީއެމްއެލް އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ބޭންކުގެ މާލީ އެހީތެރިކަން ލިބިގެން މިދަނީ ސިއްހީ ދާއިރާއަށް މިހާރުވެސް ވަރަށް ބޭނުންތެރި މުހިއްމު ކަމަކަށް ކަމަށެވެ.
"މި ޕްރޮޖެކްޓްގެ އެހީގައި ކެންސަރު ބަލި ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރެވިގެންދާނެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މި ވޯޑުގެ މެދުވެރިކޮށް ރައްކާތެރި އަދި ފެންވަރު ރަނގަޅު އޮންކޮލޮޖީ ހިދުމަތްތަކެއް އެކަމަށް ބޭނުންވެފައި ތިބި ފަރާތްތަކަށް ލިބިގެންދިޔުން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.
އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމް ވިދާޅުވީ ކެންސަރު ބަލީގެ މީހުންނަށް ހާއްސަ ވޯޑެއް ގާއިމްކުރުމަށްޓަކައި ބީއެމްއެލް އިން ދިން އެހީގެ ސަބަބުން ބަލިމީހުންނަށް އެންމެ ފަހުގެ ފެންވަރު ރަނގަޅު ފަރުވާއެއް ދިނުމަށް ހޮސްޕިޓަލުގެ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.
"ކެންސަރު ބަލީގެ ފަރުވާ ބޭނުންވެފައި ތިބި ފަރާތްތަކަށް ފަސޭހަކަމާ އެކު ލިބޭނެ ގޮތް ހޯދައިދިނުމަކީ އައިޖީއެމްއެޗްގެ މުހިއްމު ލަނޑުދަނޑިއެއް،" ސަލީމު ވިދާޅުވި އެވެ.