ދުނިޔެ

އީރާގުގެ ޝީއީ ލީޑަަރު ސަދްރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފައްޓަވައިފި

އިރާގުގައި ސަރުކާރެއް އެކުލަވާލެއްވުމަށް ކުރެއްވިހާ މަސައްކަތެއް ކޮޅެއްގައި ނުޖެހި ސިޔާސީ ކުރިމަގަށް އޮތް ބަނަކަން އިހުސާސްވެ ވަޑައިގެން މުގްތަދާ އައްސަދްރު ވަނީ ސިޔާސީ ހަރަކާތްތައް މުޅިން ދޫކޮށްލަފައި އޭނާގެ ނަން ވެސް ސިޔާސީ ހަރަކާތްތަކުން ނަންގަވާފަ އެވެ.

ސަދްރުގެ ކުއްލި ނިންމެވުމާ ގުޅިގެން އީރާގުގައި އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އަމަން ބަލަހައްޓާ ފައުޖުތަކަށް ހަމާދީ ގްރީން ޒޯން ފޫވައްޓާލުމަށް ފަހު ވަނީ ރިޔާސީ ގަނޑުވަރަށް ވަދެގެންފަ އެވެ.

ސިފައިންނާއި އާންމުންނާ ދެމެދު ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޚަބަރުތައް ބުނާ ގޮތުން 15 މީހަކު މަރުވެ 150 އަށް ވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފަ އެވެ.

ސަދުރު އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާއަށް ތާއީދުކުރާ މީހުންނާއި އީރާނަށް ތާއިދުކުރާ ޝީއީ ކޯޑިނޭޝަން ފްރޭމްވޯކްގެ ވާދަވެރިންގެ މެދުގައި ވަނީ ހަތިޔާރުން ހަމަލާ ބަދަލުކޮށްފަ އެވެ.

ސަދްރުގެ ވިސްނުމަށް ގެންނެވި މިބަދަލާ އެކު އޭނާގެ ވަފާތެރިންނަށާއި ސަދްރާ ގުޅުންހުރި އޮފީސް ބިނާތަކަށް ވެސް ވަނީ ހަމަލާދީފަ އެވެ.

އީރާގީ ނިއުސް އޭޖެންސީން ބުނާ ގޮތުން އީރާގުގައި ހަމަލާތައް ހުއްޓުވުމަށް ސަރުކާރުން އެކަށިގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ވިދާޅުވެ ސަދްރު ވަނީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފައްޓަވާ އެވެ.

ސަދްރާ ހަވާލާދީ އީރާގި ނިއުސް އޭޖެންސީ ބުނާ ގޮތުން ސަދްރުގެ މި އަމަލަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ފެއްޓެވި ކަމެކެވެ.

އީރާގުގެ އިދާރާތަކުން މިހާރު ވަނީ ރިޔާސީ ގަނޑުވަރުން އާންމުން ބޭރުކޮށް ގްރީން ޒޯންގެ ކޮންޓްރޯލް ހޯދާފަ އެވެ. އަދި މުހިންމު މަގުތަކަށް ސިފައިން ނެރެ ސަރުކާރުގެ މުއައްސަސާތައް ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އަމަން ގާއިމުކުރެވެންދެން މުޅި އީރާގުގައި ކާފިއު ހިންގައި އާންމުން ބޭރަށް ނުކުތުން ވެސް ވަނީ މަނާކޮށްފަ އެވެ. ގައުމު ހަމައަކަށް އެޅެންދެން މި ހާލަތު އޮންނާނެ ކަމަށް ސިފައިން ބުނެ އެވެ.

އީރާގުގެ ސިޔާސީ ޕާޓިތަކުގެ މެދުގައި ސިޔާސީ އެއްބާރުލުމެއް ގާއިމުކުރުމަށް އޮކްޓޯބަރު 10، 2021 އިން ފެށިގެން ކުރަމުން ގެންދިއަ މަސައްކަތްތަކަށް އެއްވެސް ކުރިއެރުމެއް ވަނީ ނުލިބިފަ އެވެ.

ޕާޓީތައް ގުޅިގެން ސަރުކާރެއް ގާއިމުކުރަން ކުރި އެއްވެސް މަސައްކަތަކުން ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.