ފައުޒިއްޔާ ހަސަން

ފިލްމީ ތަރި ފައުޒިއްޔާ ނިޔާވެއްޖެ

ރާއްޖޭގެ ތަޖުރިބާކާރު ފިލްމީ ތަރި ފައުޒިއްޔާ ހަސަން (އުސްހަކުރު ފައުޒިއްޔާ) ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ފައުޒިއްޔާ ނިޔާވީ މިއަދު ހެނދުނު ސްރީލަންކާގައި އޭނާ ދިރިއުޅޭ ގޭގައި ހުއްޓާ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ލަންކާ ހޮސްޕިޓަލަށް ފަރުވާ ދިނުމަށް ގެންދިޔަ ނަމަވެސް އޭރު ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފައުޒިއްޔާގެ ހަޔާތުގައި އޭނާއަށް ކުރިމަތިވި އެންމެ ބޮޑު އެއް ހާދިސާ އަކީ ޕާކިސްތާނަށް ޖާސޫސް ކޮށްދިން ކަމަށް ތުހުމަތުކޮށް އިންޑިއާގައި ހައްޔަރުކޮށް އެތައް އަހަރަކު ޖަލުގައި ގެންގުޅުމެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ ކިޔާ ދިވެއްސަކު އިންޑިއާގެ ޖަލެއްގައި ހައްޔަރުކުރީ ނޮވެމްބަރު 13، 1994 ގައެވެ. އެ ދެ މީހުން ދޫކޮށްލީ ތިން އަހަރާއި ތިން މަސް ދުވަހު ޖަލުގައި ގެންގުޅުމަށްފަހު އެވެ. ފަހުން އެ މީހުންގެ ކުށެއް ނެތް ކަން ވަނީ ސާބިތުވެފަ އެވެ.

ފައުޒިއްޔާ ފިލްމީ ދާއިރާ އަށް ނިކުތީ މީގެ 37 އަހަރު ކުރިން "ސީދާ" ކިޔާ ފިލްމަކުން މަންމަ އެއްގެ ރޯލުންނެވެ. ފިލްމީ ދާއިރާގައި އެންމެ ގިނައިން އޭނާ ކުޅެފައިވަނީ ވެސް މަންމަގެ ރޯލެވެ. އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައުޒިއްޔާ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ އަދި ރިލީޒްކޮށްފައި ނުވާ މުހައްމަދު ނިޔާޒު (ޓެޑްރީ)ގެ "ލަސްވިޔަސް" އެވެ.

ފައުޒިއްޔާގެ ކަށުނަމާދާއި ޖަނާޒާ ކުރިއަށް ގެންދަން ނިންމާފައިވާ ގޮތެއް އަދި އެނގިފައެއް ނުވެ އެވެ.

ފައުޒިއްޔާގެ ކުއްލި މަރާ ގުޅިގެން ފިލްމީ ދާއިރާގެ މީހުންނާއި އޭނާއަށް ތާއީދު ކުރާ މީހުން ގެންދަނީ ފައުޒިއްޔާގެ އާއިލާއަށް ތައުޒިޔާ ކިޔަމުންނެވެ.