ވާހަކަ

އިޙްސާސްވޭ

( 28 އޯގަސްޓް 2022 އާ ގުޅޭ )

"ހެލޯ..." ފުރަތަމަ ރިންގުން އައިރިކް ފޯނުކޯލަށް ޖަވާބު ދިނެވެ. ހީވީ މާޔަލްގެ އިންތިޒާރުގައި އޭނާ ހުރީ ހެންނެވެ. އައިރިކްގެ އަޑު ޖެހުމުން މާޔަލް ފަސްޖެހުނެވެ. އެހިނދު މާޔާއޭ އައިރިކް ގޮވާލިއެވެ.

"މީޓުވެދާނެތަ." މާޔަލް ބުނެލިއެވެ.

ކާރުގެ ފުރާޅާއި ވިންޑްސްކްރީނުގައި ވާރޭގެ ތިކިތައް އައިސް ޖެހޭއިރު ކުދި އޮއްގަލުން ތަޅަމުން ދާ ފަދައެވެ. ފަހަތު ސީޓުގައި އައިރިކް އިނީ ދޮރުފަތުގެ ބިއްލޫރިގަނޑާ ދިމާއަށް އެނބުރިއެވެ. މި ތޫފާނީ ރޭ އޭނާއަށް ހަނދާންކޮށްދެއްމުން ދިޔައީ ހަޔާތުގައި އައި އެންމެ ބިރުވެރި ނުރައްކާތެރި ރޭގެ މަތިންނެވެ. އެރޭ ވެސް އޭނާ ގެއިން ނުކުމެ ކާރަށް އެރީ އެ އަންހެންކުއްޖާއާ ބައްދަލު ކުރުމަށެވެ. އެރޭ ދެ މީހުން ބައްދަލުވީ އުންމީދުކުރި ފަދައިންނެއް ނޫނެވެ.

"އެކްސިޑެންޓް ނުވިނަމަ މާޔާ އިނީހީ އަހަރެންގެ އަނތްބެއްގެ ގޮތުގައި." އައިރިކްގެ ހިތް ބުންޏެވެ. އެއީ އޭނާ ގަސްދުކުރި ގޮތެވެ. ޒުވާން ދެ ހިތް އެކުގައިވުމަށް ރޭވި ނަމަވެސް ތަޤްދީރު އެމީހުންނާ ދެ ކޮޅަށް ރާވަމުން ދިޔަކަމެއް އެކަކު ވެސް ނުދެނަހުއްޓެވެ. އައިރިކް ދެ ލޯ މަރާލިއެވެ. ޚިޔާލުތަކުން މޭގައިވި ރިހުން އިތުރުވަނީއެވެ. ލިބިފައި ވެސް އޭނާގެ އަތުން އެ ލޯބި ބީވެގެން އެ ދިޔައީ ނުހަނު ހިތްދަތި ގޮތަކަށެވެ.

މާލެއިން ހުޅުމާލެއަށް ކާރު ދަތުރު ކުރިއެވެ. އައިރިކް ދީފައިވާ އިރުޝާދާއެކީ އޭނާ އެދުނު މަންޒިލަށް ޑްރައިވަރު މަޑުކުރިއެވެ. ގޭގެ ކުޑަ ސާހިބު ގޮވައިގެން ދަތުރު ކުރަން އިސާކު ހަމަޖެއްސި ޑްރައިވަރަކީ ހަބީބެވެ. ފަހަތު ސީޓުގައި އިން އައިރިކްއަށް ހަބީބު ގޮވާލީ އިޙްތިރާމާއެކުއެވެ. އެހިނދު އާދެވުނީތޯ އައިރިކް އަހާލިއެވެ. ހަބީބު ލައްބައޭ ބުނުމުން އައިރިކް ފޯނު ނެގިއެވެ. މާޔަލްއަށް އޭނާ ގުޅިއެވެ. އޭނާ ގެއިން ނުކުތް އިރު ވެސް ރޭގަނޑު ދިހައެއް ޖަހައިފިއެވެ. މާޔޫސްކަމުގައި ފިކުރު ކުރާން އިންދާ ކުއްލިއަކަށް މާޔަލް ގުޅާފައި ބައްދަލުކުރާން އެދުމުން އައިރިކްއަށް ލިބުނީ ސިހުމެކެވެ. އެއާއެއްވަރުގެ އުފާވެރިކަމެއް ވެސް ހިތަށް ލިބިގެންދިޔައެވެ. އެފަދައިން މާޔަލް ގުޅާފައި އެދޭނެއެކޭ އައިރިކް ހިތަކަށް ނާރައެވެ. ގަޑިއާއި މޫސުމަށް ބެލުމެއްނެތި އޭނާ ވަގުތުން އެ އައީ މާޔަލްއަށް ޓަކައެވެ. މާޔަލްގެ ގޮވާލުމަށް އިޖާބަދޭން އޭނާގެ ހިތް ތެޅިފޮޅިގަންނަނީ އަމިއްލަ އިޚްތިޔާރެއް ނެތް ފަދައަކުންނެވެ.

ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަމުން މާޔަލް ނިކަން ހަލުވިކޮށް ކާރަށް އަރައި ދޮރުފަތް ލައްޕާލިއެވެ. އައިރިކް ވެސް އިނީ ފަހަތު ސީޓުގައިކަން އޭނާއަށް އެނގުނީ ދެނެވެ. ހިތްއަވަސްވީ ހިނދު މާޔަލް ހިންދިރުވާލީ ތަންކޮޅެއް ބޮޑަށެވެ. ޖެހިލުންވުމުގެ އަސަރުތައް އެކުލެވޭ ޖަޒުބާތުތަކުން މިންޖުވާން ގަސްދުކުރީއެވެ. ނަފްސުގެ ހަމަޖެހުން ހޯދުމަށް ފުންނޭވާއެއް ދޫކޮށްލިއެވެ.

"މިހާރު ކިހިނެއް؟. ތެމުނުތަ؟." އައިރިކް އަހާލިއެވެ.

"ރަނގަޅު." މާޔަލް ބުންޏެވެ.

"މާދަމާ އަންނާނަންތަ؟. މިއަދު މާޔާ ނައީމަ ހީވީ އަލުން އަހަރެންގެ ހަޔާތަށް ފަޅުކަމާއި ވީރާނާކަމުގެ ހިޔަނި އެޅުނީހެން. ބަލިވީކަން އެނގުނީމަ އަދި ވަކިން ހާސްވި. ހާލު ބަލާލަން ކައިރިއަށް އަންނަ ހިތުން ހުރީ. އެކަމަކު އަހަރެންގެ އެއްވެސް ކޯލެއް މާޔާ ނުނެގި. ގަސްދުގަތަ؟. އަހަންނާ ވާހަކަދައްކަން ބޭނުންނުވާތީ ދޯ." އައިރިކް ވާހަކަދެއްކިއެވެ.

މާޔަލްއަށް ބަލާލެވުނީ ކުރީ ސީޓުގައި އިން ޑްރައިވަރު ހަބީބަށެވެ. އެއީ ބިދޭސީއަކަށް ވިޔަސް އޭނާ ދިވެހިން ވާހަކަދައްކާ އަޑު މާޔަލްއަށް ހުރީ އިވިފައެވެ. ހަބީބު ހަރަކާތެއްކޮށްނުލާ ކުރިޔަށް ބަލަހައްޓައިގެން އިނެވެ. އެހެންވިޔަސް އޭނާއަށް ކާރުތެރޭ ދައްކާ ވާހަކަ އިވޭނެކަން މާޔަލްއަށް އެނގެއެވެ. އައިރިކްގެ ފަރާތުން އެކަމަށް ސަމާލުކަމެއް ނުދިނަސް މާޔަލްއަށް ވާހަކަދައްކަން އުނދަގޫވިއެވެ. އޭނާ އައިރިކްއަށް ގުޅީ ކޮންބޭނުމަކު ކަމެއް ޔަގީނެއް ނުވިއެވެ. ކުޑަ ވަގުތުކޮޅަކަށް ވިޔަސް އެ ސޫރަ ދުށުމަށް ހެއްޔެވެ. މާޔަލްއަކަށް ބުނާކަށް ނޭނގުނެވެ. އެކަމަކު އޭނާ މިހުރިހާ އިރު ޚިޔާލުކުރަމުން އައީ އައިރިކްއާ މެދުއެވެ. ވިސްނަމުން އައީ ދެމެދުގައި ދައްކާނޭ ވާހަކައަކާ މެދުއެވެ.

"މާޔާ... ކީއްވެ ވާހަކަ ނުދައްކަނީ." އައިރިކް އަހާލިއެވެ.

"ރިކް." މާޔަލް މަޑުމަޑުން ކިޔާލިއެވެ.

"އަޑު އަހަން މި އިނީ." އައިރިކްއަށް މާޔަލް ޖެހިލުންވުން އިޙްސާސް ކުރެވުނީ ކަހަލައެވެ. އޭނާ މާޔަލްއާ ގާތަށް ޖެހިލިއެވެ.

"މީ ރަނގަޅު ގޮތެއްނޫން. ސޮރީ ރިކް... އަހަރެން ދަނީ." މާޔަލް ކުއްލިއަކަށް އެނބުރި ދާން ގަސްދުކުރިއެވެ. އޭނާއަށް މި ނިންމުނީ ރަނގަޅު ނިންމުމެއްނޫނޭ ހީކުރެވުނެވެ. އަމިއްލައަށް އިސްވެ އައިރިކްއަށް ގުޅުމުގެ އިތުރުން ބައްދަލުވާން އެދުނީ ވެސް ޚުދު މާޔަލްއެވެ. އެއީ އޭނާ ކޮށްގެންވާނޭ ކަމެއްނޫންކަން ވިސްނުނީ އަދިކިރިޔާ ކަހަލައެވެ. ނަމަވެސް އޭނާގެ އަތުގައި އައިރިކް ހިފައިފިއެވެ. ހަބީބު ގާތު ކާރު ދުއްވާލުމަށް އައިރިކް އެދުނެވެ. އެ ބުނުމަށް ހަބީބު ޢަމަލުކުރިއެވެ.

"ކޮންތާކަށްތޯ ދާންވީ." ހަބީބު އަހާލިއެވެ.

"ގެއަށް." އައިރިކް ބުންޏެވެ.

"ރިކް..." މާޔަލް ގޮވާލިއެވެ.

"ގެއަށް ގޮސް ވާހަކަދައްކާނީ." އައިރިކް ބުންޏެވެ.

"ނޫން. ރިކް!... މާދަމާ ދާނަން. މާދަމާ މީޓުވާނެއެއްނު. މިރޭ... މިރޭ އަހަރެން ދޫކޮށްލާ. ޕްލީޒް. ސޮރީ... ސޮރީ އަންނާށޭ ބުނެވުނީމަ." މާޔަލް ސިއްރުން ވާހަކަދެއްކިއެވެ. ހަބީބުއަށް އޭނާ ދައްކާ ވާހަކަ އިވިދާނެތީ ކަހަލައެވެ. އައިރިކްގެ ކަޅު އައިނުގެ ތެރެއިން އޭނާގެ ދެ ލޮލެއް ނުފެނެއެވެ. އެހެންނަމަވެސް އޭނާ ބަލަން އިނީ މާޔަލްގެ މޫނަށް ކަހަލައެވެ. އެހެން އިނދެ ހަބީބަށް ގޮވާލާފައި ކާރު މަޑުކުރުމަށް އައިރިކް ބުނެލިއެވެ.

"މާދަން އަންނާނަންތަ؟." އައިރިކް އެހީ މާޔަލްގެ ގާތުންނެވެ.

"އާން. އެހެންޏާ ވެސް ހެނދުނު ދާގަޑިއަށް ދާނަން." މާޔަލް އަވަސްއަވަހަށް ބުންޏެވެ. އައިރިކްއާއެކު އޭނާގެ ގެއަށް މިވަގުތު ދިއުމަށްވުރެ އެ އެއްބަސްވުން މާޔަލްއަށް ރަނގަޅުވިއެވެ. އައިރިކްއާއެކު އެ ގެއަށް ގޮސް ދެ މީހުން އެކަނިވާން ވެއްޖެނަމަ މިރޭ ރަނގަޅެއްނުވާނެއެވެ. މާޔަލްގެ ޟަމީރު ސަމާލުވާން ގޮވަމުންދާއިރު ވެސް އޭނާއަށް އައިރިކް ނުހުއްޓުވޭނެކަން އެނގެނީއެވެ.

"އަހަރެން އައީ މާޔާއަށް ޓަކައި. މާޔާ ގުޅީމަ. އަދިވެސް އަހަރެން އަންނާނަން. މާޔާ ދެކެ ލޯބިވެޔޭ ބުނީ ސަމާސާއަކަށް ނޫން." އޭރު ވެސް މާޔަލްގެ އަތުން އައިރިކް ދުލެއް ނުކުރެއެވެ.

"އެނގޭ. އެހެންވިޔަސް މިވަގުތު... މިވަގުތު ރިކްއަށް ދޭންވީ ކޮންޖަވާބެއް ކަމެއް ނޭނގޭ." މާޔަލްގެ ވާހަކަ ހުއްޓާލީ އޭނާގެ ލޮލުގައި ކާރުގެ އެތެރޭގައި ހަރުކޮށްފައިވާ ލޯގަނޑުކޮޅުން ހަބީބު އެ މީހުންނަށް ބަލަން އިންކަން ފެނިފައެވެ. މާދަމާއޭ މާޔަލް ނިކަން އަވަހަށް ބުންޏެވެ. އަދި ދެ މީހުން އެކަނި ތިބެ ވާހަކަދައްކަން ބޭނުންވާކަން މާޔަލް ބުންޏެވެ. އައިރިކް އިތުރަށް ބަހެއް ނުކިޔެވެ. ހަބީބު ކައިރީ އެމީހުން ނައްޓާލި އިމާރާތުގެ ކައިރިޔަށް އަލުން ދިއުމަށެވެ.

* * * * *

ފާޚާނާތަށްޓައް ގުދުވެ އޮވެ ހޮޑުލަމުން ދިޔަ ރީނާއަށް ހިންދެމިލެވުނީ ގޮހޮރު ހުސްވުމުންނެވެ. އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ނިތްކުރީގައި އޭނާ މަޑުމަޑުން ފިރުމާލިއެވެ. ފާޚާނާތަށި ސާފުކޮށްފައި އޭނާ އައިސް ހުއްޓިލީ މޫނުދޮންނަތަށި ކައިރީއެވެ. ދޫކޮށްލި އިސްކުރުން ފޭބި ފެނުން އަނގަ ދޮންނަން ފެށިއެވެ. އެއަށްފަހު ފެންގޮށްޓަކުން މޫނު ތެތްމާލިއެވެ. އިރުކޮޅަކު އެގޮތުގައި އޭނާ މަޑުކޮށްލިއެވެ. އެތެރެ ހަށީގައި އުފެދިފައިވާ ގަޑުބަޑު ހަމަޖެހެންދެނެވެ. އޭނާއަށް ރަނގަޅަށް ނުނިދޭތާ ދުވަސްތަކެއް ވެއްޖެއެވެ. ކޮންމެ ރެއަކު އެއްގަޑިއެއްގައި ހޭލެވެނީ ހުވަފެނެއް ފެނިގެންނެވެ. ހަމަ ކޮންމެ ރެއަކުވެސް ވެސް ފެންނަނީ އެއް ހުވަފެނެކެވެ. ވަނީ އެއް އުނދަގުލެކެވެ. ހޮޑުނުލެވެނީސް މީހާއަށް ލުޔެއް ނުލިބެއެވެ. އަނެއްބައި ފަހަރު ބަނޑު ފުފިފައި ހުންނަކަން ފާހަގަވެއެވެ. އަދި ބައެއް ވަގުތުތަކުގައި އޭނާގެ މެއިން ހޫނު އަރައަރާ ހުރެއެވެ. އެންމެ ފަހުން މިރޭ ހޮޑުލެވުނުއިރު ލޭގެ އަސަރު ހުއްޓާ ފެނިއްޖެއެވެ.

"ޑަކްޓަރަކަށް ދައްކަންވީ ކަންނޭނގެ." އަމިއްލަ ހިތާ ރީނާ ވާހަކަދެއްކިއެވެ. ކުރީން އޭނާއަށް މިބަދަލުތައް އަންނަން ފެށިތަނާ އެކަން ބޮޑުކަމެއްކަމުގައި ފާހަގައެއް ނުވެއެވެ. އޭނާ ހާސްވީ ލޭ ފެނުނީމައެވެ. ބޮޑުކަމެއްނުވާނަމަ ހޮޑުގައި ލެޔެއް ނުހުންނާނެއޭ ރީނާގެ ޟަމީރު ވެސް ޤަބޫލުކުރެއެވެ.

ރީނާގެ ކިޔެވުމަށް އޭނާއަށް ވަމުން އަންނަ އުނދަގޫ ތަކުގެ ސަބަބުން އަސަރު ކުރެއެވެ. ހަށިގަނޑުގެ ބޭރުފުށުން ބައްޔެއްގެ އަސަރު ނުފެނުނަސް އޭނާ ވަރަށް ބޮޑަށް ވަރުދެރަވަނީއެވެ. ކޯހުގައި ބައިވެރިވެ ރަނގަޅު ނަތީޖާތަކެއް ރީނާ އައީ ނެރެމުންނެވެ. ނަމަވެސް މިހާރު އޭނާއަށް ކިޔެވުމަށް ސަމާލުކަމެއް ނުދެވެއެވެ. ނިންމަންޖެހޭ މަސައްކަތްތައް ކަނޑައެޅިފައި އޮންނަ ތާރީޚު ފަހަނައަޅައި ދާއިރު ވެސް ނުއެއް ނިންމެއެވެ. ދިމާވަނީ ކޮންކަހަލަ ހުރަސްތަކެއްކަމެއް ވެސް ދެނެގަންނަން އެނގެނީއެއް ނޫނެވެ. އިމްތިހާނު އައިސް ޖެހުނުއިރު އެއް މާއްދާގައި އޭނާއަށް ބައިވެރި ވެސް ނުވެވުނެވެ. ދެން ހުރި މާއްދާތަކުގެ އިމްތިހާނު ކަރުދާސް ހެދުނީ ކިހިނެއްކަމެއް ވެސް ނޭނގެއެވެ. ނަތީޖާ ހީނުކުރާ ވަރަށް ދައްވީތީ އެކަކު ކައިރީ ވެސް ބުނާކަށް ރީނާއަކަށް ނުކެރުނެވެ. މަންމަގެ ޒީލަގަދަކަން ރީނާއަށް އެނގެއެވެ. އޭނާ ކޯހުން ފެއިލްވެއްޖެނަމަ މަންމަ ރުޅި އަންނާނޭވަރު ވެސް އެނގެއެވެ.

ފާޚާނާއިން ނުކުމެ ރީނާ އައިސް އެނދަށް އެރިއެވެ. އޭނާ ވިސްނަންފެށިއެވެ. ކޯސް މެދުކަނޑާލުމަށެވެ. ބަދަލުގައި ވަޒީފާއެއް ހޯދުމަށެވެ. އަމިއްލައަށް ފައިސާ ލިބެންފެށީމާ އަލުން ކިޔެވުން ކުރިޔަށް ގެންދާން ރީނާ ބޭނުންވަނީއެވެ. އެހެންމީހުންގެ ޚަރަދުގައި ދިރިއުޅުން ވޭތިކުރާން އޭނާ މިހާރު ބޭނުމެއްނޫނެވެ. މަންމަ ގޮވާހާ އެއްޗިއްސާއި ލަވާ ހަޅޭ އަޑުއިވޭތީއެވެ. އުމުރުން ހަގު ނަމަވެސް އޭނާގެ ވިސްނުން ވެސް ހުރީ އެގެއާ ދުރަށް، މަންމައާ ދުރުގައި ދިރިއުޅޭށެވެ.

ލިޔުޝާ ކޮޓަރިން ނުކުމެގެން އައިއިރު ބަދިގޭގައި ރީނާ އިންތަން ފެނުނެވެ. ރީނާއަކީ އެއްވެސް އިރެއްގައި މާގިނަ ވާހަކަތަކެއް ލިޔުޝާއާ ދައްކާ ކުއްޖެއްނޫނެވެ. ރީނާއަށް ލިޔުޝާ ގޮވާލިއެވެ. ކަމެއް ބޭނުންވީތޯ އޭނާ އަހާލިއެވެ. ހެނދުނު ސައި ތައްޔާރުވުމުގެ ކުރީން ރީނާ ބަދިގެއަކުން އެހެންޏާ ނުފެންނާނެ ވިއްޔާއެވެ.

"ބަނޑުހައިވެގެން." ރީނާ ބުންޏެވެ.

"މައިލޯ ތަށްޓެއް ހަދައިދެންތަ؟. ލަމްކޮއަށް ވެސް ކިރުތަށްޓެއް ހަދަން މިއައީ." ލިޔުޝާ ބުންޏެވެ. ރީނާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީއެވެ. އެއާއެކު ލިޔުޝާ އެދުނީ ސިޓިންރޫމު ސޯފާގައި ރީނާ މަޑުކޮށްލުމަށެވެ. ތަށިތައް ތައްޔާރުކޮށްގެން އޭނާ ކޮޓަރިއަށް އަންނަމުން ގެނެސްދޭނަން ކަމެވެ. އެގޮތް ވެސް ރީނާއަށް އެންމެ ރަނގަޅެވެ. މަންމައަށްވުރެ ދޮންބެދައްތަ ވެސް މާ ހެވޭ ރީނާ އަބަދުވެސް ހިތައް އަރައެވެ. ގޭގެ އެންމެންގެ ހާލު ލިޔުޝާ ބަލާ ވިއްޔާއެވެ.

* * * * *

"ސަޔަށް ނުދަންތަ؟."

ފޯނަށް ގެއްލިފައި އިނދެފައި އިވާން ބަލާލީ އެ އަޑަށެވެ. މޭޒުކައިރީ މަޑުކޮށްލީ މިޒްނާއެވެ. ފަރުވާކުޑަ ގޮތަކަށް އިވާން ހޫން ލައްވާލިއެވެ. އޭނާގެ އެ ފަރުވާކުޑަ އިޝާރާތުން އެތަނުގައި ހުންނާކަށް މިޒްނާއަށް ނުކެރުނެވެ.

"ކީއްކުރަންތަ އިވާން ކައިރިޔަށް ދަނީ." މިޒްނާއާއި އިވާންއަށް ބަލަން ހުރި ސައުދިއްޔާ ބުންޏެވެ.

"އެއްތަނެއްގައި އުޅޭއިރު ވާހަކަނުދައްކާ އުޅެވޭތަ." މިޒްނާ ބުންޏެވެ.

"މިޒޫގެ ހިތް އަހަންނަށް ނޭނގޭތީތަ ތިހެން ތިބުނީ. ތޯހާ ބުނި އިވާން މެރީކުރަންށޯ އުޅެނީ." ސައުދިއްޔާ ނުބުނަން ހުރެފައި ބުންޏެވެ. އެ ޚަބަރުން އެކުވެރިޔާއަށް ކުރާނޭ އަސަރު ސައުދިއްޔާއަށް ރަނގަޅަށް އެނގެއެވެ.

"އެއްކަލަ އަންހެންކުއްޖާއާތަ؟." މިޒްނާއަށް އަހާލެވުނެވެ.

"ހީވަނީ... ފޫހި މީހާ ގަނޑެއް. ބަނޑަށް ހުރިއްޔާ ހައްތަހާ ރުޅިގަދަވާނީ. ހިނގާ ސައިބޮއެގެން އަންނަން." މިޒްނާގެ އަތުގައި ހިފައި ސައުދިއްޔާ ދަމާލިއެވެ.

"ސައު ކީއްވެ އިވާންދެކެ ރުޅި އަންނަނީ." ކުޑަކޮށް ހިނިތުންވެލަމުން މިޒްނާ އަހާލިއެވެ.

"އޭނާ މިޒޫއާ މެދު ކަންތައްކުރި ގޮތުން." ސައުދިއްޔާ ވަގުތުން ބުންޏެވެ.

"އެ ދުވަސްތައް ވެސް އެ ދިޔައީ. މިހާރު ހަނދާންކުރާކަށް ބޭނުމެއްނޫން." މިޒްނާ މިހެން ބުނިއިރު އޭނާގެ ހިތުގައިވީ ރިހުމެއް އެކަކަށް ވެސް ނޭނގެއެވެ. އެ މޫނުން އެފަދަ އަސަރުތައް ފަރުދާކުރާން އޭނާއަށް މިހާރު ވަނީ ދަސްވެފައެވެ.

"އަހަރެން ވެސް އެދެނީ ތިގޮތް. މިޒޫ އެދުވަސްތައް މަތިން ހަނދާންނައްތާލުން. އެކަމަކު އެހެން އެކަންވާހެން ހިޔެއްނުވޭ. އޭގެ ފަހުން މިޒޫ ފިރިހެންކުއްޖަކާ ގާތްކަމެއް ނުބާއްވާ. ކުއްޖަކާ ރައްޓެހިނުވާންވީ ކީއްވެ. މިޒޫއަށް ނުލާހިކު ރަނގަޅު ހުށަހެޅުން އާދޭ. ކީއްވެ އެއިން ފުރުޞަތެއްގައި ނުހިފާން ތިހުންނަނީ. ކައިވެންޏަކީ ވެސް ވަކި އުމުރަކަށް އޮންނަ ކަމެއް. އުމުރު ކެޓީމަ ދެން ވަރަށް އުނދަގޫވާނެ. އަދިވެސް އިވާން ލިބޭތޯތަ ތިހުންނަނީ. އޭނާ އެހާ ކަޑަކޮށް ކަންތައް ކުރީމާވެސްތަ؟. އޭނާއަށް މިޒޫ މުހިންމެއްނޫން އެއްވެސް އިރަކު. ސީރިއަސްކޮށް ކޮންމެކަމެއް ނެގީ މިޒޫ." ސައުދިއްޔާއަށް ބުނެވުނެވެ.

"ސައު، އެ ވާހަކަ ނުދައްކާ." މިޒްނާ އާދޭހުގެ ބެލުމަކާއެކު ސައުދިއްޔާގެ ކޮނޑުގައި އަތްޖައްސާލިއެވެ.

އިވާންގެ ނަޒަރު އެ ބައިން ނުކުންނަން ދިޔަ ދެ އަންހެން ކުދީންނަށް ހުއްޓިފައި ވިއެވެ. މިޒްނާ ލޯބިވާކަން އެއީ އިވާންއަށް ނޭނގޭ ކަމެއް ނޫނެވެ. އޭނާ މިޒްނާގެ ކިބައިން ފައިދާނެގީކަން ޚުދު އިވާނަށް އެނގެއެވެ. މިޒްނާ އެދޭފަދަ މީހަކަށް އޭނާއަކަށް ނުވެވޭނެއެވެ. އޭނާ ހާޞިލް ކުރާން ބޭނުންވާ އަމާޒު ތަފާތެވެ. ހިތްވަނީ މާކުރީން އެހެން އަންހެންކުއްޖަކަށް ދެވިފައެވެ. ހަޔާތަށް ގެންނަން ބޭނުންވަނީ ހަމައެކަނި އެ އަންހެންކުއްޖާއެވެ. (ނުނިމޭ)