މާލޭގެ މަސް މާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނާ ތަނެއް ބަންދުކޮށްފި އެވެ.
މަސް މާރުކޭޓަކީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ތަނެކެވެ. އެކަމަކު އެތަނުގެ އެކި ބައިތައް ވަނީ އަމިއްލަ ފަރާތްތަކަށް އެކި ބޭނުންތަކަށް ކުއްޔަށް ދީފަ އެވެ.
މަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔައީ އެއްވެސް ބަޔަކަށް ކުއްޔަށް ނުދީ ހުސްކޮށް ހުރި ތަނެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
![](https://images-01.avas.mv/post/big_jw1DdBmIYz9op98g7BAHb2ywH.jpg)
މާލެ ސިޓީ ކައުންސިލުން މިއަދު މަސް މާރުކޭޓްގެ ވަކި ތަނެއް ބަންދުކުރީ އެކި ބޭނުންތަކަށް މާރުކޭޓުގެ ތަންތަންކޮޅު ކުއްޔަށް ނަގައިގެން އުޅޭ މީހުންނަށް އެތަނުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އުދަނގޫ ބޮޑުވެ، ޝަކުވާ ލިބެމުން ދިއުމާ ގުޅިގެންނެވެ.
މަސް މާރުކޭޓް މަތީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ބުނާ ތަން ބަންދުކުރީ ޕޮލިސް ކޮންސްޓިބިއުލަރީ އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މާލޭގެ ކައުންސިލަރުން އެތަނަށް ދިއުމަށްފަހު އެވެ.
މަސް މާރުކޭޓުގައި މަސްތުވާތަކެތި ބޭނުންކުރަމުން ދިޔަ މީހުން އެތަނުގައި ކައިބޮއި ނިދާ ކަމަށްވެސް އަވަސް އަށް މައުލޫމާތު ދިން ބައެއް މީހުން ބުނެފައިވެ އެވެ.