އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ދައުރު ކުރުވުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ފްރީޒްކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓާލައިފި އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު ނިޝާން މުހައްމަދު ދީދީ ވިދާޅުވި އެސްއޯއެފްގެ އެކައުންޓް ފްރީޒް ނުކުރަން ނިންމީ އެ އެކައުންޓް ފްރީޒް ކުރަންޖެހޭ ހާލަތެއް މިވަގުތު ނެތުމުން ކަމަށެވެ. އެކަމާ ގުޅޭގޮތުން ނިޝާން އިތުރަށް ވާހަކައެއް ނުދައްކަވަ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި އެސްއޯއެފްގެ އެކައުންޓް ފްރީޒް ނުކުރަން އޭސީސީން ނިންމީ މިވަގުތު އެ އެކައުންޓުގައި ފައިސާ ނެތުމުންނެވެ.
އެސްއޯއެފްގެ އެކައުންޓް ދޫކޮށްލީ ސިވިލް ކޯޓުން ބެންކް އޮފް މޯލްޑިވްސްގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ. އޭސީސީން ބުނި ގޮތުގައި އެސްއޯއެފްގެ އެކައުންޓް ދޫކޮށްލި ވަކި ދުވަހެއް އެ ކޮމިޝަނަކަށް ނޭނގެ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން އޮޑިޓާ ޖެނަރަލް އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެމްއެމްޕީއާރްސީ ތެރެއިން އެސްއޯއެފް އަށް ލިބުނު ފައިސާ ތެރެއިން ދައުލަތަށް ހޯދަން ޖެހޭ 70.17 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ.
އެސްއޯއެފްގެ އެކައުންޓް މެދުވެރިކޮށް ބޭރުފައިސާ ގަނެވިއްކުމުގެ މުއާމަލާތުގެ ނަމުގައި އެތައް ބަޔަކަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ބަހާފައިވާ ކަމަށް ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކުން އެކުލަވާލާފައިވާ ތަހުގީގު ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.