އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅޭ 53 މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި 14 މައްސަލައެއް މީގެ ކުރިން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 53 މައްސަލައެއްގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި 14 މައްސަލައެއްގައި ދައުވާ ކުރުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތައް ގެއްލުނު ފައިސާ ހޯދުމުގެ ގޮތުން 11 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"މިހާރު ވެސް 11 މީހެއްގެ އަތުން، ބައެއް ކުންފުނި ވެސް ހިމެނޭ ގޮތަށް [ފައިސާ] ހޯދުމަށް އަޅުގަނޑުމެން ވާނީ ދައުވާކުރަން ފޮނުވާފައި. އެ ކަންތައް ހަލުވިކޮށް ކުރިއަށް ގެންދިއުން ދެން އޮތީ،" ރައީސް ވިދާޅުވި އެވެ.
މި މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވި ފަސް ފަރާތެއްގެ މައްޗަށް ޖުމުލަ 43 ދައުވާއެއް ސާބިތުވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މިހާރުވެސް ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ލަސްވާ ސަބަބެއްގެ ގޮތުގައި ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް ހެދުނު ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓުތަކެއް އާންމުވުމާއި ގުޅިގެން ކަމަށެވެ. ނަމަވެސް ނަތީޖާ ނެރުމަށްޓަކައި ރަނގަޅު މަސައްކަތްތަކެއް ތަހުގީގީ އިދާރާތަކުން ކޮށްފައިވާކަމަށްވެސް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި 114 ބޭފުޅެއްގެ ނަން ހިމަނާފައިވެ އެވެ. މީގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނާއި މިހާރުގެ މެންބަރުންނާއި ސަރުކާރުގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިންނާއި ފަނޑިޔާރުންނާއި ސަލާމަތީ ހިދުމަތްތަކުގެ އިސް ބޭފުޅުން ހިމެނެ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެ ލިސްޓް އާންމުކުރުމާ އެކު އަމާޒުވި ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނުން ފަހުން ބުނެފައިވަނީ ލިސްޓްގައި ތިބި ހުރިހާ ބޭފުޅުންނަކީ ހިޔާނާތުގައި ބައިވެރިވެގެން އުޅުނު ބޭފުޅުން ނޫން ކަމަށެވެ. މައްސަލަ އެކަށީގެންވާ ގޮތަކަށް ނުބެލި އަދި ދައުލަތަށް އެއްވެސް ފައިސާއެއް ވެސް ހޯދައިނުދެވުމުން އެސެޓް ރިކަވަރީ ކޮމިޝަން މިހާރު ވަނީ އުވާލައްވާފަ އެވެ.